''ދަރުމަވަންތަ މަނަވަރު'' ގެނައުމުގައި އަޑި ނޭނގޭ ޑީލެއް އޮންނާނެ ކަމަށާއި، މި މައްސަލައާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ޖިނާއީ ދައުވާ އުފުލޭ ދުވަސް އަންނާނެ ކަމަށް ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ނިޝާން ވިދާޅުވީ ތުރުކީން ރާއްޖެއަށް ގެނެސްފައިވާ މަނަވަރަކީ ބާ ދަގަނޑު ކަމަށާއި، އެއީ ފަހަތަށް ވެސް ކުރިއަށް ވެސް ދުވާ އެއްޗެއް ނޫން ކަމަށެވެ. ނިޝާން ވިދާޅުވީ އެ މަނަވަރުގެ ސަބަބުން ގައުމަށާއި، ރައްޔިތުންނަށް ލިބޭނީ ގެއްލުން ކަމަށާއި، އެ މަނަވަރު މަރާމާތު ކުރުމަށް ވެސް ބޮޑު ހަރަދެއް ހިނގާ ކަމަށެވެ.

ތުރުކީގެ އަސްކަރީ މި މަނަވަރު ގެނައުމުގައި އަޑި ނޭނގޭ އެއްބަސްވުންތަކެއް ހުންނާނެކަން ފާހަގަކުރައްވައި ނިޝާން ވިދާޅުވީ މިވެރިކަން ނިމުމާއެކު މިމައްސަލަތައް ތަހުގީގު ކުރާނެ ކަމަށާއި، ރައީސް މުއިއްޒުގެ މައްޗަށް ޖިނާއީ ދައުވާ އުފުލޭ މިންވަރަށް މައްސަލަ ކުރިއަށް ގެންދާނެ ކަމަށެވެ. 

މީގެ އިތުރުން ނިޝާން ވިދާޅުވީ ރައްޔިތުންނަށް ނޭނގޭ ގޮތަށް ތުރުކީގެ އަސްކަރިއްޔާއިން ބާވެ ބޭނުން ނުކުރެވޭ އަސްކަރީ އާލަތްތަކެއް ގެނެސްފައިވަނީ ވަކި ޑީލްތަކެއްގެ ދަށުން ކަމަށެވެ. އެ ޑީލްތައް ވެސް ރައްޔިތުންނަށް ހާމަވާނެ ދުވަސް އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

މިމައްސަލަ ޖެހޭނެ ތަހުގީގު ކުރެވެން. މިވަރުގެ އަސްކަރީ އާލާތަކަށް ބޭރު ދުނިޔޭގެ ޚަބަރުތަކަށް މިވާހަކަ އެރި. ރާއްޖެއަށް ނުރައްކާވާ ވާހަކަތަކެއް ބޭރު ދުނިޔޭގެ ޚަބަރުތަކުގައި ލިޔެފައި އޮތް. ތުރުކީވިލާތާ އަސްކަރީގޮތުން ޖެހިފައި އޮތް ގައުމުތަކުގެ މެދުގައި މިކަމާ ގުޅޭގޮތުން ބޮޑު ގިލަން ވެރިކަމެއް އުފެދުނު. ރާއްޖެއާއި ތުރުކީގެ މިލިޓަރީ އުޅަނދެއް ރާއްޖެއަށް ގެންނާތީ.  އެމީހުންނަށް ވެސް ކޮންއެއްޗެއްކަން ސާފެއް ނުވޭ.  ގެންނާތީ މިކަމާ ގުޅިގެން ބޭރު ދުނިޔޭގައި މިކަމުގެ ގިލަން ވެރިކަން އައި. މިރާއްޖެއަށް އެކަމުގެ ސަބަބުން އައި ހުރަސްތަކެއް. އެހެންވީމަ މިމައްސަލަ ޖެހޭނެ ބަލަން. ރައީސް މުއިއްޒު އެތަނަށް ވަޑައިގަންނަވާ ހެއްދެވީ ކޮން ޑީލެއްތޯ. އެޑީލްގެ ދަށުން ފައިސާގެ މުއާމާލާތެއް ކޮށްފައި އޮތިއްޔާ އެއީ ކިހާވަރެއްތޯ؟ އެކަމަށް މިރާއްޖޭގެ ރައްޔިތުންގެ ޖީބުތަކުން ދައްކަން ޖެހޭ އަގަކީ ކިހާވަރެއްތޯ؟  އެކަމާ ގުޅިގެން ރައްޔިތުން އަޅުވެތިވާން ޖެހޭ މުއްދަތަކީ ކޮބައިތޯ؟
ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމް

ތުރުކީ ސަރުކާރުން ރާއްޖެ އަށް ހަދިޔާކުރި މިސައިލް ފޮނުވުމުގެ ގާބިލުކަން ލިބިފައިވާ "ދަރުމަވަންތަ" މަނަވަރު ޖުމްހޫރީ ދުވަހުގެ ހެވިކަމުގެ ތެރެއިން މަނަވަރު ވަނީ ދައްކާލާފަ އެވެ. ނަމަވެސް މިހާތަނަށް އެމަނަވަރު އެންމެ ދަތުރެއް ވެސް ކޮށްފައިނުވެ އެވެ. 

އިންޑިއާ ކަނޑުގެ ރައްކާތެރިކަން ބަލެހެއްޓުމަށް މިމަނަވަރު ބޭނުން ކުރާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް މަނަވަރު ހަލާކުވެފައި އޮތުމުން އަދިވެސް އެ މަރާމާތު ކުރަމުންދާ ކަމަށް މައުލޫމާތު ލިބެ އެވެ.

މައުލޫމާތު ލިބޭގޮތުގައި އެމަނަވަރުގެ އެއް އިންޖީނާއި ޖަނަރޭޓަރުތައް އަދި ބައެއް ބަންކަރިން ޓޭންކުތައް ވަނީ ހަލާކު ވެފަ އެވެ. 

މިއީ 1981 ވަނަ އަހަރުގެ މެއި މަހު ތުރުކީގެ އަސްކަރިއްޔާގައި ބޭނުންކުރަން ފެށި، އުމުރުން 44 އަހަރު ވެފައިވާ މަނަވަރެކެވެ.