ގޮނޑުދޮށުން ވައި ބަދަލުވާ އުސޫލުން ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސިޔާސަތުތައް ބަދަލުވާ ކަމަށް ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އީސާ ވިދާޅުވެއްޖެ އެވެ. 

ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި އަހުމަދު އީސަ ވަނީ ރައީސް މުއިއްޒުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. 

ކުރީގެ މެމްބަރު ވިދާޅުވީ ރައީސް މުއިއްޒުގެ އިތުރުން ވެރިކަން ކުރާ ޕީއެންސީގައި ވެސް ރަނގަޅު ސިޔާސަތެއް ނެތް ކަމަށާއި، ރަށްރަށުގެ ގޮނޑުދޮށް ތަކުން ވައި ބަދަލުވާ އުސޫލުން ބަދަލުވަމުންދާ ކަމަށެވެ. 

ރައީސް މުއިއްޒުގެ އެއްވެސް ކަމެއް ރައްޔިތުންނަށް ދެނެގަންނަން ވެސް ނޭނގޭކަން ފާހަގަކުރައްވައި އަހުމަދު އީސަ ވިދާޅުވީ ދެދުވަހު އެއްގޮތަކަށް އެއް ވާހަކަ ނުދައްކަވާ ކަމަށެވެ.

އެގޮތުން ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަންނަވަން ސޯޝަލް ހައުސިން އަގުހެޔޮ ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި ނަމަވެސް ވެރިކަމަށް ވަޑައިގަންނަވާ އަގު ބޮޑު ކުރެއްވި ކަމަށެވެ. ނަމަވެސް ކައުންސިލް އިންތިޚާބާ ދިމާކޮށް އަގުބޮޑު ކުރި ކުލި ކުޑަ ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މަސްވެރިންނަށް ވެސް އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ހުރިހާ ވައުދެއް ފުއްދަވާ ކަމަށް ވިދާޅުވެފައިވާ ކަމަށާއި، ނަމަވެސް މަސްވެރިން ވަނީ ނިކަމެތި ކަމަށް އަހުމަދު އީސާ ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާއާ ވެރިކަން ކުރާ ޕާޓީގެ ސިޔާސަތެއް އެބައޮތްހޭ. އަޅުގަނޑަށް ސިޔާސަތެއް ހަރުދަނާ ސްޓޭބަލް ހަރުދަނާ ސިޔާސަތެއް އަޅުގަނޑަކަށް ނުފެނޭ އެނގޭތޯ. އާދައިގެ ދިވެހި ބަހުން ބުނާ ކަމަށްވާނަމަ މުއިއްޒުގެ ސިޔާސަތެކޭ އެނބުރޭ ވަަހުތާނެކޭ އެއްގޮތް. ކޮންމެ ރަށެއްގެ ގޮނޑުދޮށުން ވައި ބަދަލުވާ ކޮންމެ ވަގުތަކު މުއިއްޒުގެ ސިޔާސަތަށް ބަދަލު އެބަ އާދޭ.  ކުދި ކުދި ރަށްރަށުގެ ގޮނޑު ދޮށުން އެނގޭތޯ. މޫސުން ވެސް މިއަށް ވުރެ ސްޓޭބަލް. އެއީ ދެމޫސުމުގެ މައްޗަށް ރާއްޖޭގެ މޫސުން އޮންނާނީ. މީހުންނަށް އެނގޭ ވާނުވާ. އާއްމު ގޮތެއްގައި ހަޅަޖަހާ ދުވަސްކޮޅު ވެސް މީހުންނަށް އެބަ އެނގޭ. ގުދުރަތުގެ ނިންމުން. އެހެން ނަމަވެސް ގުދުރަތުން އެކަން ހިނގަމުން އަންނަ ވަގުތު ގާތްގަނޑަކަށް އެބަ ދެނެގެނެވޭ. އެކަމަކު މުއިއްޒުގެ އެއްވެސް ކަމެއް ރައްޔިތުން ދެނެގަންނާކަށް ވެސް ނޭނގޭ.
ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އީސާ

އަހުމަދު އީސާ ވިދާޅުވީ ރައީސް މުއިއްޒުގެ ސިޔާސަތުތަކަކީ އެނބުރޭ ވަހުތާނެއްގެ ފަދަ ސިޔާސަތު ތަކަކަށްވާތީ، ރައްޔިތުންނާއެކު މުޅި ރާއްޖެ ވެސް ލާހޫރެމުންދާ ކަމަށެވެ. އަދި އެއްވެސް ޕްލޭނެއް ނެތި ތަރައްގީގެ ގިނަ މަޝްރޫއުތައް ކުރިއަށް ގެންދާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް ރައްޔިތުންނާ ގައުމަށް އޮތީ މިވެރިކަމުގައި އުދަނގޫ ދަތި ދުވަސްތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.