ކޭ ޕާކް ރެސިޑެންސްގެ ފްލެޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ އަތުލި ކަމަށް ތުހުމަތުވާ ހަސަން މަމްދޫހު (މަންޑޭ)، ކޯޓަށް ހާޒިރުކުރުމުގެ ބޭނުމުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ. 

މަންޑޭ އަދި އޭނާ ދިރިއުޅޭ އެޕާޓްމެންޓް ބަލާ ފަސްކުރުމުގެ ތެރެއިން ފުލުހުންނަށް ފެނުނު ބައެއް ތަކެތި
މަންޑޭ އަދި އޭނާ ދިރިއުޅޭ އެޕާޓްމެންޓް ބަލާ ފަސްކުރުމުގެ ތެރެއިން ފުލުހުންނަށް ފެނުނު ބައެއް ތަކެތި

ހުކުރު ދުވަހުގެ ރޭ 12:08 ހާއިރު ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ މަންޑޭ މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ހޮނިހިރު ދުވަހުގެ މެންދުރު ދޭއް ޖަހަންވާއިރަށް މަންޑޭ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުގެ އަމުރެއް އެ ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނީ އެ ދުވަހުގެ ޝަރީއަތަށް ވެސް އޭނާ ނުދިއުމުންނެވެ.

ބުރާސްފަތި ދުވަހު މަންޑޭ އޭނާ ގެ މައްސަލައިގެ އަޑު އެހުމަށް ހާޒިރު ނުވުމުން އެ މައްސަލައިގެ ހުކުމް ކުރުން ހޮނިހިރު ދުވަހަށް ލަސްކޮށްފައިވެ އެވެ. ކްރިމިނަލް ކޯޓުގައި ބޭއްވި އަޑު އެހުމުގައި އެ މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ އެ އަޑު އެހުން ފަސްކުރުމަށް މަންޑޭގެ ފަރާތުން އެދުނު ނަމަވެސް ޝަރީއަތް އޮންނާނެކަން މަންޑޭއަށް އަންގާފައިވާނެ ކަމަށެވެ. އެ ސަބަބަށްޓަކާ، ކޯޓަށް ހާޒިރުނުވާ މީހުންނާ މެދު އަމަލުކުރާ އުސޫލުން މަންޑޭއާއި މެދު ވެސް އަމަލު ކުރާނެ ކަމަށް ކޯޓުން ވަނީ ބުނެފަ އެވެ.

މަންޑޭ އަދި އޭނާ ދިރިއުޅޭ އެޕާޓްމެންޓް ބަލާ ފަސްކުރުމުގެ ތެރެއިން ފުލުހުންނަށް ފެނުނު ބައެއް ތަކެތި

މަންޑޭ އަދި އޭނާ ދިރިއުޅޭ އެޕާޓްމެންޓް ބަލާ ފަސްކުރުމުގެ ތެރެއިން ފުލުހުންނަށް ފެނުނު ބައެއް ތަކެތި

ހުޅުމާލޭގައި ތަރައްގީ ކުރަމުން އަންނަ މިކްސްޑް ޔޫސް ރެޒިޑެންޝަލް ކޮމްޕްލެކްސް ކޭ ޕާކް ފްލެޓުތައް މަކަރާއި ހީލަތުން ވިއްކި މައްސަލައިގައި ތުހުމަތުވާ އެ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރުކަން ވެސް ކުރާ މަންޑޭގެ މައްޗަށް ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ވަނީ 100 އަށްވުރެ ގިނަ ދައުވާ ކުރުމަށް 23 ޑިސެމްބަރު 2023 ގައި ކްރިމިނަލް ކޯޓަށް ފޮނުވައިފަ އެވެ.

މަންޑޭގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ ތެރޭގައި ހިމެނެނީ ޓެކުމުގެ 50 ދައުވާ އާއި އޮޅުވައިލުމުގެ އަމަލެއް ކުރުމުގެ 50 ދައުވާ އާއި އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާ އަދި މަނީ ލޯންޑްރިންގެ އެއް ދައުވާ އެވެ.

މި ދައުވާތައް ސާބިތުވެއްޖެ ނަމަ އޭނާއަށް ދިގު މުއްދަތެއް ޖަލު ހުކުމެއް އަންނާނެ ކަމަށް ބެލެވެ އެވެ.