ބިދޭސީންނަށް ބިން މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރުމަކީ މި ސަރުކާރުގެ ވެރިން ކުރި ކަމެއް ކަމަށާއި، ގައުމިއްޔަތުގެ ނަމުގައި ޕީއެންސީ/ޕީޕީއެމް އިން އަބަދުވެސް ގައުމު ފޮތިފޮތިކޮށް އަމިއްލަ ޖީބަށް ފައިސާ ޖަމާކުރުމަށް ގާނޫނުއަސާސީ އާއި ގާނޫނުތައް ބަދަލުކުރާ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަދި ކުރީގެ އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ. 

ފައްޔާޒު މިފަދައިން ވިދާޅުވީ ބިދޭސީންނަށް ދިވެހިރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރުމުގެ މަޝްވަރާތައް ކެބިނެޓުގައި ކުރަމުން އަންނަކަމަށް މީޑިއާތަކުގައި ރިޕޯޓް ކުރުމާއި ގުޅިގެންނެވެ. 

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ހަބަރުތައް ބުނާ ގޮތުން ބިދޭސީންނަށް ބިން މިލްކު ކުރެވޭ ގޮތް ހެދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅު ވާތީ އެކަމުގެ މަޝްވަރާތަކެއް ކެބިނެޓުގައި ކޮށްފައިވެ އެވެ. އަދި މިި މަޝްވަރާތަކުގައި ބައެއް ކެބިނެޓް ވަޒީރުން ދެކޮޅު ހެއްދެވި ނަމަވެސް އެންމެ ވަޒީރެއް ފިޔަވައި ހުރިހާ ވަޒީރުން ވޯޓު ދެއްވި އެވެ. 

މިފަދަ މަޝްވަރާ އެއް ކުރިއަށްދިޔަ ކަމެއް އަދި އެފަދަ މަޝްވަރާތަކެއް ކުރަންޖެހުނީ ކީއްވެގެން ކަމެއް މިހާތަނަށް ސަރުކަރުން ހާމަކޮށްފައި ނުވާ އިރު، މި މައްސަލައިގައި ސަރުކާރުން އަދި އޮތީ ހަނު އެވެ. 

މިކަމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ ބިދޭސީންނަށް ބިން މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރުމަކީ މިއީ ކެބިނެޓު ލެވެލްގައި އަދި އެނޫންވެސް ގޮތެއްގައި މަޝްވަރާ ވެސް ކުރެވިގެން ވާނެ ކަމެއް ނޫން ކަމަށެވެ. އަދި ގައުމިއްޔަތުގެ ނަމުގައި ޕީއެންސީ/ޕީޕީއެމް އިން އަބަދުވެސް ގައުމު ފޮތިފޮތިކޮށް އަމިއްލަ ޖީބަށް ފައިސާ ޖަމާކުރުމަށް ގާނޫނުއަސާސީ އާއި ގާނޫނުތައް ބަދަލުކުރާ ކަމަށެވެ. 

އެގޮތުން 2015 ވަނަ އަހަރު ވެސް މިހާރު ސަރުކާރުގެ ވެރިން ވެސް މަޖިލީހުގައި ތިބިއިރު، އެ މީހުން ވޯޓު އަޅައިގެން ދިވެހި ފަސްގަނޑު ވިއްކާލަން ފާސްކުރި ކަން ފައްޔާޒުގެ ޕޯސްޓުގައި ފާހަގަ ކުރެއްވި އެވެ. އަދި ދިވެހި ފަސްގަނޑުން އެންމެ އިންޗިއެއް ވެސް ދޫކުރުމަކީ އެމްޑީޕީއިން ދުވަހަކު ވެސް ބަލައިގަންނާނެ އަދި ކުރާނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ. 

ފައްޔާޒު ވިދާޅުވީ ގައުމުގެ ހައްގުގައި ކެރިގެން ނުކުންނާނެ އެއްވެސް މީހަކު، ވަޒީރަކު އަދި ސިޔާސީ މުވައްޒަފަކު ޕީއެންސީގައި ނެތީތޯ ސުވާލު އުފައްދަވާފަ އެވެ. އަދި މިއީ ފާޅުގައި ބަސް ބުނަންވީ ވަގުތު ކަމަށާއި، މުއިއްޒު ދީނާއި ގައުމިއްޔަތު ބޭނުންކުރަމުން ދަނީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ކަމަށާއި، ބަހާއި އަމަލުން ދައްކަނީ މުޅިން އެހެން މަންޒަރެއް ކަމަށް ފައްޔާޒު ވިދާޅުވި އެވެ. 

ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމުގައި އެއިރު ހައުސިންގ މިނިސްޓަރު ކަމުގައި މުއިއްޒު ހުންނެވި އިރު، ދިވެހި ބިން ބޭރުގެ ފަރާތްތަކަށް މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީ އަށް ބަދަލު ގެނެ އެވެ. އަދި މި އިސްލާހު އެއިރުގެ ރައީސް އަބްދުﷲ ޔާމީން ތަސްދީގު ކުރެއްވީ ޖުލައި 23، 2015 ގަ އެވެ. ގާނޫނުއަސާސީގެ 251 ވަނަ މާއްދާއަށް ބަދަލު ގެނެސް ބިދޭސީންނަށް ބިން މިލްކު ކުރެވޭ ގޮތަށް އެކަން ކުރީ މިހާރު ވެސް ވެރިކަމުގެ އިސް ސަފުގައި ތިބި ފަރާތްތަކުން ވެެރިކަމަށް އައިތާ މަދު ދުވަސްކޮޅެއްގެ ތެރޭގަ އެވެ.

ނަމަވެސް އެފަހުން އެމްޑީޕީ އިން 2018 ވަނަ އަހަރު ވެރިކަމަށް އައިސް ޕީޕީއެމް ސަރުކާރުން އެއިރު ގާނޫނުއަސާސީ އަށް ގެނައި ބަދަލު އުވާލާ ބިދޭސީންނަށް ބިން މިލްކު ނުކުރެވޭ ގޮތަށް ގާނޫނު އަސާސީ އިޔާދަކުރި އެވެ. އެކަން ކުރީ އެޕްރީލް 23، 2019 ގަ އެވެ. 

ހަބަރުތައް ބުނާ ގޮތުން ކެބިނެޓުގައި ރައީސް މުއިއްޒު މަޝްވަރާ ކުރެއްވި ބިދޭސީންނަށް ބިން މިލްކުކުރެވޭ ގޮތަށް ހެދުމަށް ކެބިނެޓުން ފާސްކުރުމުން ދެން އެ މައްސަލަ ފޮނުވާނީ މަޖިލީހަށެވެ. 

ގާނޫނުއަސާސީގެ 251 ވަނަ މާއްދާ (ބޭރުގެ އެއްވެސް ފަރާތަކަށް ރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް މިލްކުކޮށްނުދިނުމާއި، އަސްކަރީ ބޭނުންތަކަށް ދިނުން) ގައި ބުނަނީ ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް، ރާއްޖެއިން ބޭރުގެ އެއްވެސް ފަރާތަކަށް މިލްކުކޮށެއް ނުދެވޭނެ އެވެ. ދިވެހިރާއްޖޭގެ އެއްވެސް ބައެއް ރާއްޖެއިން ބޭރުގެ އެއްވެސް ފަރާތަކަށް ކުއްޔަށް ނުވަތަ އެނޫންގޮތަކަށް ވެސް ދެވޭނީ އެންމެ ދިގުވެގެން 99 އަހަރުގެ މުއްދަތަކަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަގުލަބިއްޔަތުން ފާސްވެގެން މެނުވީ، އެއްބަސްވުމެއްގެ ދަށުން ނުވަތަ އެނޫންވެސް ގޮތަކަށް، ރާއްޖެއިން ބޭރުގެ ފަރާތަކަށް ދިވެހިރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް ޢަސްކަރީ ބޭނުމަކަށް ބޭނުންކުރުމަށް ހުއްދަ ދީގެނެއްނުވާނެ އެވެ. އަދި، އެއްބަސްވުމެއްގެ ދަށުން ބާއްވާ އަސްކަރީ ތަމްރީނުތަކުގައި ބައިވެރިވުން ފިޔަވައި، ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަގުލަބިއްޔަތުން ފާސްވެގެން މެނުވީ، އަސްކަރީ ބޭނުމަކަށް، ދިވެހިރާއްޖޭގެ ސަރަހައްދުގައި ބޭރުގެ ސިފައިން އެއްވެސް ސިފައެއްގައި އަމަލީގޮތުން ހަރަކާތްތެރިވުމަށް ހުއްދަ ދީގެނެއްނުވާނެ އެވެ.