ދިވެހި ބަހުގެ އެކެޑަމީގެ ހިންގުން ސިޔާސީ ގޮތުން އައްޔަނުކުރާ ޑެޕިއުޓީ މިނިސްޓަރަކާ ހަވާލުކޮށްފައި ވަނިކޮށް އެ ތަނުގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަހީމް އިސްތިއުފާ ދެއްވައިފި އެވެ.

ދިވެހި ބަހުގެ އެކެޑަމީ ގެ ރައީސް ގެ މަގާމުގައި އަޝްރަފް ހުންނަވަނިކޮށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވަނީ އެތަން ހިންގުމަށް  ދިވެހި ލޭންގުއޭޖު، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ވަހީދު (އޮގަރު ވަހީދު) އައްޔަންކޮށްފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ދިވެހި ބަހުގެ އެކެޑަމީގެ ރައީސްގެ މަގާމުން އަޝްރަފް އިސްތިއުފާ ދެއްވާފައިވަނީ ބުދަ ދުވަހުގެ ވަގުތެއްގަ އެވެ. ނަމަވެސް އަޝްރަފް މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް އަދި އެނގިފައެއް ނުވެ އެވެ.

އަޝްރަފް ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ގެ މަގާމަށް އިންތިހާބުވީ 2021 ވަނަ އަހަރުގެ އޮގަސްޓް މަހުގަ އެވެ.

ދިވެހި ބަހުގެ އެކެޑަމީގައި އަޝްރަފްގެ އިތުރުން ހަތަރު މެންބަރުން ތިއްބަވަ އެވެ. އެކެޑަމީ އަށް ރައީސުލްޖުމްހޫރިއްޔާ މެންބަރުން އައްޔަން ކުރައްވާވާއިރު، ރައީސް އާއި ނައިބް ރައީސް ހޮވަނީ މެންބަރުންގެ ތެރޭގައި ނަގާ ސިއްރު ވޯޓަކުންނެވެ.