ދިވެހި ސިވިލް ސަރވިސްގެ ހެދުން އެޅުމުގެ ގަވާއިދަށް ގެނެސްފައިވާ އިސްލާހުގެ ދަށުން އިސްތަށިގަނޑުގައި ފާޅުކަން ބޮޑު ކުލަ ޖައްސައި ޝޭޑް ކުރުން މަނާކޮށް، އަންހެން މުވައްޒަފުން ހެދުން އެޅުމުގައި ކަރުވަޅާއި، ބުޑުނިވާ ކުރަން ޖެހޭ ގޮތަށް ގަވާއިދު އިސްލާހު ކޮށްފި އެވެ. 

އަންގާރަ ދުވަހު ގެޒެޓްކުރި ސިވިލް ސަރވިސް ގަވާއިދަށް ވަނީ ދެ މާއްދާ އެއް އިތުރު ކޮށްފަ އެވެ. 

އެއީ ފިރިހެން މުވައްޒަފުންގެ ހެދުން އެޅުމުގެ މިންގަނޑަށް އިތުރުކުރި ތަފްސީލްތަކާއި އަންހެން ސިވިލް ސާވަންޓުން އަޅާ ހެދުމުގައި ހުންނަންޖެހޭ މިންގަނޑު ތަކެވެ. 

އެގޮތުން ފިރިހެން މުވައްޒަފުންނަށް ގަމީހުގެ ގޮތުގައި އަތްދިގު ނުވަތަ އަތްކުރު ގަމީސް ނުވަތަ ބުސް ގަމީސް ބޭނުން ކުރާއިރު، ޓާއީގައި އަހުލާގީ ގޮތުން އެކަށީގެން ނުވާ ފަދަ ބަސް މަންޒަރު، ކުރެހުން، ކާޓޫނު ނުވަތަ ފޮޓޯ ނުވަތަ އެފަދަ އެހެން އެއްޗެއް ހުރެގެން ނުވާނެ ކަމަށް ބުނެފައިވެ އެވެ. އަދި އޮފީހާއި ރަސްމީ މަސައްކަތުގައި ތިބެންވާނީ އޮފީސް ބޫޓަށް އަރައިގެން ކަމަށް ބަޔާން ކޮށްފައިވެ އެވެ. 

މީގެ އިތުރުން އަންހެން މުވައްޒަފުންގެ ހެދުމުގެ ގޮތުގައި ދިގު ހެދުން ނުވަތަ ދިވެހި ލިބާސް ނުވަތަ އޮފީސް ހެދުން ބޭނުން ކުރެވިދާނެ ކަމަށް ގަވާއިދުގަވެ އެވެ. މިހެދުން ހުންނަން ވާނީ ފައިގެ ތަނބިކަށްޓަށް ވުރެ ކުރުނުވާ ގޮތަށް ކަމަށެވެ. 

ކޮންމެ ބާވަތެއްގެ ހެދުމެއްގެ ވެސް ކަރު ހުންނަން ވާނީ މުޖުތަމައުގެ އަދަބާ ޚިލާފު ނުވާގޮތަށް ކަރުވަޅު ނިވައިވާ ގޮތަށް ކަމަށާއި، އަތްކުރު ހެދުމެއް ނަމަ އަތް ހުންނަން ވާނީ އެ މީހެއްގެ ކޮނޑުހުޅާއި އުޅަބޮށްޓާ ދެމެދަށް ވުރެ ކުރުނުވާ ވަރަށް ކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ. އަދި އަތްދިގު ހެދުމެއް ނަމަ ހެދުމުގެ އަތް ހުންނަން ވާނީ އަތުގެ ކުޑަހުޅަށް ވުރެ ދިގުނުވާ ވަރަށް ކަމަށާއި، އަތްދިގު ހެދުމެއް ނަމަ ހެދުމުގެ އަތް ހުންނަން ވާނީ އަތުގެ ކުޑަހުޅަށް ވުރެ ދިގުނުވާ ވަރަށެވެ.

ހެދުމުގެ މަތީބައި، ގަމީސް އަދި ސޫޓު ޖެކެޓުގެ މަތީބައިގެ އަރިމަތިން ކުރިމަތިން، ފުރަގަހުން އަދި ތިރިން ފަޅައިފައި ހުންނަ ނަމަ ފަޅައިފައި ހުންނަބައި ހުންނަންވާނީ މައްޗަށް އަތް ދަމާލީމާ އުނަގަނޑުން ތިރީބަޔާއި އުނަގަނޑުން މަތީބަޔާ ދެމެދުން ހަށިގަނޑުގެ އެއްވެސް ތަނެއް ނުފެންނަ ވަރަށެވެ. މިފަދަ ހެދުމުގެ ދިގުމިން ހުންނަންވާނީ ބުޑުގެތިރީ ކައިރިން ފެށިގެން މައްޗަށް 2 އިންޗިއަށް ވުރެ ހެދުން ކުރުނުވާ ވަރަށް ކަމަށް ގަވާއިދު ގައި ބުނެފައިވެ އެވެ. 

ޒީނަތްތެރިވުމުގެ ގޮތުން ގަހަނާ އެޅުމާއި މޭކަޕްކުރުމަކީ ހުއްދަ ކަމެއްކަން ފާހަގަކޮށް ގަވާއިދުގައި ބުނީ އޮފީހުގެ މާހައުލާ ގުޅޭގޮތަށް އިސްތަށިގަނޑު ރީތިކޮށް ބަހައްޓަން ޖެހޭ ކަމަށެވެ. ނަމަވެސް އިސްތަށިގަނޑު ކަޅުކުރުން ފިޔަވައި ފާޅުކަން ބޮޑު ކުލައެއް ޖެއްސުމަކީ ނުވަތަ ކުލައިން ޝޭޑްކޮށް ހައިލައިޓްކުރުމަކީ ހުއްދަކަމެއް ނޫނެވެ.

ސިވިސް ސަރވިސް އިން ވަނީ މި ގަވާއިދާ އެއްގޮތަށް ހުރިހާ މުވައްޒަފުން އަމަލު ކުރުމަށް އިލްތިމާސް ކޮށްފަ އެވެ.