ވިޔަފާރި އުސޫލުން މަސްތުވާތަކެތީގެ ވިޔަފާރިކުރާ 11 ތަނެއް ބަންދު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ. 

ބުދަ ދުވަހު ފުލުުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑްރަގް އެންފޯސްމަންޓުގެ ކައުންޓަރ ނާކޮޓިކްސް އޮޕަރޭޝަންސް ހިންގެވުމާ ހަވާލުވެ ހުންނެވި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ފާތިހު މުހައްމަދު ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ޖުމްލަ 50 ތަނެއް ފާހަގަ ކުރެވިފައިވާ ކަމަށާއި، މާލޭގައި  އެފަދަ ވިޔަފާރިކުރާ އެކްޓިވް 30 ތަނެއް އެބަހުރި ކަމަށެވެ. އަދި 1 ޖެނުއަރީ 2025 އިން މިމަހުގެ 20ގެ ނިޔަލަށް ކެފޭގެ ގޮތުގައި މަސްތުވާތަކެތި ވިއްކާ 11 ތަނެއް ބަންދު ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

މަސްތުވާތަކެއްޗާއި ދެކޮޅަށް ގިނަ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދާކަން ފާހަގަކުރައްވައި ފާތިހު ވިދާޅުވީ މިމަހުގެ 20 ގެ ނިޔަލަށް 997 މީހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި މިފަދަ މައްސަލަތަކުގައި ހިމެނޭ 137 ބިދޭސީން ޑިޕޯޓު ކުރުމަށް އިމިގްރޭޝަންއާ ހަވާލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުުން އެކި އޮޕަރޭޝަންތަކުގައި 498.99 ކިލޯގެ މަސްތުވާތަކެއްޗާއި 6،860 ފުޅި ނުވަތަ ދަޅުގެ ބަނގުރާ އަތުލައިގަނެވިފައިވާ ކަމަށް ފާތިހު ވިދާޅުވި އެވެ. މީގެ މަގުމަތީ އަގު 975 މިލިއަން ދިވެހި ރުފިޔާ އަށްވުރެ ގިނަ ކަމަށް ފާތިހު ވިދާޅުވި އެވެ. 

މަސްތުވާތަކެތީގެ މައްސަލަތަކުގައި ހިމެނޭ ޓްރެފިކިންގެ މިންގަނޑުގެ ތެރެއަށް ފެތޭ މީހުންނަށް އަދި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި މީހުން ހިމެނޭހެން އަޅުގަނޑުމެން ހިންގާފައި ހުރި އިންސްޓްރަކްޝަންތައް. އޭގެތެރޭގައި 16024 މީހަކާއި އަޅުގަނޑުމެން އެންގޭޖްވެ އޭގެ ތެރެއިން 997 މީހަކު ވާނީ 2025 ވަނަ އަޅުގަނޑުމެންގެ ބެލުމުގެ ދަށަށް ގެނެވިފައި. 188 ޑްރަގް އޮފަރޭޝަނެއް ކުރިއަށް ގެންދެވިފައިވާނެ. އޭގެ ތެރެއިން މަސްތުވާތަކެތީގެ މައްސަލާގައި ހިމެނޭ ބޭރުގެ ފަރާތްތައް ގަވާއިދާ ހިލާފަށް އުޅޭ ފަރާތްތައް އޭގެ އިތުރުން ގަވާއިދުގެ ތެރޭގައި ތިއްބަސް މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރެވޭ ފަރާތެއް ވެއްޖެއްޔާގެ އޭގެތެރެއިން 137 މީހަކު ވާނީ  އިމިގްރޭޝަން އާ ހަވާލުކޮށްފައި.
ޑްރަގް އެންފޯސްމަންޓުގެ ކައުންޓަރ ނާކޮޓިކްސް އޮޕަރޭޝަންސް ހިންގެވުމާ ހަވާލުވެ ހުންނެވި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ފާތިހު މުހައްމަދު

ފާތިހު ވިދާޅުވީ ޖެނުއަރީ މަހުން ފެށިގެން މިމަހުގެ 20 ނިޔަލަށް  ޑްރަގް ކޯޓު މެދުވެރިކޮށް 301 މީހަކު އެންޑީއޭގެ ރިމާންޑަށް ފޮނުވާފައިވާ ކަމަށެވެ. 

މީގެއިތުރުން ކަނޑު މަގުންނާއި ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ވެސް ކާމިޔާބު އޮޕަރޭޝަންތަކެއް ކުރިއަށް ގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.