ރާއްޖޭގައި ފިކުރީ މުދާ ހިމާޔަތްކޮށް ކުރިއެރުވުމަށް "މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީސް" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފައްދަވައިފި އެވެ.

މި އިދާރާއަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ރައީސް ވަނީ ހަމަޖައްސަވާފަ އެވެ.  މި އޮފީހުގެ މައިގަނޑު ބޭނުމެއްގެ ގޮތުގައި ބަޔާން ކޮށްފައި ވަނީ ރާއްޖޭގައި ފިކުރީ މުދާ ހިމާޔަތްކޮށް ކުރިއެރުވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކޮށް ވިޔަފާރީގެ ދާއިރާގައި ފަންނުވެރިކަމާއި އިނޮވޭޝަންއަށް ހިތްވަރުދީ އެ ދާއިރާ ކުރި އެރުވުމެވެ.

ރާއްޖޭގައި ފިކުރީ މުދާ ހިމާޔަތްކޮށް ކުރިއެރުވުމަށް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހެއް ގާއިމުކުރުމުގެ ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ޕީއެންސީއަށް ނިސްބަތްވާ ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސައިން ހަމީދު އެވެ. އެ ބިލު ފާސްކުރީ 2025 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 11 ވަނަ ދުވަހު އެވެ. އަދި އެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވީ 2025 ވަނަ އަހަރު އޮގަސްޓު މަހުގެ 22 ވަނަ ދުވަހު އެވެ. 

ބިލުގައިވާ ގޮތުން "ފިކުރީ މުދާ" ގެ ތެރޭގައި ހިމެނެނީ ޓްރޭޑްމާކާއި، ޕޭޓަންޓާއި، ކޮޕީރައިޓާއި، އިންޑަސްޓްރިއަލް ޑިޒައިން އަދި ޖިއޮގްރަފިކަލް އިންޑިކޭޝަންތަކެވެ. 

އެ އޮފީހުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ފިކުރީ މުދާ ރަޖިސްޓްރީ ކުރުމާއި، ރަޖިސްޓްރީ ކުރާ މުދަލުގެ ދަފްތަރެއް އެކުލަވާލުން ހިމެނެ އެވެ. ހަމައެހެންމެ، ފިކުރީ މުދަލާ ގުޅޭ ހޭލުންތެރިކަން އިތުރު ކުރުމާއި ބައިނަލްއަގުވާމީ މުއާހަދަތަކުގެ ދަށުން ކުރަން ޖެހޭ ކަންކަން ކުރުމާއި ވިލަރެސް ކުރުން ހިމެނެ އެވެ.

އެ އޮފީސް ހިންގުމުގެ އެންމެ އިސް ބޭފުޅަކަށް ހުންނަވާނީ ރަޖިސްޓްރާ އޮފް އިންޓެލެކްޗުއަލް ޕްރޮޕަޓީ އެވެ. އެ މަގާމަށް މީހަކު އައްޔަނުކުރާނީ އިގުތިސޯދީ މިނިސްޓަރެވެ. ކޮމިޓީ މަރުހަލާގައި ވަނީ އެ މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ކަނޑައަޅާފައި އޮތް 10 އަހަރުގެ ތަޖުރިބާގެ މުއްދަތު ފަސް އަހަރަށް ކުރު ކޮށްފަ އެވެ.

އެ މަގާމަށް އަންނަ މީހެއްގެ ދައުރަކީ ފަސް އަހަރެވެ. ފިކުރީ މުދާ ރަޖިސްޓްރީ ކުރުމާއި، ރަޖިސްޓްރީ ކުރާ މުދަލުގެ ދަފްތަރެއް އެކުލަވާލައި ބެލެހެއްޓެވުމުގެ ޒިންމާ އަދާކުރައްވަނީ ރަޖިސްޓްރާ އޮފް އިންޓެލެކްޗުއަލް ޕްރޮޕަޓީ އެވެ.