ރައްޔިތުންގެ ޓެކްސް ފައިސާ އިން 39 މީޑިއާ އަކަށް 28 މިލިއަން ރުފިޔާ ދޭން ކުރަމުންދާ މަސައްކަތް ހުއްޓާލަން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ސަރުކާރަށް ގޮވާލައިފި އެވެ.

އެމްޖޭއޭ އިން ބުދަ ދުވަހު ނެރުނު ނޫސް ބަޔާނެއްގައި ވަނީ އަވަސް އަރުވާލައިގެން މީޑިއާ ގްރާންޓް ދިނުމުގެ ނަމުގައި އުސޫލެއް ހަދައި، ދެފުށް ފެންނަ ހާމަކަން ބޮޑު ނޫން އުސޫލެއްގެ ތެރެއިން ކުރަން އުޅޭ މި މަސައްކަތް ވަގުތުން ވަގުތަށް ހުއްޓާލަން ގޮވާލާފަ އެވެ. 

މީޑިއާ ގްރާންޓް ދިނުމުގެ މަސައްކަތް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން އާ ހަވާލުވި ފަހުން މީޑިއާތަކުގެ ހިޔާލު ހޯދުމަށް ބޭއްވީ އެންމެ ބަައްދަލުވުމެއް ކަމަށާއި ފައިސާ ދޭ އުސޫލަށް އާންމުންގެ ހިޔާލު ހޯދުމަށް ވެސް މަސައްކަތް ނުކުރާ ކަމަށް އެމްޖޭއޭ ގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. 

އަވަސް އަރުވާލައިގެން މީޑިއާތަކަށް ފައިސާ ދޭން މަސައްކަތް ކުރުމުން ގްރާންޓަށް އެދުނު މީޑިއާތަކުގެ ތެރެއިން ގަވާއިދުން ކޮންޓެންޓް ގެނެސް ނުދޭ، އާންމުންނަށް ވެސް ނޭނގޭ އެތައް މީޑިއާ އެއް ހިމެނޭ ގޮތަށް ފައިސާ ދޫކުރުމަށް ނިންމާފައިވާކަން އެމްޖޭއޭއިން ބުނެފައިވެ އެވެ.

އެމްޖޭއޭ އިން ބުނީ މީޑިއާތަކަށް ޕޮއިންޓް ދިންގޮތް އާންމު ކޮށްފައި ހުރި ނަމަވެސް، ޕޮއިންޓް ދިނުމުގައި އިންސާފުވެރިކޮށް އެކަން ކޮށްފައިވާކަމާ މެދު ޝަކުވާތައް ވެސް ވަނީ ބޮޑުވެފައި ކަމަށާއި ޕޮއިންޓް ދީފައިވާ ގޮތާމެދު ޝައްކު އުފައްދަން އެކަށީގެންވާ ސަބަބުތައް ހުރިކަމަށް ވެސް ފާހަގަކުރެވޭ ކަމަށެވެ.

މީގެއިތުރުން ނޫސްވެރިންގެ މަސައްކަތްތެރިކަމުގެ އަސާސީ ހައްގުތަކަށް (ގަވާއިދުން މުސާރަ ދިނުން، ޕެންޝަން ދެމުން ދިޔުން ފަދަ ކަންކަމަށް) އިހުތިރާމްކުރާ މީޑިއާތަކަށް މީޑިއާ ގްރާން ޓްގައި ބަލާފައި ނުވާކަން ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. 

ދައުލަތުން އަމިއްލަ މީޑިއާއަށް އެއްވެސް ބާވަތެއްގެ އިނާޔަތެއް ދޭންވާނީ އެ މީޑިއާއެއްގެ މަސައްކަތުގެ ސަބަބުން އާންމު މުޖުތަމައުއަށް ކުރާ ހެޔޮ އަސަރާއި އެ މީޑިއާއެއް ބަލައިގަނެފައިވާ މިންވަރު ނުވަތަ މަގުބޫލު މިންވަރަށް ބެލުމަށްފަހު  ކަމަށް އެމްޖޭއޭ އިން ބުނެފައިވެ އެވެ. 

ނަމަވެސް މިވަގުތަކީ މާލީ ދަތިކަމުގެ ސަބަބުން ބޭރުގައި ކިޔަވާ ކުދިންނަށް ފައިސާ ނުދެވި އިޖުތިމާއީ ސިއްހީ ނިޒާމުން އާންމުންނަށް ލިބެން ޖެހޭ ސިއްހީ ހިދުމަތްތައް ދިނުމަށް ދަތިވެފައިވާ ދަނޑިވަޅެއްކަމުން މިއީ މީޑިއާތަކަށް ދައުލަތުން ހިލޭ އެހީ ދޭން ޖެހޭ ފަދަ ހާލަތެއް ނޫން ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ. އަދި އެއްފަހަރާ ގަނޑުކޮށް މީޑިއާ ތަކަށް އެހީ ދިނުމަކީ އެ ފައިސާ ޒިންމާދާރުކަމާއެކު ބޭނުންކުރާކަން ކަށަވަރުކުރަން އޮންނަ ދޮރު ބަންދުވާނޭ ކަމެއް ކަމުގައިވެސް އެމްޖޭއޭ ގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.