ރައީސް ސޯލިހް އާ ރައީސް ނަޝީދު އާ ދެމެދު ދެމިގެން ދާ މައްސަލަ އެއް އޮވެދާނެ ކަމަށް ދެކެވަޑައިނުގަންނާވާ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ މައި އޮފީހުގައި ބުދަ ދުވަހު ނޫސްވެރިންގެ ބައްދަލުވުމުގައި ދުވަސްތަކަކަށް ފަހު ދޭބޭފުޅުން އެކުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ނަޝީދު އާ ރައީސް ސޯލިހް ވަނީ އެ ދެބޭފުޅުންނަކީ ވެސް ޒަމާންތަކަކަށް ގާތް ދެބޭފުޅުން ކަން ފާހަގަ ކުރައްވާފަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައީސް ސޯލިހް އަކީ އެއްވެސް އިރެއްގައި އެމަނިކުފާނާ ދުރު ބޭފުޅެއް ނޫން ކަމަށާއި ދެ ބަސްވުންތަކެއްގައި މާގިނަ ދުވަހު ދެ ބޭފުޅުންނަކަށް ނުތިއްބެވޭނެ ކަމަށެވެ.

"އުނދަގޫ ކަމަކަށް އަޅުގަނޑުމެންނަށް ވާނީ އެކަން."

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ދެބޭފުޅުން ބައްދަލު ކުރެއްވީ ކުރިން އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ކިޔާފައިވާ ފާޑުކިޔުންތައް ފަހަތައް ޖައްސާލެއްވުމަށް ފަހުގައި ކަމަށެވެ.

އަޅުގަނޑުމެން ދެމީހުން އެކަކު އަނެކަކުގެ މައްޗަށް ކުރި ތުހުމަތުތަކާއި ނުވަތަ ކިޔާފައިވާ ފާޑު ކިޔުންތަކާއި، އެކަންކަން ފަހަތައް ގެންގޮސް މިއަދު އަޅުގަނޑުމެން މިތަނުގައި ބައްދަލުވެ މިތިބީ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ދެބޭފުޅުންގެ ދެމެދުގައި ދެމިގެންދާ މައްސަލަ އެއް އޮންނާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި ވާހަކަފުޅަށް ބާރު ދެއްވަމުން ރައީސް ސޯލިހް ވިދާޅުވީ "ނޯންނާނެ" ކަމަށެވެ.

އުފާވެރި މޫޑެއްގައި އެކުގައި ތިއްބަވައިގެން ދެބޭފުޅުންގެ އެކުވެރިކަމާ ބެހޭ ގޮތުން ދެއްކެވި ވާހަކައިގައި ރައީސް ނަޝީދު ވިދާޅުވީ، "ބުނާ އިރު ވެސް ބުނެފައި ހުންނާނީ ކޮންމެވެސް ވަރަކަށް މިނައިގެން" ކަމަށެވެ.

"ކޮންމެސް ގޮތަކަށް ބުނަމުން ވެސް ގޮއްސަ އޮންނާނީ." ރައީސް ނަޝީދު ވިދާޅުވިއެވެ.

އެހެންނަމަވެސް މާނާ ކުރުމުގައި މައްސަލަތަކެއް އުޅެދާނެ ކަން ސަމާސާ ގޮތަކަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ސޯލިހް އިތުރަށް ވިދާޅުވީ "އަޅުގަނޑުމެންގެ މިގުޅުމަކީ އިއްޔެ އަކު އޭގެ ކުރީ ދުވަހު އޮތް ގުޅުމެއް ނޫން،" ކަމަށެވެ.

ރައީސް ސޯލިހް ވިދާޅުވީ ދެބޭފުޅުންގެ ދެމެދުގައި ސިޔާސީ ކަންތައްތަކުގައި އަބަދުވެސް ޚިޔާލު ތަފާތުވުން ހުންނަ ކަމަށެވެ. އެހެން ނަމަވެސް އެ ތަފާތުތަކުގެ ތެރެއިން ކުރިއަށް ދެވޭނެ ގޮތް އަބަދުވެސް ހޯއްދަވާ ކަމަށެވެ.