ހުޅުމާލޭ ދެވަނަ ފިޔަވަހިން 1.3 މިލިއަން އަކަފޫޓުގެ ބިމެއް ލަގްޒަރީ ހައުސިން އަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދިން މައްސަލަ އެންޓި ކަރަޕްޝަން ކޮމިޝަން (އޭސީސީ) ގައި ރަޖިސްޓަރީ ކޮށްފި އެވެ.

އަމިއްލަ ފަރާތަކުން އޭސީސީ އަށް ހުށަހެޅި މި މައްސަލައިގައި ބުނެފައި ވަނީ، ހުޅުމާލޭ ދެވަނަ ފިޔަވަހިން 1.3 މިލިއަން އަކަފޫޓުގެ ބިމެއް ލަގްޒަރީ ހައުސިންގ މަޝްރޫއު އެއް ހިންގުމަށް އެޗްޑީސީ އިން ހުޅުވާލާ، މި މަޝްރޫ އަށް ބަޔަކު ހޯދުމަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމަށް ދީފައިވަނީ އެންމެ 6 ދުވަހުގެ މުއްދަތެއް ކަމަށާއި މިހާ ކުރު މުއްދަތެއްގެ ތެރޭގައި މިވަރުގެ މަޝްރޫއު އެއްގެ ފަންނީ ދިރާސާތައް ހަދާ ފައިނޭންޝަލް މޮޑެލްތަކާ އެކު ލިޔެކިޔުންތައް ތައްޔާރުކޮށް ހުށަހެޅުމަކީ މުސްތަހީލް ކަމެއް ކަމަށެވެ.

އެހެން ކަމުން މިއީ ދުރާލާ ރާވައިގެން މި މައުލޫމާތު ވަކި ބަޔަކަށް ދީގެން ވަކި ފަރާތަކަށް މި ޕްރޮޖެކްޓް އެވޯޑް ކުރުމަށް ކުރަމުން ގެންދާ މަސައްކަތެއް ކަމަށް ވެސް މައްސަލަ ހުށަހެޅި ފަރާތުން ބުނެފައިވެ އެވެ.

މައްސަލަ އޭސީސީ ގައި ރަޖިސްޓަރީ ކޮށްފި ކަމަށް ބުނެ މައްސަލަ ހުށަހެޅި ފަރާތައް އޭސީސީން ވަނީ ލިޔުމުން އަންގާފަ އެވެ.

މި މައްސަލަ އޭސީސީ އަށް ހުށަހެޅީ ހުސްވި ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު އެވެ.