ބޭރު ގައުމުތަކުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ވިޔަފާރި ކުރަމުންދާ 3 ދިވެހިން ގެނައުމަށް މަސައްކަތް ކުރާ ކަމަށް ފުލުހުން ބުނެފި އެވެ. 

ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެޑް އޮފް ޑްރަގް އެންޑް ސަބްސްޓެންސް އެބިއުސް ކޮންޓްރޯލް ޗީފް ސުޕްރިންޓެންޑެންޓު އަހުމަދު ނާއިފް ވިދާޅުވީ ބޭރު ގައުމުތަކުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ތިން ދިވެއްސަކު ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، ބަޔަކު ރާއްޖެއިން ބޭރަށް ފުރަން އުޅެނިކޮށް ހުއްޓުވާފައިވާ ކަމަށެވެ.

ނަމަވެސް މިއަހަރުގެ މިހާތަނަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރިގެން އެއްވެސް މީހަކު ގެނެސްފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނާއިފް ވިދާޅުވީ ރެޑް ނޯޓިސް ނެރުމަށްފަހު މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން ރާއްޖެ ގެނައުމަކީ ބޮޑު މަސައްކަތެއް ކަމަށާއި، ކޯޓު މަރުހަލާ ހިމެނޭ ގޮތަށް ބައިނަލްއަގުވާމީ ގާނޫނާއި ގަވައިދުތަކާ އެއްގޮތްވާ ގޮތަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

އަޅުގަނޑުމެންނަށް މިވަގުތު ވެސް އަޅުގަނޑުމެންނަށް ފާހަގަކުރެވޭ 3 ދިވެއްސެއް ކަންކަން އަޅުގަނޑުމެން ކަމާ ގުޅުންހުރި ފަރާތްތަކާ ހިއްސާ ކުރެވިގެން އެ މަސައްކަތް ކުރެވެމުން ދަނީ. ޚާއްސަކޮށް ތިބޭފުޅުންނަށް ވެސް ފެނިލައްވާނެ ބައެއް ފަރާތްތަކުން ފިލައިގެން ރާއްޖެއިން ބޭރަށް ދާން އުޅެގެން  އެކަންކަން ވެސް އަޅުގަނޑުމެން ވާނީ މިމުއްދަތުގެ ތެރޭގައި ހުއްޓުވާފައި. ހަމައެއާއެކު ރާއްޖެއިން ބޭރުގެ ގައުމުތަކަށް ގެރެންޓާއިން ގޮތުގައި މީހުން ދިއުމާއި އެފަރާތްތައް ރަހީނު ކުރުމާއި މިހެން ހިނގާފައި ހުރި ކަންތައްތައް ވެސް އަޅުގަނޑުމެން އަވައްޓެރި ގައުމުތަކުގެ  އެހީތެރިކަމާ އެއްބާރުލުން ހޯދައިގެން އަދި ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ  އެހީ ހޯދައިގެން އަޅުގަނޑުމެން އެ މަސައްކަތް ކުރަމުން މިދަނީ
ހެޑް އޮފް ޑްރަގް އެންޑް ސަބްސްޓެންސް އެބިއުސް ކޮންޓްރޯލް ޗީފް ސުޕްރިންޓެންޑެންޓު އަހުމަދު ނާއިފް

މަސްތުވާތަކެތީގެ މައްސަލަތައް ތަހުގީގު ކުރުމާއި، މިފަދަ މައްސަލާގައި ހިމެނޭ މީހުން ރާއްޖެ ގެނައުމަށް ކުރަމުންދާ މަސައްކަތްތަކަށް ބޭރު ގައުމުތަކުގެ އެހީތެރިކަން ލިބޭކަން ފާހަގަކުރައްވައި ނާއިފް ވިދާޅުވީ ތައިލޭންޑާއި މެލޭޝިޔާގައި އެފަދަ މީހުން ތިބެ މި ވިޔަފާރި ފުޅާކުރާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.