އަދާލަތު ޕާޓީގެ ހަތަރު ވަނަ ދައުރުގެ ރައީސްގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީން ހުޅުވާލައިފި އެވެ.
އެކަން ހާމަކޮށް އަދާލަތު ޕާޓީގެ ފަރާތުން އާދިއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ޕާޓީގެ ދުސްތޫރުގެ 38.1 (މ) ވަނަ މާއްދާގެ ދަށުން ޕާޓީގެ ރައީސްގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ ކަމަށެވެ.
އިންތިޚާބަށް ކުރިމަތިލެވޭނީ އަދާލަތު ޕާޓީގެ ދަފްތަރުގައި 28 ޑިސެންބަރު 2025 އާ ހަމައަށް ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.
އަދާލަތު ޕާޓީގެ ރައީސްކަމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ވަކި ޝަރުތުތައް ފުރިހަމަވާންވާނެ ކަމަށް ބުނެފައި ވެއެވެ.
ރައީސް ކަމަށް ކުރިމަތިލެވޭ ޝަރުތުތައް
- މުސްލިމަކު ކަމުގައި ވުން.
- ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުން.
- ދިވެހި ރައްޔިތެއް ކަމުގައިވުން.
- ބޭރު ޤައުމެއްގެ ނެޝަނެލިޓީ އޮތް މީހަކު ކަމުގައި ނުވުން.
- ބުއްދި ސަލާމަތުން ހުރި މީހަކު ކަމުގައިވުން.
- ޕާޓީގެ މެންބަރެއް ކަމުގައިވުން.
- މީލާދީ ސަނަތުން 30 (ތިރީސް) އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން.
- ދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކޮށްފައިވާކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
- ޚިޔާނަތުގެ މައްސަލައެއް، ނުވަތަ ބަދުއަޚްލާޤީ މައްސަލައެއް، އޭނާގެ މައްޗަށް ޝަރީޢަތުން ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
- މި ޕާޓީގެ މަޖިލިސްތަކުގެ ތެރެއިން މަޖިލީހެއްގައި މަދުވެގެން 2 (ދޭއް) އަހަރު އުޅެ، ޕާޓީގެ އުޞޫލުތަކާއި ހަމަތަކަށް ހޭނިފައިވާ މީހަކު ކަމުގައި ވުން.
- ސަނަދުގެ ފެންވަރު ބެލުމާއި ބެހޭ ދައުލަތުގެ ކަމާއި ބެހޭ އިދާރާއިން ޤަބޫލުކުރާ ޔުނިވަރސިޓީއަކުން، ނުވަތަ މުއައްސަސާއަކުން ދަށްވެގެން ޑިޕްލޮމާ ހާސިލުކޮށްފައިވުން، އަދި މަދުވެގެން 3 (ތިނެއް) އަހަރު ދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން.
އަދާލަތު ޕާޓީން ބުނީ ރައީސްގެ މަޤާމަށް އެންމެ މީހަކު ކުރިމަތިލައިފި ނަމަ އާންމުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނަގާނެ ކަމަށެވެ. ނަމަވެސް، ޕާޓީގެ ރައީސްކަމަށް އެކަކަށް ވުރެ ގިނަ މީހުން ވާދަކުރާ ނަމަ ޕާޓީގެ މެންބަރުންގެ މެދުގައި ސިއްރު ވޯޓެއް، 31 ޖެނުއަރީ 2025 ވާ ހޮނިހިރު ދުވަހު، އިލެކްޓްރޯނިކް ވޯޓިންގ މެދުވެރިކޮށް ނަގާނެ ކަމަށެވެ.
ރައީސް ކަމަށް ޝައުގުވެރިވާ ފަރާތްތަކުން 8 ޖެނުއަރީ 2026 ވާ ބުރާސްފަތި ދުވަހުގެ، 16:00 ގެ ކުރިން ފޯމް ހުށަހަޅަން ޖެހެ އެވެ.
އަދާލަތު ޕާޓީގެ މި ދައުރުގެ ރައީސް އަކީ ޝެއިޚް އިމްރާން އަބްދުﷲ އެވެ.