ދިވެހިރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ މުހިއްމު މަޝްރޫޢުތަކަށް އެހީވުމުގެ ގޮތުން ޗައިނާ އިން ރާއްޖެ އަށް 1 ބިލިއަން އަށްވުރެ ގިނަ ރުފިޔާގެ އެހީ ދިނުމަށް ނިންމައިފި އެވެ. 

ބުރާސްފަތި ދުވަހު ހެނދުނު މިނިސްޓްރީ އޮފް ފޮރިން އެެފެއަރޒް ގައި ބޭއްވި ރަސްމިއްޔާތު ގައި، ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ދާއިރާއިން އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ މުހިއްމު 3 މަޝްރޫޢަކަށް އެހީވުމުގެ ގޮތުން 600 މިލިއަން ޔުއާން ނުވަތަ ގާތްގަނޑަކަށް 1 ބިލިއަން އަށްވުރެ ގިނަ  ރުފިޔާގެ ހިލޭ އެހީ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ރަސްމިއްޔާތުގައި، ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޑރ. އިބްރާހިމް ޚަލީލް އެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ކޮންގ ޝިއަންހުއާ އެވެ.

ޗައިނާ ސަރުކާރުގެ ހިލޭ އެހީ ގެ ދަށުން، ވިލިމާލޭގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ޗައިނާ-މޯލްޑިވްސް ފްރެންޑްސިޕް ހޮސްޕިޓަލް މަޝްރޫޢާއި، މާލެ-ވިލިމާލެ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޫޢުގެ އިތުރުން 50 ރަށެއްގެ ކައުންސިލް އިމާރާތްތައް ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ.