ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީ (ޕީއެންސީ) ގެ ޓިކެޓުގައި ވާދަކުރާނެ ކެނޑިޑޭޓުން ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީގެ ވޯޓު ގުނުން ކުރިއަށް ދަނިކޮށް ސައްހަ ނޫން ވޯޓު ލާފައިވާ ކަމުގެ މައްސަލަ ފެންމަތިވެ، މައްޗަންގޮޅި އުތުރު ދާއިރާގެ ވޯޓު ފޮށި ކައިރީ ގައި ހަމަ ނުޖެހުން ހިނގައިފި އެވެ.

މައްސަލަ ހޫނުވުމާއެކު އެ ފޮށީގެ ވޯޓު ގުނުން ވެސް މެދުކަނޑާލަން ޖެހުނެވެ.

ރާއްޖެ އެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ވޯޓު ގުނުން މެދުކަނޑާލީ މައްޗަންގޮޅި އުތުރު ވޯޓު ފޮށްޓަށް  "ވަގު ވޯޓު" ލާފައިވާ ކަމަށް ތުހުމަތުކޮށް އެތަނުގައި ތިބި އާއްމުން އަޑު އުފުލަމުން ދަނިކޮށް ވޯޓު ގުނުން ކުރިއަށް ގެންދަން މަސައްކަތް ކުރުމުން ތަނުގެ މަސްލަހަތު ގެއްލުނު ހިސާބުންނެވެ. އެ ތަނުގައި ހުރި އާއްމު މީހަކު ބުނީ ސައްހަ ނޫން ވޯޓު އަޅައިގެން ވަކި މީހަކަށް އިންތިޚާބު ކާމިޔާބު ކޮށްދިނުމަށް މަސައްކަތްކޮށްފައިވާ ކަމަށް ބެލެވޭ ކަމަށެވެ.

"ވަގު ވޯޓު ހުރި ކަމަށް މި ތުހުމަތު ކުރެވެނީ. ވޯޓުލީ މީހުންގެ އަދަދަށް ވުރެ ވޯޓުގެ އަދަދު ގިނަ ވާންވީ ސަބަބެއް ނެތް. " އެ ތަނުގައި ހުރި މީހަކު ކަން ހިނގި ގޮތް ކިޔައިދެމުން ބުންޏެވެ.

މީސްމީޑިއާގައި މިކަން ހިނގި އިރުގެ ވީޑިއޯ އެއް ދައުރު ވަމުން ދާ އިރު އެ ވީޑިއޯ އިން ފެންނަ ގޮތުން އިންތިޚާބު ގެ އޮފިޝަލުން  މަސައްކަތް ކުރަނީ އާއްމުން ގެ ކަންބޮޑުވުމަށް ނުބަލާ ވޯޓު ގުނުން ކުރިއަށް ގެންދާށެވެ. އެ ހިސާބުން އާއްމުންގެ ތެރެއިން މީހަކު ހިތްހަމަ ނުޖެހިގެން ވޯޓު  ކަރުދާހެއް މޭޒު މައްޗަށް ޖަހާ މަންޒަރު ފެނެ އެވެ. އަދި ވޯޓުލާ މަރުކަޒު ތެރެއަށް އިތުރު މީހުން އަޑު ގަދަ ކުރަމުން ވަދެގަންނަ މަންޒަރު ވެސް ދެނެ އެވެ.

މިކަން ހިނގައި ދިޔަ ގޮތާއި މެދު ޕީއެންސީގެ އިންތިޚާބާއި ގުޅުން ހުރި ކަންކަމުގައި ތަރުޖަމާނެއްގެ ގޮތުގައި ހަރަކާތްތެރި ވެވަޑައިގަންނަވާ މުހައްމަދު ފިރުޒުލް އާއި ސުވާލުކުރުމުން މި ވޯޓު ފޮށީގައި ދިމާވި މައްސަލަ ސާފުކޮށްދެއްވާފަ އެއް ނުވެ އެވެ. 

" އިދާރީ ކަމެއް ދިމާވި ކަމަށް މައުލޫމާތު ލިބެނީ." ފިރުޒުލް ވިދާޅުވި އެވެ.

ވޯޓު ގުނުމުގެ މަސައްކަތް ހުއްޓުނު ވަގުތާއި، އަލުން ވޯޓު ގުނުން ފެށުނުތޯ ސުވާލުކުރުމުން އެ ސުވާލަށް ފިރުޒުލް ޖަވާބެއް ނުދެއްވަ އެވެ. ހަމަ އެހެންމެ ވޯޓު ކަރުދާހުގެ އަދަދު ވޯޓުލީ މީހުންގެ އަދަދަށް ވުރެ އިތުރުތޯ ސުވާލުކުރުމުން ފިރުޒުލް އެކަން ދޮގުކުރައްވާފަ އެއް ވެސް ނުވެ އެވެ. އަދި ވޯޓު ގުނުން ފެށޭނެ ވަގުތަކާއި މެދު ކުރި ސުވާލަށް ޖަވާބެއް ނުދެއްވަ އެވެ.

ޕީއެންސީ އިން ކުރިއަށް ގެންދާ ޕްރައިމަރީގެ އިންތިޚާބުގެ ނަޒާހަތްތެރިކަމާއި މެދު ސުވާލު އުފެދޭ އެތައް ކަމެއް މިހާތަނަށް ވަނީ ހިނގާފަ އެވެ. އެގޮތުން ޕްރައިމަރީ އަށް ކުރިމަތިލި މީހުންނަށް ނަން ނަގަން މަޖުބޫރުކުރުމާއި، ކުރިމަތިލި މީހުންނަށް ވާދަކުރަން ހަމަ ހަމަ ފުރުސަތެއް ނުދިނުމުގެ މައްސަލަ ފެންމަތިވި އެވެ. އަދި ރައީސް ޑރ.މުހައްމަދު މުއިއްޒު ބޭނުންފުޅުވާ ވަކި ބަޔަކު ހޮވުމަށް މަގުފަހިކޮށްދޭ ކަމަށް ވެސް އެ ފަރާތްތަކުން ތުހުމަތު ކުރެ އެވެ.