ނަފްސާނީ ބަލި ހުންނަ ކޮއްކޮ އަކަށް ހަމަލާދީ މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ޒުވާނެއް ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި އެވެ.

މާރާމާރީ ހިންގުމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވަނީ ގ.ސެމިޓޯ/ކ.މާލެ، 28 އަހަރުގެ މާދިހު މުހައްމަދު އިބްރާހިމް އެވެ.

އަންގާރަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ މާދިހުގެ ބަންދަށް 30 ދުވަސް ޖަހާފަ އެވެ. އަދި ކަސްޓޯޑިއަލް ޖަލެއް ގައި ބެހެއްޓުމަށް އަމުރު ކޮށްފައިވެ އެވެ. 

ބަންދުގައި ބަހައްޓަން ނިންމި ސަބަބުގެ ގޮތުގައި ކޯޓުން ބުނީ ތުހުމަތެއް ކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށާއި، ސީން ފޮޓޯ އާއި އަނިޔާ ލިބުނު ފަރާތުގެ ބަޔާނާއި އަނިޔާ ލިބުނު ފަރާތަށް ލިބިފައިވާ އަނިޔާގެ ފޮޓޯ ހުށަހަޅާފައިވާ ކަމަށެވެ. 

ކޯޓުގެ އަމުރު ގައި މާދިހު ހައްޔަރު ކޮށްފައިވަނީ އިޖުރާއަތާ އެއްގޮތަށް ކަމަށް ކަނޑައަޅާފައިވެ އެވެ.  

މީގެ އިތުރުން މާދިހު ވަކީލަކު ބޭނުން ނުވާ ކަމަށް ބުނުމުން، ވަކީލަކު ނެތުމުން ޝަރީއަތުގައި އޭނާ ދައްކާ ވާހަކަ ތަކަކީ އޭނާއާ ދެކޮޅަށް ބޭނުން ކުރެވިދާނެ ވާހަކަ ތަކެއް ކަމަށް ހަނދާން ކޮށް ދެވުނު ކަމަށް ކޯޓު އަމަރުގައި ބުނެފައިވެ އެވެ. 

ފުލުހުން ކޯޓުގައި ބުނީ، މާދިހު ވަޅިން ހަމަލާދީ ޒަހަމް ކޮށްލާފައިވަނީ އޭނާ ގެ ކޮއްކޮ ކަމަށާއި، މި ބާވަތުގެ މައްސަލަ މި އަހަރުގެ އޮކްޓޫބަރު މަހުގައި ވެސް ހިންގާފައިވާ ކަމަށެވެ. އަދި އެ މައްސަލައިގައި ދައުވާކޮށް ފައިވާ ކަމަށް އައިއޯ ފާހަގަ ކޮށްފައިވެ އެވެ. 

މާދިހު ކޯޓުގައި ބުނެފައިވަނީ އޭނާ ގެ ކޮއްކޮ އަކީ ނަފްސާނީ ބަލި ހުންނަ ކުއްޖެއް ކަމަށާއި، އަމިއްލަ ނަފްސަށް ވެސް ބައެއް ފަހަރު އަނިޔާ ދޭ ކަމަށެވެ. ގަސްދުގައި ކޮއްކޮއަށް އަނިޔާ ނުކުރާ ކަމަށާއި، އޭނާ އަށް އެކިވަރުގެ އަނިޔާ ވެފައިވާ ކަމަށެވެ. ނަމަވެސް އެކަން ފުލުހުން ނުބަލާކަން ފާހަގަ ކޮށްފައިވެ އެވެ.

ކޯޓު އަމުރުގައި ވާ ގޮތުގައި މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރެވޭ މާދިހު އަކީ ބަންދުގެ ރެކޯޑު އޮތް މީހެކެވެ.

މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާއިރު، ދެބެންގެ ދެމެދުގައި މިމާރާމާރީ ހިންގާފައިވަނީ 29 ޑިސެންބަރު 2025 ގަ އެވެ.