މާލޭ ގެއެއް ގައި ދެބެންގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި ތޫނު އެއްޗަކުން ހަމަލާދީ އެކަކު ޒަޚަމްކޮށްލައިފި އެވެ.

ހޯމަ ދުވަހުގެ ރޭ ފުލުހުން މީޑިއާ އަށް މައުލޫމާތު ހިއްސާ ކުރަމުން ބުނީ، މާލޭގެ ގެއެއްގައި ދެބެންގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއް ގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަޚަމްކޮށްލާފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ، ހޯމަ ދުވަހުގެ ރޭ  6:42 ހާއިރު ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި، ހަމަނުޖެހުމުގައި ޒަޚަމްވި މީހާއަށް  ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. ނަމަވެސް ފަރުވާ ދެމުން ދަނީ ކޮން ހޮސްޕިޓަލެއްގައި ކަން ފުލުހުން ހާމަކޮށްފައި ނުވެ އެވެ.

އެ މައްސަލައާއި ގުޅިގެން 28 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ހާދިސާ އާއި ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައި ނުވި ނަމަވެސް، ފުލުހުން ދަނީ  އެ މައްސަލަ  ތަހުގީގު ކުރަމުންނެވެ.