މާލޭ އުތުރުފަރާތު ބޮޑު ތަކުރުފާނު މަގު ހަދާތީ ފަޅުތެރޭގެ ބޮޑު ބައެއް ބަންދުކޮށްފައި އޮތުމުގެ ސަބަބުން ހުޅުމާލެ އަށް ފޮނުވާލި ބޯޓުފަހަރު ހާލުގައި ޖެހިފައިވާ ކަމަށް އެ ބޯޓުތައް ދުއްވާ ފަރާތްތަކުން ބުނެފި އެވެ.

ހުޅުމާލެ އެއްގަމު ތޮށި ކައިރީގައި ޖަހާފައިވާ ޓިނު ބިއްގަނޑު
ހުޅުމާލެ އެއްގަމު ތޮށި ކައިރީގައި ޖަހާފައިވާ ޓިނު ބިއްގަނޑު

ރަށްރަށަށް މުދާ ބަލައި އައިސްފައިވާ ބައެއް ބޯޓުފަހަރުގެ ވެރިން ބުނީ ބޯޓުފަހަރަށް ހުޅުމާލެ އެއްގަމު ތޮއްޓާ ގާތް ކުރެވޭނެ ފަސޭހަ އިންތިޒާމެއް ވެސް ހަމަ ޖައްސާފައި ނެތް ކަމަށެވެ.

އޭގެ ސަބަބުން ބޯޓުފަހަރުން ގެނައި ސާމާނު ބޭލޭނެ ގޮތެއް ވެސް އަދި ބޯޓު ފަހަރަށް މުދާ އެރުވޭނެ ގޮތެއް ވެސް ނެތް ކަމުގައެވެ.

ބޯޓު ފަހަރު ގާތް ކުރަން ހަމަޖައްސާފައިވާ ހުރި ސަރަހައްދުގެ އެއްގަމުގައި ޓިނު ޖަހާ ބަންދު ކޮށްފައިވާއިރު މުދާ އަރުވަން އަދި މީހުން އޮޑިފަހަރަށް އަރާފައިބަން ހުރީ، ޓިނު ގަނޑެއް ފޭކޮށްލައިފައި ހުރި ކުޑަ ކެންޑުމެކެވެ.

މަންޒަރު ފެންނަ ގޮތުގައި، މީހަކަށް ގުދުވެގެން ނޫނީ ޓިނު ބިއްގަނޑު ހުރަސް ކޮށް އެއްޗެއް ހިފައިގެން ވިޔަސް އޮޑިޔަކަށް ފޯރާނެ ގޮތެއް އެތާކު ނެތެވެ.

އޮޑިވެރިޔަކު ބުނި ގޮތުގައި ގިނަ އަދަދެއްގެ މުދާ އަރުވަން ޖެހޭއިރު އެ ހާލުގައި އެކަން ކުރާނެ ގޮތެއް ނުވިސްނޭ ކަމުގައެވެ.

ހުޅުމާލެ އެއްގަމު ތޮށި ކައިރީގައި ޖަހާފައިވާ ޓިނު ބިއްގަނޑު

ހުޅުމާލެ އެއްގަމު ތޮށި ކައިރީގައި ޖަހާފައިވާ ޓިނު ބިއްގަނޑު

ބޯޓުފަހަރު ދުއްވާ ފަރާތްތަކުން ބުނީ އެމީހުން ފަޅުތެރޭގައި ތިބޭތާ ހަތް ދުވަސް ވެއްޖެ ކަމަށާއި އަދިވެސް މުދާ އަރުވާ ބޭލޭނެ ދުވަހެއް ނޭނގޭ ކަމަށާއި އަދި ކިހާ ދުވަހަކު ތިބެން ޖެހޭނެ ކަމެއް ވެސް ނޭނގޭ ކަމުގައެވެ.

މި ނޫހަށް މައުލޫމާތު ދިން ފަރާތަކުން ބުނެފައިވާ ގޮތުގައި އެހާ ގިނަ ދުވަހު ފަޅުތެރޭގައި ތާށިވުމުން، ރަށުން ކާޑުގެ ބައެއް ބާވަތްތައް ހުސްވުމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.

