ވެރިކަމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ހުރެގެން ކަންކަން ރަނގަޅު ނުވާނެ ކަމަށާއި، ކަކުލުގައި ރިއްސާތީ ދިން ބޭސް ވެސް ޖެހުނީ 1500 ރުފިޔާ އަށް ގަންނަން ކަމަށް އާއްމު މީހަކު ބުނެފި އެވެ.

ރާއްޖެޓީވީ އިން ގެނެސްދޭ ހާލު ކިހިނެއް ޕްރޮގްރާމްގައި، ށ.ފޯކައިދޫ އިން ވާހަކަދެއްކި އާސިމާ ބުނީ މި ވެރިކަމުގައި ބޭސް ނުލިބުމުގެ ދަތިކަން އިންތިހާ އަށް ކުރިމަތިވެފައި ވާ ކަމަށެވެ. 

ކަކުލުގައި ރިއްސާތީ އޭނާ ގެ ފިރިމީހާ ޑޮކްޓަރަށް ދެއްކުމުން ދިން ބޭސް ނުލިބިގެން މުޅި މާލޭގައި ހިނގަން ޖެހުނު ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އެންމެ ފަހުން 1500 ރުފިޔާ އަށް ބޭސް ގަންނަން ޖެހުނު އިރު އެއީ އާއްމު މީހަކަށް ކުރެވޭ ވަރަށް ވުރެ ބޮޑު ޚަރަދެއްކަން އޭނާ ވަނީ ފާހަގަކޮށްފަ އެވެ.

"އަނެއްކާ ފަހުން އަޅުގަޑު ހަށިގަނޑުގައި ރިއްސާތީ ދިން ބޭސް ނުލިބިގެން އެ ވަރަށް ތެޅެން ޖެހުނު.  ތިނަދޫ އަކުން ނުލިބޭ، ކުޅުދުއްފުށްޓަކުންނެއް ނުލިބޭ. ދެން ދާން ޖެހޭނީ މާލެ އަށް. މާލޭގައި ވެސް މުޅި ދުވަހު ދުވެގެން ކަންނޭނގެ ލިބޭނީ. ލިބޭ އެއްޗެއްގެ ވާހަކަ ބުނަން ވާނެ. ރަށުން ގޭސް ބޭސް ލިބޭ. އެއީ ލިބޭ އެއްޗެއް." އޭނާ ވަނީ ބުނެފަ އެވެ.

އޭނާ ވަނީ ނިމިދިޔަ ސަރުކާރާއި މި ސަރުކާރާއި އަޅާ ކިޔާ ނަމަ މިދިޔަ ސަރުކާރަކީ ރަނުގެ ފަސް އަހަރު ކަމަށް ސިފަކޮށްފަ އެވެ.

އާސިމާ ބުނީ ފެނާއި ނަރުދަމާ ނިޒާމުގެ ސަބަބުން ވަރަށް ބޮޑަށް އާއްމުންނަށް ފަސޭހަ ވެގެން ދިޔަ ކަމަށެވެ. ނިމިދިޔަ ސަރުކާރުން ކޮށްދިން މުހިންމު އެހެން ކަންކަން ފާހަގަކޮށް، އޭނާ ބުނީ އެ ރަށުގެ ފަޅު ފުރިހަމަ ކޮށްދިނުމަކީ ނިމިދިޔަ ސަރުކާރުން ކޮށްދިން ވަރަށް ރަނގަޅު ކަމެއް ކަމަށެވެ.

"ރައީސް މުއިއްޒު ރަށަށް އަރާ ވިދާޅުވި. ކުރީ ސަރުކާރުން އިހުމާލު ވެފައިވާ ކަމަށް. ބަނދަރު މައްޗަށް އެރީމަ ބަލާލި ކޮންމެ ތަނަކުން ފެންނަނީ ކޮށްދީފަ ހުރި ކަންކަން." އޭނާ ބުންޏެވެ.

އާސިމާ އިތުރަށް ބުނީ މި ސަރުކާރަށް ކޮށްދެވުނު އެއް ކަމަކީ އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ކަމަށެވެ. އެއީ ވެސް ނިމިދިޔަ ސަރުކާރުން އިދާރީ ކަންކަން ފުރިހަމަކޮށްފައިވާ ކަމެއް ކަމަށް ބުނާތީ އަޑު އިވުނު ކަމަށް އާސިމާ ވަނީ ބުނެފަ އެވެ. މީގެ އިތުރުން އެތައް ބަޔަކު ތަރާވީހަށް ދާ މިސްކިތެއް ރޯދަ މަސް ކައިރިވެފައި ވަނިކޮށް މި ސަރުކާރުން ތަޅާލާފައިވާ ކަން އޭނާ ފާހަގަކުރި އެވެ. އެތަން ވެސް ރޯދަ މަހަށް ނިމިދާނެ ކަަަމަށް ޤަބޫލު ނުކުރެވޭ ކަަމަށް އޭނާ ވަނީ ބުނެފަ އެވެ.