ބ. ތުޅާދޫ 100 ހައުސިންގ ޔުނިޓަށް އެދި ހުށަހަޅާ އުސޫލަށް ބައެއް ބަދަލު ގެނެސް، ޖެނުއަރީ 11 ގައި ކުރިމަތިލާން ހުޅުވާލަން ނިންމައިފި އެވެ. 

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ބުދަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ބ. ތުޅާދޫގައި ގާއިމުކޮށްފައިވާ 100 ހައުސިންގ ޔުނިޓް ދޫކުރުމަށްޓަކައި، 2022 ވަނަ އަހަރު ވަނީ އިއުލާންތަކެއް (ނަންބަރު: (IUL)321/321/2022/87، (IUL)321/321/2022/118 އަދި (IUL)321-A/321/2022/135) ކުރެވިފާ ކަމަށެވެ. މި އިއުލާންތަކުގައި ވާ ކަންކާމެދު ބ. ތުޅާދޫ ރައްޔިތުންގެ ހިތްހަމަނުޖެހުން ބޮޑުވެ، ތުޅާދޫ މެޖިސްޓްރޭޓް ކޯޓުން އެމަސައްކަތް މުރާޖައާކުރަން އަންގާފައިވާ ކަމަށެވެ. 

ނަމަވެސް ބ. ތުޅާދޫ ކައުންސިލުން އެކަށީގެންވާ އެހީތެރިކަމާއި އެއްބާރުލުން ލިބިފައި ނުވުމުން، މި މަސައްކަތް ވީހާވެސް އިންސާފުވެރި އަދި ހާމަކަންބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި، އެ މިނިސްޓްރީން މުހިންމު ނިންމުންތަކެއް ނިންމާފައިވާ ކަމަށް މިނިސްޓްރީގެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ. އެގޮތުން، މިނިސްޓްރީގެ އިޢުލާން ނަންބަރު (IUL)491/491/2025/159 (27 ނޮވެންބަރު 2025) ގައިވާ ފަދައިން، އެ ހައުސިންގ ޔުނިޓްތައް ދޫކުރުމުގެ އެންމެހައި ކަންކަން ސީދާ މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް މި ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

އަދި މިކަން ހަރުދަނާ ނިޒާމެއްގެ ތެރެއިން ތަންފީޒުކުރުމަށްޓަކައި، އުސޫލު ނަންބަރު 33-ޖީ/2025 (ބ. ތުޅާދޫގައި އިމާރާތްކުރާ 100 ހައުސިންގ ޔުނިޓް ދޫކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު) އެކުލަވާލައި، ދިވެހިސަރުކާރުގެ ގެޒެޓުގައި މިހާރު ވަނީ ޝާއިއުކުރެވިފަ އެވެ. މި އުސޫލުގައި ހައުސިންގ ޔުނިޓްތަކަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުޠުތަކާއި، ޕޮއިންޓުދެވޭނެ ގޮތުގެ ތަފްސީލު ހިމަނާފައިވެ އެވެ. 

އުސޫލަށް ގެނެވުނު މައިގަނޑު ބަދަލުތައް

  • މަސްދުވަހަކަށް ޖެހޭ ޖުމުލަ އާމްދަނީ 60,000/- (ފަސްދޮޅަސް ހާސް) ރުފިޔާއަށް ވުރެ އިތުރަށް ލިބޭ ފަރާތެއް ކަމުގައި ނުވުން.
  • ހާއްސަ އެހީއަށް ނުވަތަ އިޖުތިމާއީ ރައްކާތެރިކަން ބޭނުންވާ އެއް ފަރާތަށްވުރެ ގިނަ ފަރާތް ބަލަހައްޓަމުންއަންނަ ފަރާތްތަކަށް ހާއްސަ ކުރެވިފައިވާ ޕޮއިންޓު ހިމެނުން.
  • ބ. ތުޅާދޫ ރަށްވެހިންނާއި ބ. ތުޅާދޫއަށް ހިޖުރަކޮށްގެން، ބ. ތުޅާދޫގައި މެދުނުކެނޑި ދިރިއުޅެމުންދާތާ 10 އަހަރު ވެފައިވާ ފަރާތްތަކަށް ހާއްސަކުރެވިފައިވާ ޕޮއިންޓު ހިމެނުން.
  • މައިންބަފައިން ބަލަހައްޓަމުންދާ ފަރާތްތަކަށް ހާއްސަ ކުރެވިފައިވާ ފޮއިންޓު ހިމެނުން.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ބައްޓަން ކުރެވިފައިވަނީ ކޮންމެ ދިވެހިރައްޔިތަކަށް ބޯހިޔާވަހިކަމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމާއެކު ކޮންމެ މީހަކަށްވެސް އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކަމަށް މިނިސްޓްރީ އިން ބުނެ އެވެ. އެންކަމުން، ބ. ތުޅާދޫގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށްޓަކައި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ބ. ތުޅާދޫގައި ޢިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓަށް އެދި ހިޔާވެހި ޕޯޓަލް މެދުވެރިކޮށް (www.hiyaavehi.housing.gov.mv) ފޯމު ހުށަހެޅުމުގެ ފުރުސަތު 11 ޖަނަވަރީ 2026 ވާ އާދީއްތަ ދުވަހުން ފެށިގެން ހުޅުވާލުމަށް މިނިސްޓްރީ އިން ވަނީ ނިންމާފަ އެވެ. 

