ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި ރައީސް މުހައްމަދު ނަޝީދަކީ ޚިޔާލު ތަފާތުވުންތައް ހުރި ނަމަވެސް އެކުގައި ކުރިއަށް ދެވޭނެ ގޮތް އަބަދުވެސް ހޯދާފައިވާ އަދި ހޯދަމުންދާ ދެ ބޭފުޅުން ކަމަށް ދެ ބޭފުޅުން ވިދާޅުވެއްޖެ އެވެ.
ބުދަ ދުވަހު އެމްޑީޕީ ގެ އޮފީހުގައި ރައީސް ޞާލިހާއި ރައީސް ނަޝީދު އާ ދެބޭފުޅުން ވަނީ ބައްދަލު ކުރައްވާފަ އެވެ. އެ ބައްދަލުވުމަށް ފަހު ނޫސްވެރިންނާ އެކު ބޭއްވި ބައްދަލުވުމުގައި ރައީސް ޞާލިހު ވިދާޅުވީ އެ ދެ ބޭފުޅުންގެ ގުޅުމަކީ އައު ގުޅުމެއް ނޫން ކަމަށެވެ.
ދެ ބޭފުޅުން ދިމާވީ އިއްޔެއަކު މިއަދަކު ނޫން ކަމަށާ އަބަދުވެސް އެކި ކަންކަމުގައި ޚިޔާލު ތަފާތުވުންތައް ހުންނަ ކަމަށް ރައީސް ޞާލިހު ވިދާޅުވި އެވެ. އަދި އަބަދުވެސް މަސައްކަތް ކޮށްފައިވާނީ އެ ޚިޔާލުތަފާތުވުން ހުރި ނަމަވެސް އެކުގައި ކުރިއަށް ދެވޭނެ މަގެއް ހޯދުމަށް ކަމަށް ވެސް ރައީސް ޞާލިހު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ މިހާރު ވެސް މަސައްކަތް ކުރައްވަނީ އެމަގުން ކަމަށެވެ.
އަޅުގަނޑުމެންގެ މި ގުޅުމަކީ އިއްޔެ އަކު، އޭގެ ކުރީ ދުވަހަކު ގެ ގުޅުމެއް ނޫން. އަބަދުވެސް ހުރޭ ޚީޔާލު ތަފާތުވުންތައް. އަދި ސިޔާސީ ކަންތައްތަކުގަ. އެކަމަކު އޭގެތެރެއިން އަޅުގަނޑުމެންނަށް އެކީގަ ކުރިއަށް ދެވޭނެ ގޮތް ހޯދަން އަބަދުވެސް. ހޯދައިގެން މިހާ ހިސާބަށް މި އާދެވުނީ،ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް
ދެ ބޭފުޅުންގެ ގުޅުމާއި ގުޅިގެން އެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ ރައީސް ޞާލިހަކީ އެމަނިކުފާނަށް އެއްވެސް އިރެއްގައި ދުރު ބޭފުޅެއް ނޫން ކަމަށެވެ. އަދި ބައެއް ފަހަރު ދެބަސްވީ ނަމަވެސް މާ ގިނަ ދުވަހު ދެބަސްވުމުގައި ނުތިބެވޭނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ސޯލިހަކީ އަޅުގަނޑަށް އެއްވެސް އިރެއްގަ ދުރު ބޭފުޅެއް ނޫން. ދެން އަޅުގަނޑުމެން ކުޑަކޮށް ދެބަސްވެފަ ބައެއް ފަހަރު ތިއްބެއް ކަމަކު އަޅުގަނޑުގެ ހިތެއް ނުބުނޭ އަޅުގަނޑުމެންނަކަށް މާގިނަ ދުވަހަކު ތިބެވޭނެ އެކޭ އެހެން، މާ ބޮޑު ދެބަސްވުން ތެރެއަކު. އެއީ އުނދަގޫ ކަމަކަށް އަޅުގަނޑުމެންނަށް ވާނެ،ކުރީގެ ރައީސް މުހައްމަދު ނަޝީދު
ބައްދަލުކުރެއްވުމާ ގުޅިގެން ދެ ބޭފުޅުން ވިދާޅުވީ ކުރިއަށް މިއޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ދެ ބޭފުޅުން އެކުުގައި މަސައްކަތް ކުރުން އެއީ އެންމެ މުހިއްމު އެއް ކަންތައް ކަމަށެވެ.
އެމްޑީޕީ އަކީ ރާއްޖޭގައި އޮތް ވަރަށް ބޮޑު ގައުމީ ޝަޚްސެއް ކަމަށާއި މިއީ ދިވެހިރާއްޖޭގެ މުއައްސަސާ އެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލު ކުރާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި މިއީ ރާއްޖޭގެ ރައްޔިތުންނަށް ވެރިކަމުގަ ބައިވެރިވުމަށް ފުރުސަތުތައް ހޯދައިދޭ ޕާޓީ ކަމަށާއި މިހާތަނަށް ވެސް އެ މަސައްކަތް ކޮށް އެ ފުރުސަތު ހޯދައި ދިން ޕާޓީ ކަމަށެވެ.
މިއަދު އެމްޑީޕީ އާއެކު މަސައްކަތް ފެށި އެހެން ޕާޓީތަކުގެ ހާލަތުން ހާމަ ކޮށްދެނީ އެމްޑީޕީ ގެ އެތެރޭގެ އިންތިޒާމު ހަރުދަނާ ކަން ކަމަށް ވެސް ރައީސް ޞާލިހާއި ރައީސް ނަޝީދު ވިދާޅުވި އެވެ. އެގޮތުން ޕަޓީގެ ގައުމީ މަޖިލީހެއް އޮންނަ ކަމަށާ މަގާމުތަކުގައި ބޭފުޅުން ތިއްބަވާއިރު ގައުމީ ހިންގާ ކޮމިޓީ ވެސް ހިނގަމުންދާ ކަން ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ އެ ދެ ބޭފުޅުންނަކީ ވެސް އެމްޑީޕީ ހިންގައި، ޕާޓީގެ ކަންކަން ހަރުދަނާ ކުރުމުގައި ވަރަށް ބޮޑު ބޮޑު ހިއްސާދާރުން ކަމަށް ދެ ބޭފުޅުން ވެސް ގަބޫލުކުރައްވާ ކަމަށެވެ.