ގަވާއިދާ ހިލާފަށް ސިނގިރޭޓުގެ ވިޔަފާރި ކުރަމުންދިޔަ ބިދޭސީއަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި އެވެ. 

ފުލުހުން ބުނީ، އައު އަހަރާ ދިމާކޮށް ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަން "ރިވެލި" ގެ ތެރެއިން ކުރަމުންދާ މަސައްކަތުގައި ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ސިނގިރޭޓުގެ ވިޔަފާރި ކުރަމުންދިޔަ ބިދޭސީއަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ ޝުކޫރު އަލީ (44އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ 2025 ޑިސެންބަރު 26 ވަނަ ދުވަހުގެރޭ ހުޅުމާލޭ ގައި ބަނގުރަލާއި މަސްތުވާތަކެތި ގެންގުޅުމާއި، ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސިންނާއި އެމީހުން ކުރަމުންދާ ގަވާއިދާ ހިލާފު ވިޔަފާރިތަކަށް އަމާޒުކޮށްގެން ހިންގި އޮޕަރޭޝަނުގައި ކަމަށް ފުލުހުން ބުނެ އެވެ. 

މި އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު އޭނާ ގެ އަތުން 10 ސިނގިރޭޓް ފޮއްޓާއި 3200 އަށްވުރެ ގިނަ ޔޫއެސް ޑޮލަރާއި 2900 އަށްވުރެ ގިނަ ދިވެހި ރުފިޔާ ފެނިފައިވެ އެވެ. އަދި އޭނާ އުޅެމުންދާ ތަން ބަލައިފާސްކުރިއިރު 32 ކާޓޫން ސިނގިރޭޓާއި 13 ފޮށި ސިނގިރޭޓް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. 

މީގެ އިތުރުން ފުލުހުން ބުނީ، މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައިވާ ކަމަށެވެ.