ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިންގެ ގޮތުގައި ތިއްބެވީ ރައީސް ޑރ.މުހައްމަދު މުއިއްޒު ބޭނުންފުޅު ވުމުން ބޭނުންވާ ވަގުތެއްގައި ސުވާލެއް ވެސް ކުރުމެއް ނެތި ފައިސާ ނަންގަވާ ބޭފުޅުން ކަމަށް ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އީސަ ތުހުމަތު ކުރައްވައިފި އެވެ. 

ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި އަހުމަދު އީސަ ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގަ ފައިދާގައި ހިންގަމުން ދިޔަ ކުންފުނިތައް މިސަރުކާރުގައި ހިންގަމުން ދަނީ ގެއްލުމުގައި ކަމަށާއި، އެ ކުންފުނިތަކަށް ގެއްލުން ވަމުން ދަނީ ކޮރަޕްޝަން ވަރަށް ބޮޑަށް އާއްމުވުމުގެ ސަބަބުން ކަމަށެވެ. 

ރައީސް މުއިއްޒު ސަރުކާރު ކުންފުނިތަކުގެ ވެރިންނަށް އައްޔަން ކޮށްފައިވަނީ ކޮރަޕްޝަން ތުހުމަތުތައް އަމާޒުވެފައިވާ ބޭފުޅުންކަން ފާހަގަކުރައްވައި އަހުމަދު އީސަ ވިދާޅުވީ ރައީސް މުއިއްޒު ކަންކަން ކުރެއްވުމަށް އެންގެވުމުން އެބޭފުޅުން ސުވާލެއް ވެސް ކުރުމެއްނެތި އެމަނިކުފާނު ބޭނުންފުޅުވާ ގޮތަކަށް އެކަމެއް ކުރާނެ ކަމަށާއި، ބޭނުން ގޮތަކަށް ބޭނުން ވަރަކަށް ފައިސާ ނަގާނެ ކަމަށެވެ. 

މީގެ އިތުރުން އަހުމަދު އީސަ ވިދާޅުވީ މަޝްރޫއުތައް ދޭނެ ކަމަށް ބުނެ، ސަރުކާރު ކުންފުނިތަކުގެ ބޯޑުގައި ތިއްބަވާ ބޭފުޅުން ބޭރުގެ ފޮރިން އިންވެސްޓަރުންގެ އަތުން އެތައް ލައްކަލައްކައިން ޑޮލަރެއް ނަގާ ކަމަށާއި، މިކަން ވެސް ކުރަމުންދަނީ ފާޅުކަން ބޮޑު ގޮތެއްގައި ކަމަށެވެ. 

ސަރުކާރު ކުންފުނިތަކުގެ ސިޔާސަތުތައް ކަނޑައަޅާ ބޭފުޅުން އިންތިހާއަށް ކޮރަޕްޓްވުމުން ކުންފުނިތަކަށް ވާނެ ގޮތާއި މެދު ރައްޔިތުން ވިސްނަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

ކުންފުނިތަކުގެ ބޯޑުތަކަށް އަޅުގަނޑަށް ބޮޑަށް ގަބޫލު ކުރެވެނީ މިހާރު ލިބޭ ޚަބަރުތަކަށް ބަލާއިރު ލާފައި އެތިބީ ހޮވާލައިގެން ހަމަ ކޮރަޕްޓް މީހުން ގެންގޮސްލައިގެން މިއުޅެނީ. އެކަހަލަ މީހުން ތީމަތާ އޭނާ ބުނާ ވަގުތެއްގައި ބުނާ ވަރަކަށް ސުވާލެއް ނެތި ފައިސާ ނަގާފައި އޭނާއަށް ދޭނީ އެނގޭތޯ.  އޭގެ ހެއްކަކީ މުއިއްޒުގެ ބައްދަލުވުމެއްގައި ރައްޔިތުންގެ ފަރާތުން ބޭފުޅަކު މި ވިދާޅުވަނީ  މިވެނި ސަރުކާރުގެ ކުންފުންޏެއްގައި ކޮރަޕްޝަންގެ މިވެނި އަމަލުތަކަށް ހިނގާތީ ތިމަންނަ ރައީސް އޮފީހަށް ގޮސް އެވާހަކަ ހުށަހެޅީމަ އަނެއް ދުވަހު ތިމަންނަ ވަޒީފާއިން ވަކިކުރީއޭ. 
ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އީސަ 

އަހުމަދު އީސަ ވިދާޅުވީ މިސަރުކާރަކީ ކޮރަޕްޝަން ހުއްޓުވުމަށް މަސައްކަތް ކުރާ މީހުން ނިކަމެތި ކުރާ ސަރުކާރެއް ކަމަށާއި، ކޮރަޕްޝަން ހިންގާ މީހުންނަށް ހިމާޔަތް ދޭ ސަރުކާރެއް ކަމަށެވެ. އެކަން ވަރަށް ގާތުން ފެންނަމުންދާ ކަމަށެވެ. 

މިމަހުގެ 20 ވަނަ ދުވަހުގެ ރޭ ހުޅުމާލޭ ފުރަތަމަ ފިޔަވަހީ ގައި ދިރިއުޅޭ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލު ކުރެއްވުމުގައި ސްޓެލްކޯ ގެ ކުރީގެ މުވައްޒަފަކު ދެއްކި ވާހަކައިން ސްޓެލްކޯ ގައި ހުރި ކޮރަޕްޝަންގެ މައްސަލަތަކެއް ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ ނާސިރު (ހެރިންސް އައްޅޮ) އާ ހިއްސާ ކުރުމުން ޖެހިގެން އައި ހަފްތާގައި އެ ކަން ހިއްސާ ކުރި މުވައްޒަފު ވަޒީފާ އިން ވަކި ކުރިކަން ވަނީ ހާމަވެގެން ގޮސްފަ އެވެ.