ފަތާފައި ގޮސް ރ.ދުވާފަރަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މައްސަލައެއްގައި ތިން މީހަކު ހައްޔަރު ކޮށްފި އެވެ. 

ބުރާސްފަތި ދުވަހު ފުލުހުން ބުނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ދުވާފަރުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ތިން މީހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. 

ދުވާފަރު ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އާއި ގުޅިގެން ޑިސެމްބަރު 31 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ރ. މާކުރަތު / ގުލްފާމުގެ، އަބްދުﷲ ހައްސާން (39އ) އާއި ރ. ދުވާފަރު / އުޖާލާއަލި، އަބްދުﷲ ޝާއިފް (25އ) އާއި ރ. ދުވާފަރު / މެހެލި، އިސްމާޢީލް މުހައްމަދު (21އ) އެވެ.

މި މީހުންގެ ތެރެއިން ދެ މީހަކު ހައްޔަރު ކޮށްފައިވަނީ ވެލިދޫއިން ދުވާފަރަށް މަސްތުވާތަކެތި ހިފައިގެން ލޯންޗެއްގައި ގޮސް ދުވާފަރު ފުއްޓަރު ފަރާތުން މޫދަށް ފައިބައި ފަތާފައި ގޮސް ދުވާފަރަށް އަރަން އުޅުނު ވަގުތު ކަމަށް ފުލުހުން ބުނެ އެވެ. ފުލުހުން ފެނުމުން އެ ތަނުން އެކަކު ފިލަން މަސައްކަތް ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ. އަދި އަނެއް މީހާ ހައްޔަރު ކޮށްފައިވަނީ ދުވާފަރު މަގުމަތިންނެވެ.

މީގެ އިތުރުން ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަބްދުﷲ ހައްސާން ފަސް ދުވަހަށް އަދި އަނެއް ދެ މީހުން 30 ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައިވާ ކަމަށެވެ. 

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.