ކްލިނިކްތަކާއި އައިނު ފިހާރަ ތަކުން ހައްދާ އައިނު ތަކަށް އާސަންދަ ލިބޭ ގޮތަށް ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށް ނޭޝަނަލް ޝޯސަލް ޕްރޮޓެކްޝަން އެޖެންސީ،(އެންސްޕާ) އިން ބުނެފި އެވެ. 

އެންސްޕާ އިން ނެރުނު ބަޔާނެއްގައި ބުނީ، ރައީސް ޑރ.މުހައްމަދު މުއިއްޒު ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވެވި އެކި ފޯރަމްތަކުގައި ލިބުނު ހިޔާލުތަކާއި އަދި ރައްޔިތުންގެ ކަންބޮޑުވުން ތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން އިޖްތިމާއީ ސިއްހީ އިންޝުއަރެންސްގެ ގައުމީ ނިޒާމު، އާސަންދަ ސްކީމް ގެ ދަށުން ފޯރުކޮށްދެވޭ ޚިދުމަތްތަކާ ގުޅުންހުރި ކަންކަމަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. 

އެގޮތުން ޕްރިސްކްރިޕަޝަން ގްލާސަސް (އައިނު) ހެއްދުމުގެ ޚިދުމަތް ރައްޔިތުންނަށް ލުއި ފަސޭހަވާނެ ފަދަ ގޮތަކަށް ހަމަޖެއްސުމުގެ ގޮތުން މި ޚިދުމަތް އިތުރަށް ފުޅާކޮށް ކްލިނިކް ތަކުގައި އަދި އައިނު ފިހާރަ ތަކުގައި ރަޖިސްޓްރީވެފައިވާ އޮޕްޓޮމެޓްރިސްޓުން ޕްރިސްކްރައިބް ކުރާ އައިނު ތަކަށް އާސަންދަ ސްކީމްގެ ދަށުން ކަވަރޭޖް ލިބޭ ގޮތަށް ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށެވެ. 

މިކަން ތަންފީޒު ކުރުމަށް ކަމާ ގުޅުންހުރި އިދާރާތަކާއި ގުޅިގެން އުސޫލުތައް އެކުލަވާލާ އާއްމުކޮށް 15 ޖަނަވަރީ 2026ން ފެށިގެން އެފަދަ ތަންތަނުން އާސަންދައި ގެ ޚިދުމަތް ދިނުމުގެ މަސައްކަތް ކުރުމަށް ފެށޭނެ ކަމަށް އެންސްޕާ އިން ބުނެ އެވެ. 

އާސަންދައިގެ ދަށުން ހިލޭ އައިނު ހެއްދުމުގެ ފުރުސަތު ފަހިކޮށް ދިނުމަށް ސަރުކާރުން ވަނީ އައިޖީއެމްއެޗް އަދި ހުޅުމާލެ ހޮސްޕިޓަލްގައި އައިނު ފިހާރާއެއް ހުޅުވާފަ އެވެ. ސަރުކާރުން އައިނުގެ ވިޔަފާރިއަށް ވަދެފައިވަނީ އައިނު ވިއްކުމުގައި އަމިއްލަ ވިޔަފާރި ތަކުން ނާޖާއިޒު ފައިދާ ނެގުން ހުއްޓުވުމަށް ކަމަށް ރައީސް މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވެ އެވެ. 

މީގެ އިތުރުން މިސަރުކާރުން ވަނީ އައިނު ހައްދަން އާސަންދައިން ދޭ ރުފިޔާ 2000 ރުފިޔާ އަށް ބޮޑު ކޮށްފަ އެވެ. ނަމަވެސް މި ޚިދުމަތް ލިބޭނީ 2 އަހަރުން އެއް އަހަރު އެވެ. މިއީ ރައްޔިތުންނަށް ލިބިގެން ދިޔަ ވަރަށް ބޮޑު ލުއި ފަސޭހަ ކަމެއް ކަމަށް ސަރުކާރުން ބުނި ނަމަވެސް މީގެ ކުރިން ކޮންމެ އަހަރަކު އައިނު ހެއްދުމަށް 1000 ރުފިޔާ އާސަންދަ އިން ލިބެ އެވެ. މި ސަރުކާރުން ގެނެސްފައިވާ މި ބަދަލާއެކު އައިނުގެ ޚިދުމަތަށް އާސަންދައިން ޚިދުމަތް ލިބޭނީ ދެ އަހަރުން އެއް އަހަރު ކަމަށްވާތީ މިއީ ވެސް ރައްޔިތުންނަށް އޮޅުވާލުމަށް ކުރި ކަމެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. 

ކްލިނިކްތަކާއި އައިނު ފިހާރަ ތަކުން ހައްދާ އައިނު ތަކަށް އާސަންދަ ލިބޭ ގޮތަށް ހަމަޖެއްސުމަށް ނިންމާފައިވާއިރު، އައިޖީއެމްއެޗް ގައި އައިނު ހެއްދުމުގެ ކިޔު ދިގުވެ، ރަނގަޅު ޚިދުމަތެއް ނުލިބޭ ކަމަށް ވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.