ހަޔަރ އެޑިއުކޭޝަންއިން ލޯން އަދި ސްކޮލަރޝިޕް ގައި ވާ އިހުމާލުތައް ބަޔާންކޮށް، ހައިދަރު އަށާއި މަޖިލީހަށް ރިޕޯޓެއް ހުށަހަޅައިފި އެވެ.  

 މި ރިޕޯޓްގައި ދަރިވަރުންގެ ޝަކުވާތައް އެކުލެވޭ 19 ސޮފްހާ ހިމެނެ އެވެ.

މި ރިޕޯޓް ހިމަނާފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު, މުޙައްމަދު އިބްރާހިމް (ކުޑޫ)،  މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދު އަށް އޭނާ ފޮނުއްވާފައިވި ސިޓީ އެއްގަ އެވެ. އެ ސިޓީގައި ދެ ލިޔުމެއް ހިއްސާކޮށްފައި ވެ އެވެ، އޭގެ ތެރޭގައި ހިމެނެނީ ފައިސާގެ މުއާމަލާތާއި އިދާރީ ލަސްވުން އަދި ދަރިވަރުންގެ ތަޖުރިބާ އާއި ނިޒާމީ އިހުމާލުތައް ހިމެނޭ ލިޔުމެކެވެ.

އޭނާ ވިދާޅުވީ މި ރިޕޯޓަކީ ރައްޔިތުންގެ މަޖިލީހަށާއި އަދި ތިޔަ މިނިސްޓްރީގެ އިތުރުން އާންމުންނަށް  އެ ވުޒާރާގެ ކަންކަން ހާމަ ކުރުމަށް ތައްޔާރުކޮށްފައިވާ ރިޕޯޓެއް ކަމަށެވެ. އަދި މި ރިޕޯޓް ބިނާވެފައިވަނީ ދަރިވަރުން ހުށަހަޅާފައިވާ ޝަކުވާތަކުގެ މައްޗަށް އެކުލެވޭ ދެ ލިޔުމެއްގެ މައްޗަށެވެ.

ފައިސާގެ އެކި މުއާމަލާތްތައް ލަސްވަމުންދާ ގޮތް ތަފްސީލުކޮށްދޭ ރެކޯޑްތައް އެ ރިޕޯޓްގައި ހިމަނާފައި ވެ އެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ދަރިވަރުންނަށް ދޭންޖެހޭ ސްޓައިޕެންޑް ނުލިބި 2 މަހާއި 4 މަހާ ދެމެދުގެ މުއްދަތެއް ވެފައިވާކަން ފާހަގަކޮށްފައި ވެ އެވެ.

ހަމައެހެންމެ ރީއެމްބާރސްމަންޓް ނުވަތަ  ޓިކެޓް ފައިސާ އާއި އެހެނިހެން ޚަރަދުތަކު ގެ ބަދަލު ހޯދަން ހުށަހެޅިތާ އެތައް މަހެއް ވީއިރު ވެސް ޖަމާ ނުވާކަން ބަޔާންކޮށްފައި ވެ އެވެ. މީގެ އިތުރުން  އީމެއިލްތަކަށް ޖަވާބު ނުދޭކަމާއި، ވަޓްސްއަޕް މެދުވެރިކޮށް ދެނީ ވަރަށް ނުސާފު ޖަވާބުތަކެއްކަން ފާހަގަކޮށްފައިވެ އެވެ. 

ދަރިވަރުން ފާހަގަކޮށްފައިވާ ގޮތުން މިނިސްޓްރީގެ އިހުމާލުގެ ސަބަބުން ކުލި ދެއްކުމަށާއި އަސާސީ ބޭނުންތަކަށް ބޭނުންވާ ފައިސާ ނެތި ދަރިވަރުން ދަނީ ބޮޑެތި ތަކުލީފުތަކެއް އުފުލަމުންނެވެ. މީގެ އިތުރުން މިހާރު ދެވޭ ސްޓައިޕެންޑަކީ މީގެ ގިނަ އަހަރުތަކެއް ކުރީގެ ރޭޓްތަކަކަށް ވުމުން، މިހާރުގެ އިންފްލޭޝަންއާއި ގުޅިގެން އެ ފައިސާ އިން ޚަރަދުތައް ހަމަނުޖެހޭކަން ފާހަގަކޮށްފައިވެ އެވެ.

ކުޑޫ އެދިފައި ވަނީ ވީހާ ވެސް އަވަހަށް މި މައްސަލަތައް ހައްލުކޮށްދިނުމަށެވެ.