އަދި މި ސްކީމާބެހޭ އިތުރު މަޢުލޫމާތު އުޞޫލު ނަންބަރު -33ޖީ/2025 (ބ. ތުޅާދޫގައި އިމާރާތްކުރާ 100 ހައުސިންގ ޔުނިޓު ދޫކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު) ގައި ހިމެނިފައިވާނެ ކަމަށް މިިނިސްޓްރީ އިން ބުނެ އެވެ. އެ ގޮތުން ފޯމު ހުށަހެޅުމަށް އެދޭ ފަރާތްތަކުން، 11 ޖެނުއަރީ 2026 ވާ އާދިއްތަ ދުވަހުން ފެށިގެން 11 އޭޕްރިލް 2026 ވާ އަންގާރަ ދުވަހުގެ ރޭގެ 23:59 ގެ ނިޔަލަށް ސްކީމްގެ އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.

މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް ހިޔާވެހި ޕޯޓަލް މެދުވެރިކޮށް ސުވާލު ހުށަހަޅައިގެން ނުވަތަ މިނިސްޓްރީގެ 4004919 ނަންބަރަށް ގުޅުއްވައިގެން ކުރިޔަށް ގެންދެވޭނެ ކަމަށް މިނިސްޓްރީ އިން ބުނެ އެވެ. 

އަލުން ހައުސިންގ ޔުނިޓްތަކަށް މިނިސްޓްރީ އިން ހުޅުވާލި އިރު، މިނިސްޓްރީގެ އައު އުސޫލުގެ ސަބަބުން ގިނަ ބައެއްގެ ހައްގުތައް ގެއްލި، އެތައް ބަޔަކު މި ބޯހިޔާވަހިކަމުން މަހުރޫމްވާ ކަމަށާއި، މާ ގިނަ ބަޔަކު މި މައްސަލައާ ގުޅިގެން ކޯޓަށް ދާނެ ކަމަށް ތުޅާދޫ ކައުންސިލުން ވަނީ ބުނެފަ އެވެ. 

ތުޅާދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު އަލިމަނިކު ވިދާޅުވީ ހައުސިން މިނިސްޓްރީން މަސައްކަތް ކުރަނީ ހުދުމުހުތާރު ކަންމަތީގައި ހައުސިން ޔުނިޓްތައް ބަހާލުމަށް ކަމަށާއި، ކައުންސިލްގެ މަސައްކަތަށް ބެލުމެއް ނެތް ކަމަށެވެ. އަދި ވިދާޅުވީ މިއަދު ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމެއްނެތި ބާރުގެ ބޭނުން ކޮށްގެން ބޭނުން ގޮތެއް ހެދި ނަމަވެސް އަބަދު އެ ބާރުވެރިކަން ނޯންނާނެ ކަމަށެވެ.

މީގެ އިތުރުން ހައުސިންގ ޔުނިޓްތަކުގެ މައްސަލައިގައި ކައުންސިލްގެ އެއްބާރުލުން ނުލިބޭކަމަށް މިނިސްޓްރީ ބުނެ ދައްކާފައިވާ ވާހަކަތައް ކައުންސިލުން ވަނީ ދޮގުކޮށްފަ އެވެ. ތުޅާދޫ ކައުންސިލުން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ، ތުޅާދޫ ހައުސިން ޔުނިޓްތަކަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ވެސް ކައުންސިލުން ހުޅުވާލީ 10 ނޮވެމްބަރު 2021 ގައި ހައުސިން މިނިސްޓްރީން ކައުންސިލަށް އެކަން އެންގުމުން ކަމަށެވެ. އަދި ޔުނިޓްތަކަށް އެދި ހުށަހަޅާ ފަރާތްތަކަށް ޕޮއިންޓް ދޭނެ އުސޫލު ވެސް ކަނޑައެޅީ މިނިސްޓްރީން ކަމަށެވެ. 

މިއީ ތުޅާދޫއަށް ދިމާވެފައި އޮތް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. 22 އޮގަސްޓް 2023 މި މަޝްރޫއު ނިންމައި ކައުންސިލް އާއި ހަވާލުކޮށްފައިވާކަން ކުރީ ސަރުކާރުން ހާމަކުރި ނަމަވެސް މި ސަރުކާރުން އޮތީ ކައުންސިލާއި ލިޔެކިޔުން ހަވާލު ނުކޮށެވެ.

3125 މީހުންގެ އާބާދީއެއް އޮންނަ ތުޅާދޫގައި 100 ހައުސިންގ ޔުނިޓް އިމާރާތްކޮށް ނިންމާފައިވަނީ 87،036،883.57 ރުފިޔާއަށެވެ. މިއީ ޕްރިސިޝަން އިންޖިނިއަރިންގ ސަރވިސް އަށް ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައިވާ ކޮންމެ ހައުސިންގ ޔުނިޓެއްގެ ޕްލޮޓް ސައިޒަކީ 1600 އަކަފޫޓެވެ.