ރައްޔިތުންގެ މަޖިލީހުން ޑިސެމްބަރު މަހު މެމްބަރުގެ މުސާރަ އިން "ބޭއިންސާފުން" 8 ހާހަށް ވުރެ ގިނަ ރުފިޔާ އުނިކުރި މައްސަލައިގައި މަޖިލީސް ގޮވައިގެން ކޯޓަށް ދާން ނިންމާފައިވާ ކަމަށް ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.

ޑިސެމްބަރު މަހުގެ މަޖިލިހުގެ އިދާރާ އިން މެމްބަރު މައުރޫފް އަށް ފޮނުވި މުސާރަ ސްލިޕް ގައި 8،134ރ. އުނިކޮށްފައިވާކަން މި ނޫހަށް ވަނީ ކަށަވަރު ކުރެވިފަ އެވެ.

މެމްބަރުގެ އަތުން ބަދަލު ނެގުމުގެ ގޮތުން ފައިސާ ހޯދަން ނިންމީ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކީ ކޮމިޓީން ކަމަށް ކުރިން ވަނީ ރިޕޯޓު ކޮށްފަ އެވެ.

މުސާރައިން ފައިސާ ކެނޑުމާ ގުޅިގެން މި ނޫހާ ވާހަކަ ދައްކަވަމުން މެމްބަރު މައުރޫފް ވިދާޅުވީ، އޭނާގެ މުސާރަ އުނިކޮށްފައިވަނީ ތުހުމަތު ކުރާ މައްސަލައިގައި އޭނާ އާ ސުވާލެއް ވެސް ކުރުމެއް ނެތި ކަމަށެވެ.

"ކޯޓަށް ދާނަން، މިއީ އިންސާފުން ބޭރުން ކުރި ކަމެއް،" މައުރޫފް ވިދާޅުވި އެވެ.

މައުރޫފް އިތުރަށް ވިދާޅުވި ގޮތުގައި ހަލާކުވި ކަމަށް ބުނާ މައިކްރޯފޯނަށް ގެއްލުން ދިނުމުގައި އޭނާ ބައިވެރިވެފަ އެއް ނުވާނެ އެވެ. މައިކް ހަލާކުވީ އޭނާ މައިކުން ވާހަކަ ދައްކަން މަސައްކަތް ކުރަން އުޅުމުން އެހެން މެމްބަރަކު އައިސް އެކަމަށް ހުރަސް އަޅަން އުޅުމުގެ ތެރޭގައި ކަން މައުރޫފް ފާހަގަ ކުރެއްވި އެވެ.

މައުރޫފް ވިދާޅުވި ގޮތުގައި ފިޔަވަޅެއް އަޅަން ޖެހޭނީ ތުހުމަތު ކުރެވޭ މީހުންގެ ބަހެއް ވެސް ހޯދުމަށް ފަހުގައެވެ. އެއާ ޚިލާފަށް އިމްތިޔާޒް އާއި ސުލޫކީ ކޮމިޓީން މައްސަލަ ނިންމީ، ކަން ހިނގި ގޮތާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ސާފު ކުރުމެއް ނެތި ކަމަށް ވެސް މައުރޫފް ވިދާޅުވި އެވެ.

ތިން މެމްބަރެއްގެ މުސާރައިން ފައިސާ އުނިކުރި މައްސަލަ އަކީ ސެޕްޓެންބަރު 15 ގައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ހިނގި ހަމަނުޖެހުމަކާ ގުޅޭ މައްސަލަ އެކެވެ. މައްސަލަ ހިނގީ ޝަކުވާ ބޮޑުވި މީޑިއާ ބިލު ފާސްކުރުމަށް އުޅުމުންނެވެ. މަޖިލީހުގެ އިމްތިޔާޒުތަކާއި ސުލޫކީ ކޮމިޓީން ބުނެފައިވާ ގޮތުގައި، މައިކްރޮފޯނަށް ގެއްލުންވީި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން އިމްރާން ލަތީފު (ޕީއެންސީ)، ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރު (އެމްޑީޕީ)، އަދި ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު (އެމްޑީޕީ) ގެ މެދުގައި ހިނގި ހަމަނުޖެހުމުގަ އެވެ. އަދި އެ މެމްބަރުންގެ އަތުން ބަދަލު ހޯދުމަށް ކޮމިޓީން ނިންމާފައިވެއެވެ.

މަޖިލީހުގެ ކޮމިޓީން ވަނީ މި މައިކްރޯފޯނުގެ އަގު 24,413.92 ރުފިޔާއަށް އަރާކަން ކަނޑައަޅާފައެވެ. މި ތިން މެމްބަރުން ޖޫރިމަނާކުރުމަށް ކޮމިޓީ އަށް ހުށަހެޅީ މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ޝަމީޒު (ޕީއެންސީ) އެވެ. މިގޮތަށް ހުށަހެޅުމަށް ކިނބިދޫ ދާއިރާގެ މެންބަރު އަލީ އަޝްރަގު (ޕީއެންސީ) ތާއީދުކުރެއްވިއިރު، މެންބަރު ހުސައިން ނާސިހް ވެސް ހިމެނޭ ގޮތަށް ކޮމިޓީގެ ހުރިހާ މެންބަރުންގެ އިއްތިފާގުން މި ނިންމުން ފާސްކުރިއެވެ.

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގައި ހިނގި ހަމަނުޖެހުންތަކެއްގައި މައިކްރޮފޯން ސިސްޓަމަށް ގެއްލުން ދިން ވަކި ދެ މައްސަލަ އެއް ގައި މަޖިލީހުން ވަނީ އެ ކަމުގައި ޝާމިލުވި ކަމަށް ތުހުމަތު ކުރެވޭ މެމްބަރުންގެ އަތުން ޖުމްލަ 28,253.92 ރުފިޔާ ނެގުމަށް ނިންމާފައެވެ.