17 މީހުންނާ އެކީ، ފުވައްމުލައް ސިޓީއަށް ދަތުރުކުރި ބޯޓެއް އަޑިއަށް ދަނިކޮށް، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

ހަވާސާ ބޯޓު ފުވައްމުލަކު ބަނދަރަށް ވައްދަނީ
ހަވާސާ ބޯޓު ފުވައްމުލަކު ބަނދަރަށް ވައްދަނީ

ގިނަ އަދަދެއްގެ މުދަލާ އެކީ ދަތުރު ކުރަމުން ދިޔަ "ހަވާސާ" ނަމަކަށް ކިޔާ މި ބޯޓަށް ދިޔަވާކަމުގެ މަޢުލޫމާތު އެމްއެންޑީއެފް އަށް ލިބުނީ ބުރާސްފަތި 12:23 ހާއިރު އެވެ. ބޯޓު ދިޔަވާ ކަމުގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ސިފައިންނާއި، ފުވައްމުލަކު ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުންގެ އިތުރުން  ފުވައްމުލަކު ޕޯސްޓުގެ ސިފައިން ވަނީ ޕަންޕާ އެކު އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދީފައި ވާކަމަށް އެމްއެންޑީއެފް އިން ބުނެފައިވެ އެވެ. 

ބުރާސްފަތި ދުވަހުގެ 13:10 ހާއިރު އެ ބޯޓު  ފުވައްމުލަކު ސިޓީ ބަނދަރަށް ވަނުމުން ދިޔަ ހިއްކުމުގެ މަސައްކަތް ކޮށް، ބޯޓުގައި ބޮޑުވި ދިޔަގަނޑު އެއްކޮށް ހިއްކައި ނިމުނީ ބުރާސްފަތި ދުވަހުގެ 14:10 ހާއިއިރު ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވެ އެވެ. އަދި މި ބޯޓަށް އެހީތެރިވުމުގައި މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވެސް ހަރަކާތްތެރި ވެފައިވާކަމަށް އެމްއެންޑީއެފް އިން ފާހަގަކޮށްފައިވެ އެވެ. 

ހަވާސާ ބޯޓު ފުވައްމުލަކު ބަނދަރަށް ވައްދަނީ

ހަވާސާ ބޯޓު ފުވައްމުލަކު ބަނދަރަށް ވައްދަނީ

މައުލޫމާތު ލިބިފައިވާގޮތުން މި ބޯޓުގައި ޖުމުލަ 17 މީހުން މިއަދު ދަތުރުކުރި އެވެ. އެއީ ހަ ކުރޫއިންނާއި ނުވަ ފަސިންޖަރުންނާއި ކައްޕި އާއި ކޭޝިއަރެވެ. އެއިން އެއްވެސް މީހަކަށް މި ހާދިސާގައި އަނިޔާއެއް ނުވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެ އެވެ. 

މި ބޯޓުން ފަސް މިލިއަނެއްހާ ރުފިޔާގެ މުދާ ގެންދިޔައިރު، ކުޑަ ވެސް ގެއްލުމެއް ލިބުނީ މަދު ކާޑުގެ ބާވަތްތަކަކަށް ކަމަށް ރާއްޖެ އެމްވީ އަށް މައުލޫމާތު ލިބިފައިވެ އެވެ.