އަންނަ އަހަރު ލޯނުތަކަށް ފައިސާ ދެއްކުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ފުރިހަމަ މައުލޫމާތު ހިއްސާ ނުކުރާ ކަމަށާއި، ވަރަށް ބޮޑަށް ކަންކަން އޮޅުވާލުމަށް މަސައްކަތް ކުރާ ކަމަށް ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.
ހޯމަ ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެންބަރު މައުރޫފް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ނަގާފައިވާ ބޮޑެތި ލޯނު ތަކަށް އަންނަ އަހަރު ފައިސާ ދައްކަން ޖެހޭ ކަމަށާއި، 500 މިލިއަނަށްވުރެ ގިނަ ޑޮލަރު ލޯނަށް ދައްކަން ޖެހޭ ކަމަށެވެ.
ނަމަވެސް މިފައިސާ ދެއްކި ދާނެ ކަމާމެދު ސުވާލު އުފެދިފައިވާ ކަމަށާއި، ފައިސާ ދައްކާނެ ގޮތާއި ގުޅޭގޮތުން މައުލޫމާތު ސާފުކުރަން ބޭނުންވި ނަމަވެސް އެކަން ސަރުކާރުން ހާމަ ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. މެންބަރު މައުރޫފް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ވެސް ލޯނާ ގުޅޭގޮތުން ފުރިހަމަ މައުލޫމާތު ނުދޭ ކަމަށާއި ކަންކަން އޮޅުވާލުމަށް މަސައްކަތް ކުރާ ކަމަށެވެ. އަދި ވިދާޅުވީ މަޖިލީހަށް މައުލޫމާތު ހިއްސާ ކުރަންޖެހޭ ވަގުތުތަކުގައި އެ މައުލޫމާތުތައް ހިއްސާ ނުކުރާ ކަމަށެވެ.
ޚާއްސަކޮށް ކުރިއަށް އޮތް 2026 ވަނަ އަހަރަކީ ރައީސް ޔާމީންގެ ސަރުކާރުގައި ނަގާފައިވާ ސްކޫކުތަކަށް ފައިސާ ދައްކާ އެ ލޯނަށް ފައިސާ ދައްކަން ޖެހޭ މުއްދަތު ހަމަވާ އަހަރު. ޚާއްސަކޮށް 2026 ވަނަ އަހަރުގެ އޭޕްރީލް މަސް އަންނަންވާއިރަށް މިދެންނެވި 500 މިލިއަނަށްވުރެ ގިނަ ޑޮލަރުގެ ލޯނު ސަރުކާރުން ދައްކަން ޖެހޭ. އެހެންނަމަވެސް މިއަދާ ހަމައަށް އައިރު އެ ލޯނު ސަރުކާރަށް ދެއްކި ދާނެތޯ. ދައްކަން ވިސްނުން ގެންގުޅެނީ ކިހިނެތްތޯ. ފައިސާ ހޯދަނީ ކިހިނެތްތޯ. ފައިސާ އެބަހުރިތޯ. ފައިސާ ނުދެއްކިއްޖެއްޔާ ދިވެހި ރައްޔިތުންނަށް ވެގެންދާނީ ކިހިނެތްތޯ އަޅުގަނޑުމެންނަށް މިދަނީ މިއަދާ ހަމައަށް އައިރު އެއްވެސް އޭގައި ސާފު ޖަވާބެއް ނުލިބި.ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު
މެންބަރު މައުރޫފް ވިދާޅުވީ މި ސަރުކާރުން ރާއްޖޭގެ އިގްތިސާދީ ސިޔާސަތު އޮޅުވާލާފައިވާ ކަމަށާއި، މިވެރިކަމުގައި މާލީ ހާލަތު ރަނގަޅުވާނެ ކަމަށް އުންމީދު ކުރުމަކީ މޮޔަ ކަމެއް ކަމަށެވެ. މިހާރު ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށްވެ، ޑޮލަރުގެ އަގު އިންތިހާ އަށް ބޮޑު ކުރަމުންދާ ކަމަށާއި، ރައްޔިތުން ނިކަމެތި ކުރުމަށް މި ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.