އާންމު ގޮތެއްގައި މާލޭގެ ފަޅުތެރޭގައި ގިނަ ވެގެން 3-4 ދުވަސް ކޮށްފައި ރަށަށް ފުރާ އުޅަނދުފަހަރު ފަޅުތެރޭގައި ތާށިވުމުން ބޮޑެތި ގެއްލުންތައް އޮޑިވެރިންނަށް ލިބޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

މިނޫހަށް މަޢުލޫމާތު ދެމުން މާލެ ދަތުރުކުރާ ބޯޓެއްގައި އާންމުކޮށް ދަތުރުކުރާ ފަޅުވެރިއަކު ބުނިގޮތުގައި، އެއްވެސް ކަމެއް ނުކުރެވި ފަޅުތެރޭގައި ބޯޓު އޮންނަތާ މިއަދަށް 4 ދުވަސް ވެއްޖެ ކަމަށާއި ބޯޓުން ފެން ހުސްވާން ގާތްވެފައިވާއިރު ފެން ލެވޭނެ ގޮތެއް ވެސް ނެތް ކަމުގަ އެވެ.

"އާންމުކޮށް ބޯޓެއްގައި ބޭނުންކުރަން ފެން މިހުންނަނީ 1 ދުވަސް 2 ދުވަހުގެ ފެން. އެއީ ކަންކަން އަދި ފެންވަރަން ކަމަށް ވިޔަސް. މިތަނުން ބޯޓުން ފެން ހުސްވެއްޖެނަމަ ބޯޓަށް ފެން ލެވޭނެ ގޮތެއްވެސް ނެތް. ބޯޓް ފަޅުވެރިން ކިޔާ ގޮތުންނަމަ މިއީ ރާއްޖެތެރެއިން އަންނަ މީހުންގެ ޖަލު." އޭނާ ބުންޏެވެ.

މިނޫހަށް މަޢުލޫމާތު ދިން ބޯޓެއްގެ ކެޕްޓަން ހާމަ ކުރި ގޮތުގައި، އެންމެ ބޮޑަށް އުދަނގޫވެގެން އުޅެން ޖެހިފައިވަނީ މުޅި ޞަރަޙައްދު ޓިނު ޖަހާ ބަންދުކޮށްލުމުން ކަމަށެވެ.

"މިހެން ނުހެދި ނަމަ ގުޅާލުމުން މިޞަރަޙައްދަށް އޭރުން ޕިކަޕެއްގައި ވެސް ގެނެސް އަހަރަމެންނަށް ކޮންމެވެސް ގޮތެއް ހެދޭނެ." 

އެއްވެސް ރޭވުމެއް އިންތިޒާމެއް ނެތި ކަންކަން ކުރުމުން އެތައް އުނދަގޫތަކާއި ގެއްލުންވަމުންދާ ކަމަށާއި، މިއިން ކަމަކާ އަޅާލާނެ ޝަކުވާ ހިފައިގެންދާނީ ކޮންދިމާލަކަށް ކަން ވެސް ނޭނގޭ ކަމަށް ބޯޓަކުން ވާހަކަ ދެއްކި ފަރާތަކުން ބުންޏެވެ.

ރޯދައަށް ތައްޔާރުވާން މިހާރުން ފެށިގެން ވިޔަފާރިވެރިން ވަނީ ރަށްރަށަށް މުދާ ގެންދަން ތައްޔާރުވާން ފަށާފައެވެ. ނަމަވެސް މާލޭގެ ފަޅުތެރެ ބޭނުން ކުރުމަށް ދިމާވި ކުއްލި ހުރަސްތަކުގެ ސަބަބުން ރޯދަމަސް ބޯމަތިވެގެން އަންނައިރު ވިޔަފާރިވެރިންނަށް ވަނީ އިތުރު ތަކުލީފެެއް ކުރިމަތިވެފައި ކަމަށް ހުޅުމާލޭ ފަޅުތެރޭގައި ތާށިވެފައިވާ ބޯޓެއް ދުއްވާ ފަރާތަކުން ބުންޏެވެ.