ޖަމާއަތް ހަދައިގެން ތޫނު ހަތިޔާރު ގެންގުޅުމުގެ ތުހުމަތުގައި ޒުވާނެއް ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި އެވެ. 

34 އަހަރުގެ ޝަމާހު މޫސާ ދީދީ ބަންދު ކުރުމުގެ އަމުރަކަށް އެދިފައިވަނީ ޕްރޮސެކިއުޓަރ ޖެނަރަލް އޮފީހުގެ ފަރާތުންނެވެ. 

އޭނާ ބަންދު ކުރުމަށް އަމުރު ކޮށްފައިވަނީ ޖަމާއަތް ހަދައިގެން ތޫނު ހަތިޔާރު އަދި ނުރައްކާތެރި ހަތިޔާރު ގެންގުޅުނު ކަމުގެ ތުހުމަތުގަ އެވެ. މިމަހުގެ 25 ވަނަ ދުވަހު އޭނާ 10 ދުވަހަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދު ކުރުމަށް އަމުރު ކޮށްފައިވެ އެވެ.

ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައިވަނީ ކުށުގެ ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށާއި، ހާދިސާ ހިނގިތަނަށް ދިޔަ ފުލުހުންގެ ބަހުން އޭނާ ގެ އަތުން ތޫނު ހަތިޔާރެއް ފެނިފައިވާކަން އެނގޭ ކަމަށެވެ.

މީގެ އިތުރުން ޝާމާހު އަކީ އެތައް ފަހަރަކު ހައްޔަރު ކޮށްފައިވާ މީހެއް ކަމަށާއި، މި ފަދަ މައްސަލަތަކުގެ ރިކޯޑު އޮތް މީހެއް ކަމަށެވެ.

ޖަމާއަތް ހަދައިގެން ތޫނު ހަތިޔާރު ގެންގުޅުމުގެ ތުހުމަތުގައި މީގެ ކުރިން  ވެސް މީހުން ހައްޔަރު ކޮށްފައިވެ އެވެ. ޖަމާއަތް ހަދައިގެން ނުރައްކާތެރި ހަތިޔާރު ގެންގުޅެނީ ބޮޑެތި މާރާމާރީތަކާ ޓެރަރިޒަމްގެ ނުރައްކާތެރި އަމަލުތައް ހިންގުމުގެ މަގުސަދު ގައި ކަމަށް މީގެ ކުރިން ފުލުހުން ބުނެފައިވެ އެވެ.