ޑިފެންސް އަކަށް ގާނޫނު ނެގި ނަމަވެސް މިވެރިކަން ނިމުމާއެކު ރައީސް ޑރ.މުހައްމަދު މުއިއްޒު ރައްޔިތުންގެ ކުރިމަތީގައި ޖަވާބުދާރީވާން ޖެހިވަޑައިގަންނަވަން ޖެހޭނެ ކަމަށް ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ "ޓީވީޓޯކް" ޕްރޮގްރާމް ގައި ވަކީލު ނިޝާން ވިދާޅުވީ، ރައީސް މުޢިއްޒު އަމާޒު ހިފާފައި ހުރީ ޑިފެންސަކަސް ގާނޫނުތައް ނެގުން ކަމަށާއި ޑިފެންސް އަކަށް ގާނޫނު ނެގި ނަމަވެސް މިވެރިކަން ނިމުމާއެކު ރައީސް މުއިއްޒު ރައްޔިތުންގެ ކުރިމަތީ ގައި ޖަވާބުދާރީވާން ޖެހިވަޑައިގަންނަވަން ޖެހޭނެ ކަމަށެވެ.

ވެރިކަމަށް ދެ އަހަތުވެގެން ދިޔައިރު ބޮޑަށް ފާހަގަވެގެން ދިޔައީ ރައީސުލްޖުމްހޫރިއްޔާ ވިސްނަވާއޭ ރައީސުލްޖުމްހޫރިއްޔާގެ މިވެރިކަމުގެ ބާކީ މިއޮތް ތިން އަހަރު ދުވަސް ނިމިގެން ދާއިރު ދެން ރައީސުލްޖުމްހޫރިއްޔާ ނިމުނީއޭ ދެން އާދެވޭކަށް ނެތޭ ކަންތައްތައް ހިނގާ ގޮތުން. އެހެންވިމަ ތިމަންނަ ކަންކަން ކުރާނީ ގާނޫނުތައް ގެނެސްގެން ގާނޫނުތައް ފާސްކޮށްގެން އެ ގާނޫނުގަ އޮތް ގޮތަށް ކުރީމަ އޭރަށް މާދަމާ ޖަވާބުދާރީ ވާންޖެހުނަސް ތިމަންނަ އަށް ބުނެވޭނޭ ގާނޫނުގަ އޮތިމަ ކުރީއޭ.
ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމް

މީގެ އިތުރުން ނިޝާން ވިދާޅުވީ ގާނޫނު ހަދައިގެން ގާނުނު ބަދަލުކޮށްގެން ކަންކަން ކުރިކަމުގައި ވިޔަސް މުއިއްޒު ޖަވާބުދާރީ ނުވެ ސަލާމަތް ނުވެވޭނެ ކަމަށެވެ. އަދި ރައީސް މުއިއްޒު ބޭނުންފުޅުވަނީ ބޭނުންވާ ގޮތަށް ބާރުތައް ނަންގަވައިގެން ކަންކަން ކުރަން ކަމަށާއި މިއަދު ދައްކާ ވާހަކަ މާދަމާ އެހެން ގޮތަށް ދެއްކީމަ ރައްޔިތުން ގަބޫލު ކުރާނެ ކަމަށް ހީފުޅުވިޔަސް ދިވެހި ރައްޔިތުންނަކީ ގަމާރުން ނޫން ކަމަށް ނިޝާން ވިދާޅުވި އެވެ. 

ނިޝާން ވިދާޅުވީ އަސާސީ ހައްގުތަކަށް އަރައިގަތުމަށްވުރެ ވޭންދެނިވި ކަމެއް އިންސާނީ ތަބީއަތުގައި ފިތުރީގޮތުން ނޯންނާނެ ކަމަށެވެ. އަދި ގާނޫނު ތަކުގެ ބެލެނިވެރިއަކީ މުޢިއްޒު ކަމަށް ހީފުޅުވިޔަސް އެކަން އެގޮތަށް ނުވާނެ ކަން ފާހަގަ ކުރައްވާ ނިޝާން ވިދާޅުވީ މުޢިއްޒު ދަނީ ފާޅުގައި އަސާސި ހައްގުތަކަށް ވެސް އަރައިގަންނަމުން ކަމަށެވެ.