ރަސްމާލެ ހިއްކަން މާފުށި ކައިރިން ވެލި ނަގާތީ އެކަމާއި ދެކޮޅަށް މާފުށީގައި މުޒާހަރާކޮށްފި އެވެ.

އެ މުޒާހަރާކޮށްފައި ވަނީ ހުކުރު ދުވަހު ހަވީރު 16:00 އިން ފެށިގެން މާފުށި ކައިރި ކަނޑުމަތީގަ އެވެ. 

އެ މުޒާހަރާގައި އިސްކޮށް އުޅުނު ފަރާތެއް ކަމަށް ވާ މުހައްމަދު ނަބީލް  ރާއްޖެއެމްވީ އަށް ވިދާޅުވީ އެ މުޒާހަރާގައި ލޯންޗުތަކުގައި ނުކުމެ އާއްމުން ވަނީ އެކަމާއި ދެކޮޅަށް އަޑު އުފުލާފައި ކަމަށެވެ. އަދި ރަސްމާލެ ހިއްކުމަށް މާފުށި ކައިރިން ވެލި ނެގުމުގެ ސަބަބުން ފަރުތައް ހަލާކުވުމަކީ އެ ރަށުގެ އާއްމުންގެ ބޮޑު ކަންބޮޑުވުމެއް ކަމަށް އޭނާ ވަނީ ފާހަގަކޮށްފަ އެވެ. ފަރުތަކާއި މީޓަރެއްހާ މިނަށް ކައިރިވާ އިރު ވެސް މިހާރު ފަރު ނުފެންނަ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

އެ މުޒާހަރާ އިން ސަރުކާރަށް ދޭން ބޭނުންވާ މެސެޖަކީ ރަސްމާލެ ހިއްކަން މާފުށި ކައިރިން ވެލި ނެގުމުން އާއްމުންގެ ނުރުހުން އޮތް މިންވަރު ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

މާފުށި ކައިރީގައި ޝިޕްރެކް އެއް އޮތް އިރު އެތަނަށް ޑައިވް ނުކުރެވޭތާ އެތައް ދުވަހެއް ވެފައިވާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. މި ކަމުގެ ނޭދެވޭ އަސަރު ފަތުރުވެރިކަމަށް ވެސް ކުރަމުންދާ ކަމަށާއި މާފުށި ކައިރިން ވެލި ނެގުން ވަގުތުން ވަގުތަށް ހުއްޓާލުމަށް އޭނާ ވަނީ ގޮވާލާފަ އެވެ.  ތަކުރާރުކޮށް ސަރުކާރާއި މުއާމަލާތުކޮށްގެން ވެސް އާއްމުންގެ ކަންބޮޑުވުންތަކަށް މި ސަރުކާރުން އިޖާބަ ނުދޭ ކަމަށް އޭނާ ވަނީ ފާހަގަކޮށްފަ އެވެ.

ރަސްމާލޭގެ ދެކުނަށް އޮތް ރަށްތަކުގެ ތެރޭގައި ހިމެނޭ މާފުށްޓަކީ މާލެ އަތޮޅުގައި ލޯކަލް ޓޫރިޒަމް އެންމެ ފުޅާދާއިރާއެއްގައި ކުރަމުން އަންނަ އެއް ރަށެވެ. އެ ރަށަކީ ފަތުރުވެރިންގެ މެދުގައި މަޤްބޫލް ރަށެކެވެ.

ސަރުކާރުން ހިންގާ ވެލި ނެގުމާއި ބިންހިއްކުމުގެ މަޝްރޫއުތައް ކިސަޑު ކޮންޓްރޯލު ކުރުމަށް އެއްވެސް ފިޔަވަޅެއް ނާޅާ ކުރިއަށް ގެންދިއުމުގެ ސަބަބުން ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް މީސް މީޑިއާ ގައި ވެސް ގިނަ ބަޔަކު ކަންބޮޑުވުން އަންނަނީ ފާޅު ކުރަމުންނެވެ. އެހެން ނަމަވެސް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ވެސް އަދި އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ އިން ވެސް މިއިން ކަމަކަށް މާ ބޮޑު ސަމާލު ކަމެއް ނުދޭކަން ފާހަގަ ކުރެވެ އެވެ.