މިސަރުކާރުން ށ. ފޯކައިދޫ ގައި ތަރައްގީ ކުރާ ޕޮލިސް ސްޓޭޝަން ގައި ކުރާކަމަކީ ވިނަ ނޮޅުން ކަމަށާއި އިތުރު އެއްވެސް މަސައްކަތެއް ކުރިއަށް ނުދާ ކަމަށް އެރަށު ކައުންސިލް ގެ ރައީސް އަހުމަދު އާސިފް ވިދާޅުވެއްޖެ އެވެ. 

ރާއްޖެ އެމްވީ އާއި ވާހަކަދައްކަވަމުން އާސިފް ވިދާޅުވީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީ އާއި ހަވާލުކޮށްފައިވާ ފޯކައިދޫ ޕޮލިސްޓޭޝަން ގެ މަސައްކަތް ކުރިއަށް ނުދާ ކަމަށާއި އެ ޕްރޮޖެކްޓަށް ނަގާފަ ތިބި މީހުން ކުރާ ކަމަކީ ފެންސު ތެރޭގައި ހުރި ވިނަތައް ނޮޅުން ކަމަށެވެ. އަދި އިތުރު އެއްވެސް ކަމެއް ކުރިއަށް ނުދާކަން ފާހަގަ ކުރަަށްވާ އާސިފް ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި ދިމާކޮށް 150 އެއްހާ މުވައްޒަފުން ނާގާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. 

އާސިފް ވިދާޅުވީ،  ބިންގާ އެޅިތާ މިހާރު ދެމަސް ދުވަސް ވެފައިވާ ކަމަށާއި މި ޕްރޮޖެކްޓް ގެ ކަންކަމާ ވަރަށް ބައިވަރު މަޝްވަރާތައް ވެސް އާރްޑީސީ އިން ކުރާ ކަމަށެވެ. އެހެން ނަމަވެސް އަމަލީ މަސައްކަތަކާއި ހިސާބަށް ދެވޭނެ އެއްވެސް ކޮޅެއް ނުފެންނަ ކަމަށެވެ. އާސިފް ވިދާޅުވީ މިހާރު ކޮންމެސް ވަރަކަށް މުވައްޒަފުން ވެސް ނަގާފައިވާ ކަމަށެވެ. ނަމަވެސް މި މަސައްކަތަށް ބޭނުންވާ ސާމާނު ވެސް ނެތުމުން އަދި ކުރާނެ އިތުރު ކަމެއް ވެސް ނެތީމަ ނަގާފައިވާ މުވައްޒަފުން ކުރާ ކަމަކީ ވިނަ ނޮޅުން ކަމަށެވެ. 

އޭރު ފެންސު ޖަހާފަ މިހުރީ ބިންގާ އަޅަން ތައްޔާރު ކުރަން ވެގެން. އޭގެ ފަހަކުން އިތުރު މަސައްކަތެއް ކުރިއަކަށް މިތާކު ނުދޭ، ބިންގާ އަޅާލިކަން އިތުރު އެއްވެސް ކަމެއް ނުހިނގާ. ރައީސް ވަޑައިގަންނަވަން ވެގެން އެ ބުންގަނޑު ތެރޭގައި މިކޮޅުގައި އާރްޑީސީގެ ގޮތްޕެއް އުފެއްދި، އުފައްދައިގެން މިވަގުތު މުވައްޒަފުންކޮޅެއް ނަގާފަ އެބައޮތް
ފޯކައިދޫ ކައުންސިލް ގެ ރައީސް އަހުމަދު އާސިފް

އާސިފް ވިދާޅުވި މައުލުމާތު ލިބުން ގޮތުގައި އާރްޑީސީ އާއި ހަވާލުކުރި މި ޕްރޮޖެކްޓް އަމިއްލަ  ކުންފުންޏަކާއި މި މަސައްކަތް ކުރަން ހަވާލު ކޮށްފައިވާ ކަމަށެވެ. އަދި އެ ޕްރޮޖެކްޓް އަށް ބޭނުންވާ ސާމާނު ވެސް ނެތް ކަމަށް އަސިފް ވިދާޅުވި އެވެ. 

ފާހަގަ ކޮށްލެވޭ ގޮތުގައި ރައްޖޭގެ ހުރިހާ ރަށްރަށެއްގައި ފުލުހުން ހިދުމަތް ގާއިމް ކުރުމަށް މިސަރުކާރުން ރަށްރަށުގައި ބިންގާ އަޅަމުންދާ ޕޮލިސް ސްޓޭޝަން ތަކުގެ ތެރެއިން ގިނަ ޕްރޮޖެކްޓްތައް ކުރިއަށް ނުދާ ކަމުގެ ޝަކުވާ އަކީ ހުރިހާ ރަށަކުން ވެސް ކުރާ ޝަކުވާ އެކެވެ.