ސަރުކާރުން ކުރިއަށް ގެންދާ ފުށިދިގަރު ފަޅު ހިއްކުމުގެ މަސައްކަތުގެ ސަބަބުން ކައިރީގައި ހުރި ފަރަތުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ދާ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު ބުރާސްފަތި ދުވަހު އެކްސް ގައި ކުރެއްވި ޕޯސްޓެއް ގައި އެކަމުގެ ކަންބޮޑުވުން ދާދި ފަހުން މާފުއްޓަށް ކުރެއްވި ދަތުރުފުޅުގައި ވެސް އެކި ފަރާތްތަކުން ހިއްސާ ކުރެއްވި ކަމަށް ވިދާޅުވި އެވެ.

ތިމާވެއްޓަށް ލިބިދާނެ ގެއްލުންތަކަށް ބެލުމެއް ނެތި ބިންހިއްކުމާއި ވެލި ނެގުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދާތީ މީގެ ކުރިންވެސް އެތައް ކަންބޮޑުވުމެއް އެކި ފަރާތްތަކުން ވަނީ ފާޅު ކޮށްފައެވެ. ބިން ހިއްކުމުގެ ބައެއް މަސައްކަތްތައް ގާނޫނު ބުނާ އެންވަޔަރަންމަންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ނުހަދާ ފަށާފައިވާކަން ވެސް ވަނީ ފާހަގަ ކުރެވިފައެވެ. ސަރުކާރުން މިކަންކަން ދޮގު ކުރި ނަމަވެސް ބައެއް މަޝްރޫއުތައް ފެށުނު އިރު އެ މަޝްރޫއާ ބެހޭ އީއައިއޭ ރިޕޯޓް ހާމަކޮށްފަ އެއް ވެސް ނުވެއެވެ.

"ކިސަޑު ކޮންޓްރޯލު ނުކުރެވުމުގެ ސަބަބުން ވަށައިގެން ހުރި ފަރުތަކަށް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

"ދިވެހިރާއްޖެ ތަރައްޤީ ކުރުމުގައި ބިން ހިއްކުމާއި ވެލި ނެގުން ހިމެނޭ ކަމުގައިވިޔަސް، ހުރިހާ ކޮންޓްރެކްޓަރުން ވެސް ސަރުކާރުގެ ޑްރެޖިންގ އަދި ރިކްލަމޭޝަން ގަވާއިދުތަކަށް ކަނޑައަޅާފައިވާ ގޮތަށް ފުރިހަމަ އަށް އަމަލުކުރުން މުހިންމެވެ." ރައީސް ނަޝީދު ވިދާޅުވި އެވެ.

މީގެ އިތުރުން އެންވަޔަރަންމެންޓަލް އިމްޕެކްޓް އެސެސްމެންޓް ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަންކަމަށް ވެސް ފުރިހަމަ އަށް އަމަލު ކުރަން ޖެހޭނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ ތިމާވެއްޓާ ބެހޭ މިނިސްޓަރ ތޯރިގް އިބްރާހިމް އަށް ޓެގް ކުރައްވާ ރައީސް ނަޝީދު ކުރެއްވި ޕޯސްޓުގައި "މިފަދަ ހުރިހާ މަސައްކަތެއް ވެސް ގަވާއިދުތަކާ އެއްގޮތަށް ކުރިއަށް ގެންދެވޭނެކަން ކަށަވަރު ކުރުމަކީ ސަރުކާރުގެ ޒިންމާ އެއް،" ކަމަށް ވިދާޅުވެފައިވެ އެވެ.

އަދި ގަވާއިދުތައް ތަންފީޒުކުރުން ކުރިއަށް ގެންދަން ޖެހޭނީ ހާމަކަން ބޮޑު ދެފުށް ފެންނަ ގޮތަށް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރަސްމާލެ ނަމުގައި ފުށި ދިއްގަރު ފަޅު ހިއްކައިގެން ރަށެއް އުފެއްދުމަށް ސަރުކާރުން ހިންގާ މަޝްރޫއު ގައި 41 ހެކްޓަރުގެ ބިން މިހާތަނަށް ވަނީ ހިއްކާފައި ކަމަށް މައުލޫމާތު ލިބެއެވެ. މިއީ މަސައްކަތުގެ 30 އިންސައްތައެވެ. ރަސްމާލެ ސައިޓް އޭ ގައި ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުއެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ ދުނިޔޭގެ އެންމެ ބޮޑެތި ޓްރެއިލާ ސަކްޝަން ހޮޕަރ ޑްރެޖަރުތަކުގެ ތެރޭގައި ހިމެނޭ، 46,000 ކިއުބިކް މީޓަރުގެ ކެޕޭސިޓީއެއް ހުންނަ 'ކްރިސްޓޯބަލް ކޯލޯން ނަމަކަށް ޓްރެއިލަރ ސަކްޝަން ޑްރެޖަރެއް ބޭނުންކޮށްގެންނެވެ. ޑްރެޖަރު އޮޕަރޭޓް ކުރަނީ ބެލްޖިއަމް ގެ ޔާން ޑު ނޫލް އިންނެވެ.

ފުށިދިއްގަރު ފަޅު ހިއްކުމުގެ ސަބަބުން ކައިރީގައި ހުރި ފަރުތަކަށް ގެއްލުން ވަމުންދާކަން ފާހަގަ ކުރެވިފައި ވަނިކޮށް، ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގައި ކުނި އަޅާ ކަމުގެ މައްސަލަ އެއް ވެސް ވަނީ ފެންމަތިވެފައެވެ. އެކަން ވެސް ރައީސް މުއިއްޒު ދޮގު ކުރައްވާފައި ވަނިކޮށް އެ ސަރަހައްދުން ގިނަ އަދަދެއްގެ ކުނި އެއްގަމާއި މޫދުން ފެންނަ ވީޑިއޯ ތައް ވެސް ވަނީ އާންމުވެފަ އެވެ.