''މީމު މަސް ބަނދަރު މަޝްރޫއު''ގެ ބޮޑު ބައެއްގެ މަސައްކަތް ނިމިފައި އޮތް ނަމަވެސް މިސަރުކާރާއެކު ހުރިހާ މަސައްކަތެއް ހުއްޓިފައިވާ ކަމަށް މުލަކު ދާއިރާގެ އެމްޑީޕީ ގައުމީ މަޖިލިސް މެންބަރު މުހައްމަދު އިހުސާން ވިދާޅުވެއްޖެ އެވެ. 

ރާއްޖެޓީވީގެ ވައުދުނާމާ ޕްރޮގްރާމްގައި އިހުސާން ވިދާޅުވީ މުލަކުގައި އަދި ދާއިރާގައި މަސްވެރިކަމުގެ ވަސީލަތްތައް އިތުރުކުރުމާއި މަސްވެރިންނަށް ލުއިފަސޭހަކަމާއެކު މަސްކިރޭނެ ނިޒާމެއް ގާއިމް ކުރުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

މީމު މަސް ބަނދަރުގެ މަޝްރޫއަށް އިޝާރާތް ކުރައްވައި އިހުސާން ވިދާޅުވީ ވެރިކަން ބަދަލު ވެގެން ދިޔައިރު އެ މަޝްރޫއުގެ ބޮޑު ބައެއްގެ މަސައްކަތް ނިމިފައިވާ ކަމަށާއި، ނަމަވެސް މި ސަރުކާރާއެކު ހުރިހާ މަސައްކަތެއް ހުއްޓިފައިވާ ކަމަށެވެ.

މީގެ އިތުރުން އިހުސާން ވިދާޅުވީ މުލަކުގައި 500 ޓަނުގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓީ އެއް އެޅުމުގެ އެއްބަސްވުމެއްގައި ސައުދީ އަރަބިއްޔާގެ އާރްއޯއެސް ފޯ ކޮމްޕެނީ އާ އެކު ފިޝަރީޒް މިނިސްޓަރީން ސޮއި ކުރި ކަމަށެވެ. ނަމަވެސް އޭގެފަހުން އަހަރަކަށް ވުރެ ގިނަ ދުވަސް ވެެގެންދާއިރު، އަމަލީ އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

މައިގަނޑު ގޮތެގައި މުލަކަށް އަދި މުޅި ސަރަހައްދަށް އަމާޒު ކުރެވިގެން މަސް ބަނދަރެއް ތަރައްގީ ކުރަމުންދިޔަ މަސައްކަތް ކުރަމުންދިޔަ. އެ ލޯންގް ސައިޑް ހާބަރެއް  އެއާ ގުޅިގެން ތަރައްގީ ކުރެވެމުން ދިޔަ. އަދި މަސް ރައްކާކުރާނެ ކޯލްޑް ސްޓޯރޭޖަކާ އެކީ ގައި މަސް ބަނދަރެއް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފެށިގެން  ގޮސް ލޯންގް ސައިޑް ހާބަރު ނިމުމަކާ ގާތަށް ގޮސްފައި އޮތީ. އެ މަސައްކަތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން  ނިމުނުއިރު ހުއްޓިފައި އޮތް ހިސާބުގައި އެ މަސައްކަތް އޮތީ. އިތުރު އެއްވެސް މަސައްކަތެއް ކުރިއަށް ނުދޭ. މާނައަކީ އެ ލޯންގް ސައިޑް ހާބަރު ހަމަ ގާތްގަނޑަކަށް ނިމިފައި. އެހެން ނަމަވެސް އެއާއެކު ގާއިމްކުރަން ޖެހޭ ކޯލްޑް ސްޓޯރޭޖާއި އަދި އެހެނިހެން ފެސިލިޓީތައް ގާއިމް ކުރުމުގެ މަސައްކަތް ކުރިއަށް ނުދޭ. މަސައްކަތް ހުއްޓި މަސައްކަތުގެ ތާވަލަށް ބޮޑެތި ބަދަލުތަކެއް އައިސް ކޯލްޑް ސްޓޯރޭޖް އަޅާ ރަށް އެހެން ރަށަކަށް ބަދަލު ކުރެވި ވަރަށް ގިނަ ބަދަލުތަކެއް މިދޭތެރެއިން އައިސްފައިވަނީ. 
މުލަކު ދާއިރާގެ އެމްޑީޕީ ގައުމީ މަޖިލިސް މެންބަރު މުހައްމަދު އިހުސާން

މީގެ އިތުރުން އިހުސާން ވިދާޅުވީ މުލަކުގައި 500 ޓަނުގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓީއެއް އެޅުމުގެ އެއްބަސްވުމެއްގައި ސައުދީ އަރަބިއްޔާގެ އާރްއޯއެސް ފޯ ކޮމްޕެނީ އާ އެކު ފިޝަރީޒް މިނިސްޓަރީން ސޮއި ކުރި ކަމަށެވެ. ނަމަވެސް އޭގެފަހުން އަހަރަކަށް ވުރެ ގިނަ ދުވަސް ވެެގެންދާއިރު، އަމަލީ އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ.

މި އެއްބަސްވުމުގެ ދަށުން މުލަކުގައި އަޅާ ކޯލްޑް ސްޓޯރޭޖުގައި ދުވާލަކު 50 ޓަނުގެ މަސް ބްރެއިން ފްރީޒް ކުރުމުގެ ގާބިލުކަން ހުންނާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ. އަދި 300 ދުވަހުގެ ތެރޭގައި ސްޓޯރޭޖު ޑިޒައިން ކުރުމުގެ މަސައްކަތާއެކު ފެސިލިޓީ އަޅައި ނިންމަން ހަވާލު ކޮށްފައިވާއިރު، މުޅި މަޝްރޫއު އަށް 5.1 މިލިއަން އެމެރިކާ ޑޮލަރު ހަރަދުވާނެ ކަމަށް އޭރު ފިޝަރީޒް މިނިސްޓްރީން ބުނެފައިވެ އެވެ. 

ކުރީގެ ރައީސް ސޯލިހުގެ ސަރުކާރުގައި 52.95 މިލިއަން ރުފިޔާ ހަރަދު ކޮށްގެން އެމްޓީސީސީން ތަރައްގީ ކުރަމުންދިޔަ މީމު މަސްބަނދަރުގެ ބޮޑު ބައެއްގެ މަސައްކަތް ވަނީ ނިންމާފަ އެވެ. 

1800 އެއްހާ މީހުންގެ އާބާދީއެއް ދިރިއުޅެމުންދާ މުލަކު ރައްޔިތުން އާމްދަނީ ހޯދުމަށް މައިގަނޑު ގޮތެއްގައި ކުރާ މަސައްކަތަކީ މަސްވެރިކަން ކަމަށްވާއިރު، އިތުރަށް މި މަޝްރޫއު ތަރައްގީކޮށް ކުރިއަރުވަން އެ އަތޮޅުގެ ރައްޔިތުން ބޭނުންވެ އެވެ.