އެންޓި-ސްކޭމް ސެންޓަރު އުފެއްދުމާ ހަމައަށް 6،000ށް ވުރެ ގިނަ ރައްޔިތުން ސްކޭމް ތަކުގައި ޖެހި، 110 މިލިއަން ރުފިޔާ އަށް ވުރެ ގިނަ ފައިސާ ގެއްލިފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ. 

ފުލުހުންގެ އެކިއެކި ޑިޕާޓްމަންޓުތަކުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން އެންމެފަހުގެ މައުލޫމާތު ދިނުމަށް ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުންތަކެއް ދަނީ ބާއްވަމުންނެވެ. އެގޮތުން އެންޓި-ސްކޭމް ސެންޓަރުގެ މަސައްކަތްތާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ހެޑް، އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދު ވިދާޅުވީ ސްކޭމް ހުއްޓުވުމާއި ސްކޭމްތަކުގައި ގެއްލޭ ފައިސާ އަބުރާ ހޯދުމުގައި ރާއްޖޭގެ އެންޓި ސްކޭމް ސެންޓަރުން ހޯދީ އެހެން ގައުމުތަކާ އަަޅާ ބަލާއިރު ރަނގަޅު ކާމިޔާބީ އެއް ކަމަށެވެ.

އެންމެ އިސްކަމެއް ދީގެން ކުރަމުން ގެންދާ މަސައްކަތްތަކަށް އިޝާރާތް ކުރައްވައި ނަވީދު ވިދާޅުވީ ސްކޭމެއް ހިނގުމާއެކު ގެއްލުނު ފައިސާ އަނބުރާ ހޯދުމަށް ޚާއްސަ އިސްކަމެއްދޭ ކަމަށާއި އަދި އެސްކޭމުގައި އިތުރު ބަޔަކު ޖެހުނަ ނުދިމަށް މަސައްކަތް ކުރާ ކަމަށެވެ. އެގޮތުން ސްކޭމަރުން ބޭނުންކުރި ވަސީލަތް ނައްތާލާ ކަމަށް އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން ނަވީދު ވިދާޅުވީ މުޅި ދުނިޔޭގައި ވެސް ސްކޭމްގެ މައްސަލަތައް އިތުރު ވެގެންދިޔައީ ކޮވިޑް-19ގެ ޕެންޑެމިކް ނިމުނުފަހުން 2021 ވަނަ އަހަރުގެ ތެރޭގައި ކަމަށެވެ. އަދި ރާއްޖޭގައި ވެސް މި މައްސަލަ 2021 ގެ ފަހުން އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ނަވީދު ވިދާޅުވީ ސްކޭމް ސެންޓަރު ގާއިމްކުރި ފަހުން މިހާތަނަށް 6000ށް ވުރެ ގިނަ މީހުން ސްކޭމްގައި ޖެހި 110 މިލިއަނަށް ވުރެ ގިނަ ފައިސާ ގެއްލިފައިވާ ކަމަށެވެ. 

2021 ވަނަ އަހަރު ޕެންޑަމިކް ނިމުމާއެކު މުޅި ދުނިޔޭގައި 200 ޕަސެންޓް އިތުރުވެގެން ދިޔަ ސްކޭމްގެ ހާލަތު މި ކުޑަކުޑަ ރާއްޖޭގައި  ވެސް 200 ޕަސެންޓަށް އިތުރުވެގެން ދިޔަ. 2021 ން އަޅުގަނޑުމެން އެންޓި ސްކޭމް ސެންޓަރު ހެދުމާ ހަމައަށް 6000ށް ވުރެ ގިނަ ރައްޔިތުން ސްކޭމްގެ ޝިކާރައަކަށްވެ، އެ މައްސަލަތަކުގައި 110 މިލިއަން ރުފިޔާ އަށް ގިނަ ފައިސާ ސްކޭމަރުން މިކުޑަކުޑަ މުޖުތަމައުގެ ތެރެއިން ފޭރިގެން ގެންދިޔަ. އޭރުގައި ވެސް މާލީ އިދާރާތަކަށް ވެސް ފުލުހުންނަށް ވެސް މައްސަލަތައް ރިޕޯޓު ކުރެވެމުން ދިޔަ. 
އެންޓި-ސްކޭމް ސެންޓަރުގެ ހެޑް، އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދު

ފުލުހުން އެންޓި ސްކޭމް ސެންޓަރު ގާއިމްކޮށް، ރިޕޯޓު ކުރާ ނަންބަރަކަށް 125 ހަމަޖެއްސީ މިއަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ.

ނަވީދު ވިދާޅުވީ މިސެންޓަރު އުފެއްދި ފަހުން މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރެވިފައިވާ ކަމަށާއި، ކުރިއަށް އޮތްތަނުގައި މަސައްކަތްތައް ފުޅާ ކުރާނެ ކަމަށެވެ. އަދި މި ސެންޓަރު އުފެއްދައި، މަސައްކަތް ފެށިފަހުން 37 ޕަސެންޓު ފައިސާ އަނބުރާ ހޯދިފައިވާ ކަމަށާއި، މިއީ ވަރަށް ބޮޑު ކާމިޔާބީ އެއް ކަމަށް އޭނާ ވިދާޅުވި އެވެ.