ދުނިޔޭގެ އެންމެ މުއްސަނދި ފަރާތްތަކު ގެ މެދުގައި ދިވެހިރާއްޖެއަކީ އެންމެ މަގުބޫލު މަންޒިލްކަން އަނެއްކާ ވެސް ސާބިތުކޮށްދީފި އެވެ.

2026 ވަނަ އަހަރުގެ އާ އަހަރުގެ ފެށުމާއެކު، ރާއްޖޭގެ ކަނޑުގެ ސަރަހައްދާއި ވައިގެ ބަނދަރުތައް ވަނީ ދުނިޔޭގެ ނުފޫޒުގަދަ ބިލިއަނަރުންނާއި މުއްސަނދިންގެ އުޅަނދުތަކުން ފުރާލާފަ އެވެ.

މި ފެސްޓިވް ސީޒަނަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށް އުންމީދީ ފެށުމެކެވެ. ރާއްޖޭގެ ގިނަ ލަގްޒަރީ ރިސޯޓުތައް މިހާރު އޮތީ މުޅިން ފުރިފަ އެވެ. 2026 ވަނަ އަހަރުގެ އާ އަހަރުގެ ދުވަހާ ހަމައަށް، ރާއްޖޭގެ އެކި އެއާޕޯޓްތަކުގައި 130 އަށްވުރެ ގިނަ ޕްރައިވެޓް ޖެޓް ވަނީ ޕާކުކޮށްފަ އެވެ. މިއީ އާންމު ދުވަސްވަރާ އަޅާބަލާއިރު 30% އާއި 40% އާ ދެމެދުގެ އިތުރުވުމެކެވެ. 

އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި 30 އަށްވުރެ ގިނަ ޖެޓް ވަނީ ޕާކުކޮށްފަ އެވެ. މީގެ ތެރޭގައި އެންމެ ޒަމާނީ ޖެޓްތައް ހިމެނެ އެވެ. އެމް.އޭ.ސީ.އެލް ގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި އެއާޕޯޓު ގެ އޭޕްރަން ވަނީ މުޅިން ފުރިފަ އެވެ. އަދި ނޫނު އަތޮޅުގައި އޮންނަ  މާފަރު އިންޓަނޭޝަނަލް އެއާޕޯޓް އަކީ މިހާރު ލަގްޒަރީ ފަތުރުވެރިކަމުގެ މައި ހަބެކެވެ. މިދިޔަ ޑިސެމްބަރު މަހު އެކަނިވެސް 98 ޕްރައިވެޓް ޖެޓް މޫވްމަންޓް މި އެއާޕޯޓުން ވަނީ ރެކޯޑުކޮށްފަ އެވެ. މިހާރުވެސް ގާތްގަނޑަކަށް 40 އާއި 50 އާ ދެމެދުގެ ޖެޓް އެތަނުގައި ޕާކުކޮށްފައި އެބަހުއްޓެވެ. އޭގެއިތުރުން އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި 5 އާއި 10 އާ ދެމެދުގެ ޖެޓް ހުރިއިރު، ހަނިމާދޫ އަދި ކުޅުދުއްފުށީ އެއާޕޯޓުގައިވެސް މަދު އަދަދެއްގެ ޖެޓްތައް ވަނީ ޕާކުކޮށްފަ އެވެ.

ރާއްޖޭގެ އެކި އަތޮޅުތަކުގައި ބަނދަރުކޮށްފައިވާ ޔޮޓްތައް

  • ނޯޑް - 148 މީޓަރު - އަލެކްސީ މޮރްޑަޝޯވް (ރަޝިޔާގެ ބިލިއަނަރެއް)
  • އަލް ލުސައިލް - 125 މީޓަރު - ޝައިޚް ތަމީމް ބިން ޙަމަދު އައްޘާނީ (ގަތަރުގެ އަމީރު)
  • ފެއިތް - 96 މީޓަރު - ލޯރެންސް ސްޓްރޯލް (ބިލިއަނަރެއް / އެފް1 ޓީމް އޯނަރ)
  • ވީލްސް - 76 މީޓަރު - ރާލްފް ޝްމިޑް (ޖަރުމަނުގެ ވިޔަފާރިވެރިއެއް)
  • ލޭޑީ އީ - 74 މީޓަރު - ޑޭވިޑް ރަސެލް (އިނގިރޭސި ވިޔަފާރިވެރިއެއް)
  • ސްޕްރިންޓް - 54 މީޓަރު - އިޓަލީގެ މިލިއަނަރެއް
  • ދަ ސުލްތާންސް ވޭ - 30 މީޓަރު - ދިވެހި ޗާޓަރ އޮޕަރޭޓަރެއް
  • ސިންތެސިސް 66 - އަމިއްލަ ފަރާތެއް

މުއްސަނދި މަހުޖަނުން ރާއްޖެ އިހުތިޔާރުކުރުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ. ހާއްސަކޮށް މާފަރު އެއާޕޯޓު ފަދަ ތަންތަން ތަރައްގީކުރުމުގެ ނަތީޖާ މިހާރު ފެންނަމުންދާ ކަމަށް ދާއިރާގެ ތަޖުރިބާކާރުން ބުނެ އެވެ.