ދިވެހިރާއްޖޭގައި ހުދުމުހުތާރު ވެރިކަމުގެ ޗޮއިސް ނޫން ޗޮއިސް އަކަށް ހަމައެކަނި އޮތީ ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި މެންބަރު އަހުމަދު ދީދީ ވަނީ އެމްޑީޕީގެ ސިޔާސަތުތަކަށް އަލިއަޅުއްވާ ލައްވާ ވާހަކަ ދައްކަވާފަ އެވެ. 

މެންބަރު އަހުމަދު ދީދީ ވިދާޅުވީ ރާއްޖޭގެ ރައްޔިތުން ހުދުމުހުތާރު ވެރިކަން ބޭނުން ނުވާ ކަމަށާއި، އެ ޗޮއިސް އަށް ދާން ބޭނުން ނުވާނެ ކަމަށެވެ. އެ ނޫން ޗޮއިސް އަކަށް މިއަދު ހަމައެކަނި އޮތް ޗޮއިސްއަކީ އެމްޑީޕީ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ އެމްޑީޕީ އަކީ ޑިމޮކްރެޓިކް ގަވަރނަންސްގެ ތެރެއިން ކުރިއަށްދާން އެންމެ ރަނގަޅު ޕާޓީ ކަމަށެވެ. 

ޕީއެންސީގައި ސަރުކާރު ހިންގާ ޕާޓީގައި އެއްވެސް ބަޔަކަށް ރައީސް މުއިއްޒު ކުރާ އެއްވެސް ކަމަކާ ދެކޮޅަށް ބަހެއް ބުނަން ނުކުރުމަކީ އެއީ ހުދުމުހުތާރު ކަމުގެ ނަތީޖާ. ހަގީގަތުގައި ޕީއެންސީ އަކީ އަޅުގަނޑުމެންނާ ވާދަވެރި ރާއްޖޭގައި މިއޮތް ފިކުރުތައް ޑީއާރްޕީ  ޕީއެމްއެމް މިގޮތަށް ވާރުތަވަމުން އަންނަ ފިކުރެއް. އެއާ ހިލާފަށް އެމްޑީޕީ އަކީ ޑިމޮކްރެޓިކް ހުރިހާ އަސާސްތަކެއްގެ މައްޗަށް ބިނާވެ މުއައްސަސާ އެއް ގޮތަށް މަސައްކަތް ކުރަމުން އަންނަ ފިކުރެއްވީމަ މިހައި ދުވަސްވެގެން ދާއިރު، އެމްޑީޕީ އެމްޑީޕީގެ ގޮތުގައި އެކަތިގަނޑެއްގެ ގޮތުގައި. ދެން މީގެ ތެރެއިން ބައެއް ފަހަރު ހިޔާލު ތަފާތުވެގެން  ބައެއް މީހުން އެމްޑީޕީއާ ދުރަށް ދޭ. އެހެންނަމަވެސް  އަނެއްކާ ވެސް އެބޭފުޅުން މިފްލެޓު ފޯމަށް އަރަން ޖެހޭ ސަބަބަކީ މި ފްލެޓު ފޯމަކީ ހުރިހާ ބޭފުޅުންނަށް ވެސް ކުރިއަށް ދިއުމުގެ ފުރުސަތު އޮތް ކަން އެ ޔަގީންކަން އޮންނަ ފްލެޓް ފޯމް ކަމަށްވާތީ.
ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ

އެމްޑީޕީ އަކީ ހުރިހާ ރައްޔިތުންނަށް އުންމީދު ގެނެސްދޭ ފިކުރެއްކަން ފާހަގަކުރައްވައި މެންބަރު އަހުމަދު ދީދީ ވިދާޅުވީ ޕާޓީ އިންޓާނަލް ޑިމޮކްރަސީ ވަރުގަދަ ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

އެމްޑީޕީއާ މެދު ރައްޔިތުން ވަރަށް ބޮޑަށް އުންމީދު ކުރާ ކަމަށާއި، އެ އުންމީދާ އެއްގޮތަށް ޕާޓީ ވެސް ކުރިއަށްދާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ. 

 މިހާރު ވެސް އެމްޑީޕީގައި އަބަދުވެސް  ކުރަމުންދާ މަސައްކަތެއް އިންޓާނަލް ޑިމޮކްރަސީ ވަރުގަދަ ކުރުމުގެ ގޮތުން އިންސްޓިއުޝަނެއްގެ ގޮތުގައި މަސައްކަތް ކުރާނެ މެކޭނިޒަމްތައް މުޅި ޕާޓީގެ ތެރޭގައި ގާއިމް ކުރުމުގެ މަސައްކަތް އަބަދުވެސް ކުރަމުން ގެންދޭ. ޕާޓީގެ ގުނަވަންތަކުން ޚާއްސަކޮށް  ކޮމެޓީތަކުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދޭ.  އެގޮތުން މިހާރު ޕާޓީގައި ބައެއް ބޭފުޅުން ހިޔާލުގައި  ޕާޓީގެ ކޮމިއުނިކޭޝަންގެ ބައި ތަން ކޮޅެއް ދަށީ. އެހެންވީމަ ކޮމެޓީން ވެސް ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އެބަ ގެންދޭ ޕާޓީ ޚާއްސަކޮށް މެންބަރުންނަށްޓަކައި އެޕެއް ފޯނު މެދުވެރިކޮށް އަބަދުވެސް ޕާޓީގެ އެކި ކަންކަން ނޫސްްތަކާއި  ޚަބަރުތަކާ ޕާޓީގެ އިވެންޓްތަކާ ބެހޭ ޚަބަރުތައް އަބަދުވެސް ލިބޭނެ ގޮތަކަށް އެޕެއް ކްރިއޭޓް ކުރުމުގެ މަސައްކަތް ވެސް އެބަ ކުރޭ. 
ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ

މެންބަރު އަހުމަދު ދީދީ ވިދާޅުވީ ލޮޅުންތަކާއެކު ވެސް އެމްޑީޕީ ކުރިއަށްދާ ކަމަށާއި، ޕާޓީގެ ގްރާސްރޫޓަށް ބަދަލު ނާންނަ ކަމަށެވެ. އަދި މިއަދު ވެސް ޕާޓީގެ މެންބަރުން ތިބީ ލީޑަރޝިޕް ދައްކާ މަގުން ކުރިއަށްދާ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.