ހދ. ހިރިމަރަދޫ ރައްޔިތުން ހަނިމާދޫ އަށް ވޯޓުލާން ޖެހޭ ގޮތަށް ރައީސް މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމަކީ ކަނޑައެޅިގެން ގާނޫނު އަސާސީ އާއި ގާނޫނާ ޚިލާފު ނިންމެވުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގައި އެ ރަށް ތަމްސީލު ކުރައްވާ މެމްބަރު އަބްދުލް ގަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.
ހަނިމާދޫ ދާއިރާ ގެ މެމްބަރު ގަފޫރު ސިފަ ކުރެއްވި ގޮތުގައި މިއީ "ސަރުކާރުން އިންތިޚާބަށް ނުފޫޒު ފޯރުވުމަށްޓަކައި ކުރާ މަސައްކަތެއް،" ކަމަށެވެ.
ގަފޫރު ތަކުރާރުކޮށް ވިދާޅުވީ، އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެއީ ހިރިމަރަދޫ ރައްޔިތުން "ގެއްލުވާލުން" ކަމަށް ވެސް ގަފޫރު ވިދާޅުވި އެވެ.
ރަށެއްގައި ރައްޔިތަކު ދިރިއުޅެމުން ދަނިކޮށް އެއީ ފަޅު ރަށެއްގެ ގޮތުގައި ކަނޑައެޅުމަކީ ރައީސުލްޖުމްހޫރިއްޔާ އަށް ލިބިގެންވާ ބާރެއް ނޫންކަން ގަފޫރު ފާހަގަ ކުރެއްވި އެވެ.
ރައީސް މުއިއްޒު ހިރިމަރަދޫ ރައްޔިތުން ހަނިމާދޫ އަށް ބަދަލު ކުރުމުގެ ގަރާރުގައި ސޮއި ކުރެއްވި އިރު ހަނިމާދޫ ގައި ހިރިމަރަދޫ ރައްޔިތުންނަށް ގެދޮރު އަޅައި ދިނުމުގެ އެއްވެސް މަސައްކަތެއް އަދި ކުރެވިފައި ނުވާ ކަމަށް ގަފޫރު ވިދާޅުވި އެވެ.
"ފައުންޑޭޝަނެއްހާ ހިސާބު ވެސް އެޅިފަ އެއް ނެތް، ތިން ހަތަރު އަހަރު ނަގާނެ ބަދަލުވާން."
ގަފޫރު ވިދާޅުވީ، ސަރުކާރުން ހިރިމަރަދޫ ރައްޔިތުންނަށް އެ ކުރީ ވަރަށް އިހާނެތި ކަމެއް ކަމަށެވެ. އެއީ އަސާސީ ހައްގަކަށް އަރައިގަތުން ކަމަށް ވެސް ވިދާޅުވި އެވެ.
ރައްޔިތުން މިކަމާ އިހުތިޖާޖު ކޮށް ހައްގު ހޯދުމަށް މަސައްކަތް ކުރުަމަށް ވެސް ގަފޫރު ގޮވާލެއްވި އެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ހދ. ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅުގެ ހަނިމާދޫ އަށް ބަދަލުކުރެއްވުމަށް ނިންމަވައި ކަނޑައެޅުއްވީ އަންގާރަ ދުވަހު އެވެ.
މި ނިންމުމުގެ ބޭނުމަކީ، 2026 އެޕްރީލް 4 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިޢުލާނުކޮށްފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ ތާރީޚަކީ ހިރިމަރަދޫގެ ރަށްވެހިން އެ އަތޮޅުގެ ހަނިމާދޫއަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ މަރުޙަލާގެ ތެރޭގައި ހިމެނޭ ތާރީޚަކަށްވާތީ، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު ގެ 8 ވަނަ މާއްދާގެ (އ) ގައި، އިލެކްޝަންސް ކޮމިޝަނުން ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީ އެކުލަވައިލާއިރު، މީހުން ދިރިއުޅޭ އެއްވެސް ރަށެއް، ފަޅުރަށެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅައި، އެ ރަށުގެ ރަށްވެހިން އެހެން ރަށަކަށް ބަދަލުކުރާ ޙާލަތުގައި، އެފަދައިން ބަދަލުވީ ރަށުގެ ރަށްވެހިންގެ އިންތިޚާބީ ދާއިރާ ކަމުގައި އިލެކްޝަންސް ކޮމިޝަނުން ބަލަންވާނީ އެ މީހުން އަލަށް ބަދަލުކުރެވުނު ރަށްކަމަށް ބަޔާންކޮށްފައިވާތީ، ހިރިމަރަދޫގެ ރައްޔިތުންގެ އިންތިޚާބީ ދާއިރާ އަކީ އެ އަތޮޅުގެ ހަނިމާދޫކަމުގައި ބެލުމަށް މަގުފަހިކޮށްދިނުމަށް ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.
ހިރިމަރަދޫ ރައްޔިތުން ހަނިމާދޫ އަށް ބަދަލުވާން އަދި ދޮޅު އަހަރު ހޭދަވާނެތީ، އެ ދޮޅުއަހަރުގެ ތެރޭގައި ވެސް ރައްޔިތުންގެ ކުރިއެރުމަށް ބޭނުންވާ ކަންކަން ފަހިކޮށްދީ ރައްޔިތުން ބޭނުންވާ ކަންކަމުގައި ސަރުކާރުން އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން މިދިޔަ އޮގަސްޓް މަހުގެ 24 ވަނަ ދުވަހު ހިރިމަރަދޫ ރައްޔިތުންނާ އެ ރަށުގައި ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ ދެއްވާފަ އެވެ.