އަރިއަތޮޅު އުތުރުބުރީގައި ހިންގަމުން އަންނަ މަޝްހޫރު ރިސޯޓު، ޑަބްލިއު މޯލްޑިވްސްއިން އެ ރިސޯޓުގެ ފަރު އާލާކުރުމަށް ފެށި "ސީ އޮފް ސްޓަރސް" ޕްރޮގްރާމްގެ ދަށުން މުހިންމު ކާމިޔާބީތަކެއް ހޯދައިފި އެވެ.
މިއީ ދުނިޔޭގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ "މާސް ސަސްޓެއިނަބަލް ސޮލިއުޝަންސް" އާ ގުޅިގެން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ޑަބްލިއު މޯލްޑިވްސްގެ ފަރުގެ 400 އަކަމީޓަރަށް ވުރެ ބޮޑު ސަރަހައްދެއްގައި "ރީފް ސްޓަރސް" ބޭނުންކޮށްގެން ފަރު އާލާކުރުމުގެ މަސައްކަތް ވަނީ ކޮށްފަ އެވެ. އެގޮތުން 400 ރީފް ސްޓަރ ފްރޭމާއި، 6،000 އަށް ވުރެ ގިނަ މުރަކަ ވަނީ އިންދާފަ އެވެ. މިއީ މިހާތަނަށް ރާއްޖޭގެ ރިސޯޓެއްގައި އެއްފަހަރާ ހިންގި މިފަދަ އެންމެ ބޮޑު އެއް ހަރަކާތެވެ.
މި މަޝްރޫއުގައި ރިސޯޓަށް ޒިޔާރަތްކުރި ފަތުރުވެރިންނާއި، މާސް ކުންފުނީގެ މާހިރުން އަދި ރިސޯޓުގެ މުވައްޒަފުން ވަނީ އަމަލީގޮތުން ބައިވެރިވެފަ އެވެ. ރިސޯޓުން ބުނިގޮތުގައި، 2025 ވަނަ އަހަރުގެ ފަހުކޮޅު ފެށި މި މަސައްކަތުގެ ނަތީޖާ މިހާރު ފެންނަން ފަށާފައިވާ ކަމަށާއި، މުރަކަތައް ހެދި، މަސްމަހާމެހި އަލުން ފަރަށް ޖަމާވާން ފަށާފައިވާ ކަމަށެވެ.
ޑަބްލިއު މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރު އަމީލާ ހަންދުަންވަލާ ވިދާޅުވީ، މިއީ ހަމައެކަނި ފެށުމެއް ކަމަށާއި، އަމާޒަކީ މިފަދަ ތިމާވެށީގެ މަޝްރޫއުތައް މެރިއޮޓް އިންޓަނޭޝަނަލްގެ ރާއްޖޭގެ އެހެން ރިސޯޓުތަކަށްވެސް ފުޅާކުރުން ކަމަށެވެ. މީގެ އިތުރުން ބަޔޯ-ގޭސް ޕްލާންޓާއި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް އިތުރަށް ތަރައްގީކުރުމަށްވެސް ރިސޯޓުން ވަނީ ނިންމާފަ އެވެ.