މި އަހަރަކީ ދިވެހި ރައްޔިތުންނާ އަނެއްކާ ވެސް ބައްދަލުކުރާ ރަނުގެ ފުރުސަތެއް ކަމަށާއި، މިއީ ތަދުމަޑުކަން އާންމުކޮށް، ދިވެހި ރައްޔިތުން ބިކަކޮށް ޙާލުގަ ޖެއްސުމަށް މި ސަރުކާރުން ތަންފީޒު ކުރަމުންދާ ނޭއްގާނީ ސިޔާސަތުތަކަށް ފާޅުގަ ނޫނެކޭ ބުނަންވީ ވަގުތުކަމަށް އެމްޑީޕީ ގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އައު އަހަރާއި ގުޅިގެން، ކުރީގެ ފޮރިން މިނިސްޓަރ ކަންވެސް ކުރެއްވި ޝާހިދު، މީސްމީޑިއާ ގައި އާއްމުކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ  މިއީ މިސަރުކާރުން އަވަދިކޮށްލި ދިވެހި އިޤްތިޞާދު ނަގާ ކޮޅަށްޖެހުމަށް ޢަޒުމު އާކުރަންވީ ވަގުތު ކަމަށެވެ. އަދި މިއީ ހައްގުތަށް ކަށަވަރުކުރުމަށް ތެދުވަންވީ ވަގުތުކަމަށާއި، މިއީ ޑިމޮކްރަސީ އުވާލިޔަ ނުދިނުމަށް ނުކުންނަންވީ ވަގުތުކަމަށެވެ. ހަމައެއެއާއެކު، މިއީ ދިވެހި ގައުމުގެ ދިފާޢުގައި ބަހާއި ޢަމަލުން ސާބިތުވާންވީ ވަގުތުކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.

އަދި މިއަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި، ދޮގާއި، މަކަރާއި ހީލަތާއި ކޮރަޕްޝަނަށް ފުރުސަތު ނުދޭނަމޭ ބުނެ، ޕީއެންސީ ސަރުކާރަށް ބޮޑުކޮށް ނޫނެކޭ ބުނެ، ޕީއެންސީ ސަރުކާރު ބަލިކުރުމަށް އަޅާ ފުރަތަމަ ފިޔަވަޅު އަޅާ އަހަރަށް ހެދުމަށް ޝާހިދު އިލްތިމާސް ކުރެއްވި އެވެ.

މިދިޔަ އަހަރު އަހަރު ވެގެން މިދިޔައީ ދިވެހި ތާރީޚު ވެސް ދެކެފައި ނުވާފަދަ ކޮރަޕްޝަން ގެ ބޮޑެތި ޢަމަލުތައް ސަރުކާރުން ހިންގި އަހަރެއްގެ ގޮތުގައިކަމަށް ޝާހިދު ވިދާޅުވި އެވެ. އެގޮތުން ޝާހިދު ނެންގެވި ބައެއް މިސާލުތަކަކީ، ޤާނޫނުތައް ބަދަލުކޮށް، އާންމުކޮށް އިޢުލާން ކުރުމަކާ ނުލާ، ސަރުކާރުގެ ވެރިންގެ މެދުގައި 2.7 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓްތައް ބަހާލުމެވެ.

މީގެ އިތުރުން ދައުލަތުގެ ކުންފުނިތަކުން ރައްޔިތުންގެ މުދަލަށް ޚިޔާނާތްތެރިވުން މިސަރުކާރުން މިވަނީ އާންމު ކޮށްފިކަމަށާއި، ޤާނޫނު އަސާސީ އިން ކަށަވަރު ކޮށްދިން ޢަދުލު އިންސާފު ގެ ނިޒާމަށް އޮތް އިތުބާރު ކޯޓުތަކަށް ނުފޫޒު ފޯރުވައިގެން މިސަރުކާރުން ނަގާލާފައިވާ ކަމަށްވެސް ޝާހިދު ތުހުމަތުކުރެއްވި އެވެ. އަދި ޤާނޫނު އަސާސީ އަށް ޣައިރު ގާނޫނީ ބަދަލުތައް ގެނެސް، ނުޙައްގުން ފަނޑިޔާރުން މަޤާމުން ވަކިކޮށް، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އަޅުވެތިކޮށްފި ކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި މިނިވަން މުވައްސަސާތަކުގެ އިސް މަޤާމްތަކަށް ސިޔާސީ އެކްޓިވިސްޓުން އައްޔަންކޮށް، ދިވެހި ދަޢުލަތުގެ ޑިމޮކްރަސީގެ އެންމެހާ އަސާސްތައް ރައީސް މުއިއްޒު ގެ ސަރުކާރުން ނެތިކޮށްލާފައި ވާކަމަށާއި، ނޫސްވެރިކަން ހިސޯރުކޮށް މިނިވަން މީޑިޔާގެ ފުރުސަތު ހަނިކޮށްފައި ވާކަމަށް ޝާހިދު ފާހަގަކުރެއްވި އެވެ.