2025 ވަނަ އަަހަރަކީ ސަރުކާރަށް ނެރެވުނު ނަތީޖާ އަށް ބަލާ އިރު ރާއްޖެ ކަށި ކުނބުރު ޖަންގައްޔަކަށް ވައްޓާލި އަހަރެެއް ކަަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

މިދިޔަ ސަރުކާރުގެ ޚާރިޖީ ވަޒީރުކަން ވެސް ކުރެއްވި ޝާހިދު މިހެން ވިދާޅުވީ ރާއްޖެޓީވީ ގެ ފަލަސުރުހީ ޕްރޮގްރާމްގައި އަންގާރަ ވިލޭރޭ ވާހަކަދައްކަވަމުންނެވެ.

2025ވަނަ އަހަރަކީ ދިވެހިންނަށް ހިތާމަވެރި އަހަރެއް ކަަމަށް ޝާހިދު ވަނީ ވިދާޅުވެފަ އެވެ.  މި އަހަރަކީ އާއްމުންނަށް އިންތިހާ ހިތްދަތިކަމާއި ކުރިމަތިލާން ޖެހުނު އަހަރެއް ކަަމަށް ވެސް ޝާހިދު ވަނީ ވިދާޅުވެފަ އެވެ. ހަމަ އެހެންމެ، ރައްޔިތުންގެ ހިތް ފަޅައިގެން ދާ ފަދަ ކަންތައްތަކެއް ސަރުކާރުގެ ސަބަބުން މި އަހަރު ހިނގައި ދިޔަ ކަމަށް ޝާހިދު ވިދާޅުވި އެވެ.

ކޮންމެ އަތަކަށް ޖެހިލިޔަސް ގަޔަށް ހެރެނީ ކަށި. ދާނެ ނުދާނެ ދިމާލެއް ނޭނގޭ. އަނދިރިކަމާއި ބަނަ ކަމާއި ކުރިމަތިލާން ޖެހެނީ. ދޮގު ވައުދުތަކާއި، ދޮގުގެ ތެރޭގައި ރައްޔިތުން ޣަރަގު ވަނީ. އުދައްޔަކާއި އެކު ރައީސް ދަތުރުތަކެއް ކުރައްވައިފި. ރަށްރަށަށް ވަޑައިގެން ބޮޑެތި ވައުދުތަކެއް ވެވަޑައިގަތް. އެކަމަކު ރާއްޖޭގެ ރައްޔިތުންނަށް ތަންދޮރު އެނގޭ.
އެމްޑީޕީ ގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު 

ރާއްޖޭގެ ރައްޔިތުންނަކީ ކަންކަން ބަލާ ބައެއް ކަމަށާއި ރައީސް ރަށްރަށަށް ވަޑައިގެން ހުޅުވާދެއްވި މަޝްރޫޫޢުތައް ނުހިނގާކަން އާއްމުންނަށް ފެންނާނެ ކަމަށް ޝާހިދު ފާހަގަކުރެއްވި އެވެ. ބަލާލި ކޮންމެ ދިމާލަކުން ފެންނަނީ އޮޅުވާލުމާއި، ވާވެއްދުމައި، ރައްޔިތުންނަށް ފުރައްސާރަކުރުން ކަމަށް ޝާހިދު ވިދާޅުވި އެވެ. 

ޝާހިދު ވަނީ ސަރުކާރުގެ ސިޔާސަތެއް ނެތުމުން އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އަދި ދާނެ މިސްރާބެއް ސަރުކާރަށް ސާފު ނުވާ ކަހަލަ ގޮތަކަށް މުޅި ވެރިކަން ހިންގާ ކަމަށް ޝާހިދު ވިދާޅުވި އެވެ. އެކަމުގެ ސަބަބުން އާއްމުން މާޔޫސްވެފައިވާ ކަަމަށް ވެސް ޝާހިދު ވަނީ ވިދާޅުވެފަ އެވެ.