ދިވެހިރާއްޖޭގައި މިހާރު އޮތީ ކޮން ނިޒާމެއްކަން ނޭނގޭ ކަމަށާއި، މިއީ ދިމްޔާތުން މޮޑެފައިވާ ވާނުވާ ނޭނގޭ ނިޒާމެއް ކަމަށް ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމް ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހުގެ ރޭ އެމްޑީޕީން ކުރިއަށް ގެންދިޔަ ހަރުގެ ޖަލްސާ ގައި ނިޝާން ވަނީ ރައީސް ޑރ.މުހައްމަދު މުއިއްޒު ލާމަރުކަޒީ ނިޒާމަށް ގެނެސްފައިވާ ބަދަލުތަކަށް އަލިއަޅުއްލައްވާ ވާހަކަ ދައްކަވާފަ އެވެ. ރައްޔިތުންގެ ބަސް މުހިންމު ނުވާ ކަމަށާއި، ލާމަރުކަޒީ ނިޒާމު އެކުއެކީގައި ހަލާކު ކޮށްލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ރައީސް މުއިއްޒު އަމަލު ކުރައްވަމުން ގެންދަވަނީ ގުދުރަތީ ތޮބީއަތުގައި އުފެދިފައިވާ ގޮތާ ވެސް ހިލާފަށްކަން ފާހަގަކުރައްވައި ނިޝާން ވިދާޅުވީ ގާނޫނު އަސާސީގެ ރޫހާ ހިލާފަށް ގިނަ ކަންކަން މިސަރުކާރުން ކުރަމުންދާ ކަމަށެވެ.

މިހާތަނަށް ގާނޫނަށް ގެނެސްފައިވާ ބަދަލުތައް ވެސް ގެނެސްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ނިޝާން ވިދާޅުވި އެވެ. އެގޮތުން ލާރުމަކަޒީ ގާނޫނަށް ގެނެސްފައިވާ ބަދަލާއި، ރައްޔިތުންގެ މަޖިލީހުގެ ކޮންޓްރޯލް ނެގުމަށް މިސަރުކާރުން ގާނޫނަށް ގެނެސްފައިވާ ބަދަލު ނިޝާން ފާހަގަކުރެއްވި އެވެ. 

މީގެ އިތުރުން ނިޝާން ވިދާޅުވީ ރާއްޖޭގައި މިހާރު އޮތީ ރިޔާސީ ނިޒާމު ކަމެއް ނުވަތަ ބަރުލަމާނީ ނިޒާމު ކަމެއް ނޭނގޭ ކަމަށެވެ. މުޅި ނިޒާމު ވެސް ގަނޑުބަނޑު ކުރަމުންދާ ކަމަށާއި، ހުރިހާ އެއްޗެއް އެއްކޮށްލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ގާނޫނު އަސާސީއަށް ބަދަލުތައް ގެންނަމުންދާއިރު، ގާނޫނުގައި އޮތް މަހުފޫމްއަކީ ކޮބައިކަން ނުވަތަ މަގުސަދު ރައީސް މުއިއްޒަށް ވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ.  

ގާނޫނު އަސާސީގައި ލިޔެފައި ނޯވޭ މިރާއްޖެއަކީ ރިޔާސީ ނިޒާމުގެ ގައުމެކޭ. އެހެންނަމަވެސް މިރާއްޖޭގައި ނިމިދިޔަ ތާރީހުގައި ގާނޫނު އަސާސީއަށް 17 އަހަރު ވެގެން ދިޔައިރު  ވެރިކަން ކުރި 4 ރައީސުލްޖުމްހޫރިއްޔާ ވެސް ވެރިކަން ކުރީ ރިޔާސީ ބައްޓަމަށް.  ރައީސް މުއިއްޒުގެ ވެރިކަމުގައި މިވީ 774 ދުވަސް ތެރޭގައި އަޅުގަނޑުމެންނަށް ސާފެއް ނުވޭ މި ރާއްޖޭގައި މިވެރިކަން ކުރަނީ ރިޔާސީ ނިޒާމަށް ކަމެއް، ބަރުލަމާނީ ނިޒާމަށް ކަމެއް މެދުއިރުމަތީގައި އޮތް ރަސްކަމުގެ ނިޒާމެއް ކަމަށް، ޗައިނާ ތަންތަނުގައި އޮތް ވަންމޭން ޑިމޮކްރަސީއަށް ކަމެއް އަޅުގަނޑުމެންނަށް ސާފެއް ނުވޭ. ހުރިހާ ވައްތަރެއްގެ ނިޒާމެއް އެއްތަނަކަށް އެއްކޮށް މަސްހުނިވެ މޮޑެވި، ދިމްޔާތުން ނުކުތް ނިޒާމެއްގެ ގޮތުގައި އަޅުގަނޑުމެންނަށް މި ނިޒާމު މިފެނިގެން މިދަނީ.
ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމް

ނިޝާން ވިދާޅުވީ ގާނޫނެއް އަންނައިރު ނުވަތަ ގާނޫނު ބަދަލުކުރާއިރު އެގައުމުގައި ދިރިއުޅޭ ރައްޔިތުންނަށް ވާނުވާ އެނގެން ޖެހޭ ކަމަށެވެ. ނަމަވެސް މިސަރުކާރުގައި ގެންނަ ގާނޫނުގެ ގޮތުން އެގަހު ކޭލެއް ނުވަތަ މިގަހު ކޭލެއް ނޭނގޭ ކަމަށް ނިޝާން ވިދާޅުވި އެވެ.

ނިޝާން ވިދާޅުވީ ގާނޫނު ގެނައުމަށް ސްޓްރަކްޗަރއެއް އޮންނަ ކަމަށާއި، ދުނިޔޭގެ އެހެން ގައުމުތަކުން އަމަލު ކުރާ އުސޫލުން ރާއްޖެއިން ވެސް އަމަލު ކުރަން ޖެހޭ ކަމަށެވެ. އެހެންނޫން ކަމަށްވާނަމަ މުޅި ގައުމަށް މިކަމުގެ ގެއްލުން ކުރާނެ ކަަމަށް އޭނާ ވިދާޅުވި އެވެ.