ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އަށް ތުހުމަތުކުރެވޭ ފައިނޭންޝަލް އިންޓެލިޖެންސް ރިޕޯޓެއް ލީކުވުމާއި ގުޅިގެން އެއިރު ހުރި ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ވެރިޔާ މަގާމުން ދުރުކޮށް އޮގަސްޓް މަހު އެ މަގާމަށް އައްޔަން ކުރެއްވި އިސްމާއިލް ސާޖިދު މަގާމުން ސަސްޕެންޑް ކޮށްފި އެވެ. 

ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސާޖިދު މަގާމުން ދުރުކުރީ އާދީއްތަ ދުވަހު އެވެ. ނަމަވެސް އެމްއެމްއޭ އިން އެކަން ކަށަވަރުކޮށް ނުދެ އެވެ. އަދި އޭނާ މަގާމުން ދުރުކުރި ސަބަބެއް ވެސް މިހާތަނަށް ހާމަކޮށްފައި ނުވެ އެވެ. ސާޖިދު އެ މަގާމަށް އައްޔަން ކުރެއްވީ އޮގަސްޓް 3، 2025 ގަ އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު އަށް ބޮޑެތި ކޮރަޕްޝަންގެ ތުހުމަތުތަކެއްކޮށް، މަރުކަޒީ ބޭންކު (އެމްއެމްއޭ) ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ރިޕޯޓު ލީކުވިތާ 24 ގަޑިއިރު ނުވަނީސް، އެ ޔުނިޓުގެ ވެރިޔަކަށް ހުންނެވި ޢަބްދުﷲ އަޝްރަފްގެ މަޤާމު ބަދަލު ކުރި އެވެ.  އަޝްރަފް ބަދަލު ކުރީ ހެޑް އޮފް ރިސްކް އެންޑް ކޮމްޕަޔަލަންސް މަގާމަށެވެ. 

އަދި އަޝްރަފުގެ ބަދަލުގައި ސާޖިދު އެ މަގާމަށް އައްޔަން ކުރީ މަރުކަޒީ ބޭންކުގެ ހިންގުން ހަރުދަނާ ކުރުމާއި، މަރުކަޒީ ބޭންކުގެ ސްޓްރަކްޗަރަލް ބަދަލެއްގެ ގޮތުގައި ކަމަށް އެއިރު އެމްއެމްއޭ އިން ބުނެފައިވެ އެވެ. 

މަރުކަޒީ ބޭންކުގެ އައިޔޫއެފް ޔުނިޓަކީ މަނީ ލޯންޑަރިން އަދި ޓެރަރިޒަމް އަށް ފައިނޭސް ކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ޔުނިޓެކެވެ.

އަޝްރަފް މަގާމުން އެއިރު ދުރުކުރި އިރު، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގެ ހުވާ ޑރ. މުހައްމަދު މުއިއްޒު ކުރެއްވުމުގެ ރަސްމިއްޔާތު ގެ އިވެންޓް މެނޭޖު ކުރުމަށް ސިފައިންގެ ކުންފުނި "ސިވެކް" އަށް ބިޑު ކުރުމެއް ނެތި ހަވާލުކުރީ، އެ ކުންފުނި މެދުވެރިކޮށް ބާރަށު ދާއިރާގެ މެމްބަރު ޝުޖާއުގެ އޮފިޝަލް އިވެންޓްސް ކުންފުންޏަށް ބޮޑު މަންފާ އެއް ދިނުމަށް ކަމަށް ފަޅާ އަރާފައިވެ އެވެ. އަދި މިކަން ހާމަވީ އެފްއައިޔޫ އިން ތައްޔާރު ކުރި ރިޕޯޓުންނެވެ.