މާލޭގައި ބިދޭސީ ދެ އަންހެނުންގެ ދެމެދު ގައި މާރާމާރީ އެއް ހިނގައިފި އެވެ. 

ފުލުހުން މީޑިއާތަކަށް ހިއްސާ ކުރި މެސެޖެއްގައި ބުނީ މާލޭ، އަސަރީ ހިނގުމުގައި ދެ މީހެއްގެ މެދުގައި މާރާމާރީ އެއް ހިނގާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ހުކުރު ދުވަހުގެ ރޭ 7:47 ހާއިރު ކަމަށެވެ.

މި މާރާމާރީ ހިނގާފައި ވަނީ ނޭޕާލް ދެ އަންހެނުންގެ މެދުގައި ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ. 

މި ދެ މީހުންގެ ވަނަވަރު ފުލުހުން ހާމަ ކޮށްފައި ނުވާއިރު ފުލުހުން މީޑިއާ ތަކަށް ފޮނުވި މެސެޖުގައި ބުނީ މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށެވެ. އަދި

އާންމު ތަންތަނަށް އެއްވެ އުޅޭ ބިދޭސީންގެ މެދުގައި ހަމަނުޖެހުން ހިންގުން އާއްމުވާތީ ކަމަށް ބުނެ އެ ސަރަހައްދުތައް މޮނިޓާކުރުމުގެ ގޮތުން މޯލްޑިވްސް އިމިގްރޭޝަންގެ އޮފިސަރުން ވަނީ މިފަހުން ޚާއްސަ ހަރަކާތެއް ވެސް ފަށާފަ އެވެ. 

މީގެ އިތުރުން ދަންވަރު މަގުމަތީގައި އުޅޭ ބިދޭސީންނާ ސުވާލުކޮށް، އެމީހުން ކުރާ ކަންކަން ބަލައި ގާނޫނީ ގޮތުން ފިޔަވަޅު އަޅަންޖެހޭ ކަންކަމުގައި ފިޔަވަޅު އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ މި ފަހުން ފުލުހުންނަށް އަންގަވާފަ އެވެ.