ކ.މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ގައިދީ އަކަށް ބޭސްފަރުވާގެ ޚިދުމަތް ނުލިބި ބަލިހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ އެވެ. 

ރާއްޖެއެމްވީ އަށް އިތުބާރު ހުރި ފަރާތަކުން މައުލޫމާތު ދެމުން ބުނީ މާފުށީ ޖަލުގައި ތިބި ގައިދީންނަށް ބޭސް ފަރުވާ ކުރުމަށް ވަރަށް ދަތިވެފައިވާ ކަމަށާއި، އެޕޮއެންޓްމަންޓު ހަމަނުޖެހޭ ކަމަށް އޮފިސަރުން އަންގަމުންދާ ކަމަށެވެ.

ބަލިހާލަތުގެ ގޮތުން އަވަހަށް ފަރުވާ ބޭނުންވާ ގައިދީން ތިބިކަން ފާހަގަކޮށް އޭނާ ބުނީ، މިހާރު ހުކުމް ތަންފީޒު ކުރަމުންދާ މީހެއްގެ ފައި ވަރަށް ބޮޑަށް ދުޅަވެފައިވާ ކަމަށެވެ. އެމީހާ އަށް ހިނގާބިނގާވެ އުޅުމަށް ވަރަށް ދަތިވެފައިވާ ކަމަށާއި، ފޮޅުލައި، އިތުރަށް ފައިން ފޮޅުތައް ނަގަމުންދާ ކަމަށެވެ. އަދި މިހާރު ބައެއް ފޮޅުތައް އިތުރަށް ގޯސްވެ، ދޮސްލައި ގިރެމުންދާ ކަމަށެވެ.

އެ ގައިދީ މީހާގެ ފަޔަށް ފަރުވާ ބޭނުންވެ އެކަމާ ގުޅޭ ޚާއްސަ ޑޮކްޓަރަށް ދައްކައިދިނުމަށް ވަރަށް ގިނަ ފަހަރު އެދިފައިވީ ނަމަވެސް މިހާތަނަށް އެފުރުސަތު ގައިދީއަށް ލިބިފައިނުވާ ކަމަށާއި، ރަނގަޅު ބޭހެއް ވެސް ދީފައިނުވާ ކަމަށެވެ. އަދި ފަރުވާ އެއް ނުލިބި ގިނަ ދުވަސްވެގެން ދާތީ ބަލި ހާލަތު އިތުރަށް ގޯސްވާ ކަމަށް މައުލޫމާތު ދިން މީހާ ބުންޏެވެ. 

މި މައްސަލައާ ގުޅިގެން އެގައިދީގެ އާއިލާއިން ވެސް ކަންބޮޑުވުން ފާޅު ކޮށްފައިވެ އެވެ.

މި މައްސަލައާ ގުޅޭގޮތުން  މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މީޑީއާ ގުޅި  ނަމަވެސް ޖަވާބެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.