ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް ދޭ މާލީ އެހީ އެންމެ ގިނައިން ލިބޭ މީޑިއާ އަކަށް މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިބްރާހިމް ވަހީދު (އަސްވާޑު) ގެ މަސްލަހަތު އޮންނަ ސަންގު ޓީވީ ހަމަޖައްސައިފި އެވެ. 

މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މި އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓްގައި އެކަމަށް ފައިސާ ކަނޑައަޅާފައި ވާއިރު، އެއީ ބަޖެޓުގެ އަންދާޒާ ކުރެވޭ އާމްދަނީގެ 0.1 ޕަސެންޓް ކަމަށްވާ 27.9 މިލިޔަން ރުފިޔާ އެވެ.

ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް މާލީ އެހީ ދިނުމުގެ އުސޫލު އެންމެ ފުރަތަމަ އެކުލަވާލައި މީޑިއާތަކަށް ފައިސާ ދޫކުރުމަށް މަސައްކަތް ކުރަމުންދިޔައީ ޔޫތު މިނިސްޓްރީންނެވެ. މި އަހަރު ގެ އޮކްޓޯބަރު މަހު އެ މިނިސްޓްރީ އިން އިއުލާން ކުރީ 27.9 މިލިޔަން ރުފިޔާ 18 މީޑިއާއަކަށް ބަހާލުމަށެވެ. އެ އުސޫލުގެ ދަށުން ވެސް އެންމެ ގިނައިން ފައިސާ ލިބޭ މީޑިއާ އަކަށް ކަނޑައަޅާފައި އޮތީ ސަންގު ޓީވީ އެވެ. އެފަހަރު އޮތް ގޮތުން ސަންގު ޓީވީއަށް 3.8 މިލިޔަން ލިބޭއިރު ސަންގު އޮންލައިނަށް 1.3 މިލިޔަން ރުފިޔާ ލިބެ އެވެ. އެއީ ޖުމްލަ 5.1 މިލިޔަން ރުފިޔާ އެވެ.

އެ ނިންމުމާ ގުޅިގެން މީޑިއާ ތަކުގެ ޝަކުވާ ބޮޑުވުމުން، ސަރުކާރުން އެ ނިންމުން ބާތިލުކޮށް އެ މަސައްކަތް ހަވާލުކުރީ މީޑިއާތައް ކޮންޓްރޯލް ކުރަން އުފެއްދި މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނާ އެވެ. ނަމަވެސް މި ކޮމިޝަނުން ވެސް އުސޫލު އެކުލަވާލާ ފައިސާ ބަހަން ނިންމާފައިވާ ގޮތާ މެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. 

ފައިސާ ލިބޭ މީޑިއާތަކުގެ ނަންތައް މިހާރު އާންމު ކޮށްފައިވާއިރު، އެންމެ ގިނައިން ފައިސާ ލިބޭ ޔޫތު މިނިސްޓަރު އަސްވާޑް ގެ މަސްލަހަތު އޮންނަ ސަންގު އޮންލައިނަށް 1.08 މިލިއަން ރުފިޔާ ލިބޭނެ އެވެ. 

މީޑިއާ ތަކަށް ފައިސާ ލިބޭ ގޮތުގެ ތަފްސީލު

މިފަހަރުގެ ލިސްޓުން ފާހަގަ ކުރެވޭ ބަދަލުތަކަށް ބަލާއިރު، ކުރީގެ ލިސްޓުގައި ހިމެނުނު ބައެއް ފަރާތްތައް މިފަހަރުގެ ލިސްޓްގައި ނުހިމެނެއެވެ. އޭގެ ތެރެއިން ބައެއް ފަރާތްތަކުން މިފަހަރު އެހީއަށް އެދި ހުށަނާޅާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.