ގާނޫނު އަސާސީ އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންނަ ނޭދެވޭ ކުއްލި ބަދަލުތައް ގެނައުން ހުއްޓުވުމަށް އެމްޑީޕީ އިން ކުރަންޖެހޭ މަސައްކަތް ވަރަށް ބޮޑު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު އާ އެކު އެމްޑީޕީ މައި އޮފީހުގައި ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ގާނޫނޫ އަސާސީ އަށް ވަރަށް ބޮޑެތި ބަދަލުތައް ކުއްލި އަކަށް ރައީސް މުއިއްޒު ގެންނަ ކަމަށެވެ. އޭގެ ތެރޭގައި އަސާސީ ހައްގުތަކާ ބެހޭ ބަދަލުތައް ހިމެނޭ ކަން ވެސް ރައީސް ސޯލިހް ފާހަގަ ކުރެއްވި އެވެ.

"އަސާސީ ހައްގުތަކާ ބެހޭ ކިތަންމެ މާއްދާ އެއް ބަދަލު ކޮށްފި" ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.

އޭގެ އިތުރުން މިނިވަން މުއައްސަސާތައް ގަނޑުކޮށް އަތްދަށަށް ގެނައުމުގެ އެތައް ކަމެއް ރައީސް މުއިއްޒު ކުރައްވައިފި ކަން ވެސް ރައީސް ސޯލިހް ފާހަގަ ކުރެއްވި އެވެ.

ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނާ ބައްދަލުވި، މި ސަރުކާރު ގެނައުމަށް ވަރަށް އިސް ސަފުގައި މަސައްކަތް ކުރި އާންމު ރައްޔިތަކު ވެސް "ސަރުކާރުން ކުރާ ހަމަ އެކަނި ކަމަކީ ގާނޫނު އަސާސީ އަށް ބަދަލު ގެނައުން،" ކަމަށް ބުނި ކަމަށެވެ. 

ރައީސް ސޯލިހް ފާހަގަ ކުރެއްވި ގޮތުގައި ގާނޫނު އަސާސީ އެކުލަވާލީ އެތައް ބަޔަކު އެތައް ދުވަހަކު މަޝްވަރާ ކޮށްގެން ހަދާފައި އޮތް އެއްޗެއް ކަމަށާއި، ހަމަ އެކަނި އެންމެ މީހަކު ބޭނުންވީމަ ކުއްލިއަކަށް ބަދަލު ކުރާތަން ފެންނަކަމަށް އާންމުން ވެސް ބުނަމުންދާ ކަމަށެވެ.

ގާނޫނު އަސާސީ އަށް ގެންނަ ބަދަލުތައް ހުއްޓުވުމަށް، އަދި އަނބުރާ އިއާދަ ކުރުަމަށް އެމްޑީޕީ އިން ކުރަން ޖެހޭ މަސައްކަތް ވަރަށް ބޮޑު ކަން ތަކުރާރު ކޮށް ރައީސް ސޯލިހް ފާހަގަ ކުރެއްވި އެވެ. އަދި ސަރުކާރަށް ދޭން ޖެހޭ ވަގުތު ދެވިއްޖެ ކަމަށާއި ދެން އޮތީ މަސައްކަތް ފަށައިގަތުންކަން ރައީސް ސޯލިހް ފާހަގަ ކުރެއްވި އެވެ.

"އިރާދަ ކުރެއްވިއްޔާ އެ މަސައްކަތްތައް ސަރުކާރަށް ދޭންވާ ވަގުތު ދީފައި އަޅުގަނޑުމެން މި ފަށައިގަންނަނީ،" ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ އެކަން އެގޮތައް އެމްޑީޕީ އަށް ކުރެވޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.