ބޮޑު ގެއްލުމެއްގައި ހިންގަމުންދާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އައު އަހަރާ ދިމާކޮށް، އައު ލޯގޯ ލޯންޗު ކުރުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ. 

އައު އަހަރާ ދިމާކޮށް ލޯންޗު ކުރި މި ލޯގާއާ ގުޅޭގޮތުން އާރްޑީސީން ބުނީ، މި ލޯގޯއިން ފެންނަނީ ދިވެހިންގެ އަތްތެރިކަމުގެ އެންމެ އަސާސީ ބިންގާ ކަމަށާއި، ދިވެހި ރުކުގެ ފަން ވިނުމުގެ ފުރަތަމަ މަރުހަލާ އިން އެ ކުންފުނީގެ އުފެއްދުންތެރިކަމާއި އިމާރާތް ކުރުމުގެ ފެށުން ދައްކުވައިދޭ ކަމަށެވެ. 

އާރްޑީސީން ބުނީ، ފަން ވިޔުމުގައި ކޮންމެ ފަތެއް އަނެއް ފަތަކާ ގުޅި، ބާރުވެރިވެ، އެކުގައި ވަރުގަދަ އެއްޗަކަށް ވެގެންދާ ކަމަށާއި، މިއީ ދިވެހިންގެ ދިރިއުޅުމުގައި ފެންނަ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ރަމްޒެއް ކަމަށެވެ. މިއަދު އެކުންފުނި ރީބްރޭންޑް ކުރުމުގައި މި ވިޔުމުގެ ފަންނުން "އިންސްޕިރޭޝަން" ލިބިގަންނަނީ ގެދޮރު އިމާރާތްކުރުމަށް ބޭނުންކުރި ދިވެހި ރުކުގެ ފަނުން އެކުލެވިގެންވާ މުހިންމު މާނަތަކުގެ ސަބަބުން ކަމަށެވެ.

އާރްޑީސީން ބުނީ، ލޯގޯގައި ހަ ކަން (ހެކްސަގޮން) މި ބައްޓަމުން ދައްކުވައި ދެނީ ކުންފުނީގެ ހަރުދަނާ ކަމާއި، ބިންގަލުގެ ވަރުގަދަކަން ކަމަށެވެ. ރީ ބްރޭންޑްކުރުމުގެ މި މަސައްކަތަކީ ކުންފުނީގެ އާ ފެށުމެއް ކަމަށާއި، ދިވެހި އަތްތެރިކަމުގެ ފުރަތަމަ މަރުހަލާއިން ފެށިގެން، މި ކުންފުނިވެސް އާ ފޮޅުވަތެއް ލިޔަމުން މިދަނީ އެ އަސާސީ ހަމަތަކުގެ މައްޗަށް ބިނާކޮށް ކަމަށެވެ.

އާރްޑީސީން ބުނީ ކުންފުނީގެ މަގުސަދަކީ މަގުތައް ހެދުމާއި، ދާލަންތައް މަރާމާތުކޮށް ބެލެހެއްޓުމާއި، ހައިވޭތަކާއި ކޯޒްވޭތައް ހެދުމާއި، އިމާރާތްކުރުމާއި އިމާރާތްކުރާ ސާމާނު ފޯރުކޮށް ދިނުން ކަމަށެވެ.

ނަމަވެސް އާރްޑީސީއާ ހަވާލު ކޮށްފައިވާ ގިނަ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ކުރިއަށް ނުދެ އެވެ. އާރްޑީސީން ހިއްސާކޮށްފައިވާ މައުލޫމާތަށް ބަލާއިރު، 31 ޑިސެންބަރު 2019 ން 23 އޭޕްރީލް 2025ގެ ނިޔަލަށް  81 މަޝްރޫއެއް ގައި އެކުންފުނިން ސޮއި ކޮށްފައިވެ އެވެ. އަދި ގިނަ މަޝްރޫއުތަކެއް ހުރީ ނުނިމި އެވެ. 

މީގެ އިތުރުން އާރްޑީސީއަށް ސިޔާސީ ގޮތުން ގިނަ ބަޔަކަށް ވަޒީފާ ދެމުންދާ ކަމަށާއި، ކުންފުނީގެ ހިންގުން ބޮއްސުން ލާފައިވާ ކަމަށް ޕީސީބީ ރިޕޯޓު ވަނީ ހާމަވަގެން ގޮސްފައިވެ އެވެ. 

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ގެއްލުމެއްގައި ހިންގަމުން އަންނަ އެއް ކުންފުންޏަކީ ވެސް އާރުޑީސީ އެވެ. އާރްޑީސީ ގެ މާލީ ހާލަތުގެ ސަބަބުން އަމިއްލަ ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ނުދެވޭ ކަމަށް އެ ކުންފުނިން ސިވިލް ކޯޓުގައި ވެސް ބުނެފައިވެ އެވެ. 2025 ވަނަ އަހަރުގެ ފުރަތަމަ ކުއަރޓަރުގައި އެންމެ ބޮޑު ގެއްލުމެއް ވީ ވެސް އާރްޑީސީ އަށް ކަމަށް ޕީސީބީ ގެ ރިޕޯޓަކުން ވަނީ ހާމަ ވެފަ އެވެ. ރިޕޯޓުން އެނގޭ ގޮތުގައި އެ ކުންފުންޏަށް ވަނީ 113.73 މިލިއަން ރުފިޔާގެ ގެއްލުން ވެފަ އެވެ.

އެ ރިޕޯޓުން ހާމަވެފައިވާ ގޮތުގައި 2022، 2023 އަދި 2024 ވަނަ އަހަރުގެ އޮޑިޓު ނިންމާފައި ނުވާ ކުންފުނިތަކުގެ ތެރޭގައި ވެސް އާރްޑީސީ ހިމެނެ އެވެ.

އާރްޑީސީ މިފަދަ ހާލަތެއްގައި އޮވެ، އައު ލޯގޯ ލޯންޗު ކުރުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން އެކުންފުންޏަށް ވަނީ އަމާޒުވެފަ އެވެ.

މިއީ ވެސް ރައްޔިތުންގެ ފައިސާއަށް ހިޔާނަތްތެރިވުން ކަމަށާއި، ރައްޔިތުންނަށް ފައިދާ ނުވާ މިފަދަކަންކަން ހުއްޓާލުމަށް ގިނަ ބަޔަކު ގޮވާލާފައިވެ އެވެ. 

އައު އަހަރާ ދިމާކޮށް އައު ލޯގޯއެއް ލޯންޗު ކުރުމަކީ މަޝްރޫއުތައް ބާރު ސްޕީޑްގައި ކުރިއަށްދާނެ ސަބަބެއް ނޫން ކަމަށާއި، މިކަމުން ގައުމާ ރައްޔިތުންނަށް ލިބޭނެ ފައިދާއެއް ނެތް ކަމަށް ގިނަ ބަޔަކު ބުނެފައިވެ އެވެ.