އޮގަސްޓް 27 ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ކުމުންދޫ އަށް ވަޑައިގެން ބިންގާ އެޅުއްވި ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ ބިންގާ އަޅާތަނުގައި ހުރި ކުރީގެ އިމާރާތެއް މަރުތޭލަކުން ތަޅާތާ 4 މަސް ވެއްޖެ ކަމަށް ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުހައްމަދު ވިދާޅުވެއްޖެ އެވެ. 

ސިއްހީ މަރުކަޒުގައި ތަޅަން ފަށާފައި ހުރި އިމާރާތެއް ކައިރީގައި ހުރެ ރާއްޖެއެމްވީ އާއި ވާހަކަ ދައްކަމުން އަމީން ވިދާޅުވީ، އެތަނަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މި އަހަރުގެ އޮގަސްޓް މަހުގެ 27 ވަނަ ދުވަހު އެރަށަށް ކުރެއްވި ދަތުރުފުޅުގައި ހެލްތް މިނިސްޓަރު ވެސް ހިމެނޭ ގޮތަށް ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ ބިންގާ އެޅި ތަން ކަމަށެވެ. 

އޭނާ ވިދާޅުވީ އައު އިމާރާތް އެތަނަށް ފެތެނީ ކުރީގެ ގަރާޖު އިމާރާތާއި ވަށާ ފާރު ތަޅާލައިގެން ކަމަށެވެ. އެހެންކަމުން އިމާރާތް ތަޅާލުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.

މިހާރު މަސައްކަތް ކުރަމުންދަނީ މަރުތޭލަކުން ތަޅައިގެން. އަދި ހަމަ ތަޅަނީ. މިހާރު ދާ ސްޕީޑުކަމަށް ބަލަނީ. އުއްމީދު ކުރަނީ ކުރިއަށް އޮތްތަނުގައި އަވަސްވާނެ ކަމަށް. އަޅުގަނޑަށް ބެލެވޭ ގޮތުގައި އަދި ހައިމާކެއް މިހިސާބަށް ނުފޯރަނީ. 
ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުހައްމަދު

އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ ކުމުންދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ ބިންގާ އަޅާ އަމަލީ މަސައްކަތް ފައްޓަވައި ދެއްވީ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމު އެވެ. މި މަޝްރޫޢުގެ ދަށުން 7,800 އަކަފޫޓުގެ ސަރަޙައްދެއްގައި 2 ފަންގިފިލާގެ އިމާރާތެއް ހެދުމަށް  ވަނީ ނިންމާފަ އެވެ. 

މި މަޝްރޫޢު އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ 27.26 މިލިއަން ރުފިޔާއަށް 360 ދުވަސްތެރޭ ނިންމުމަށެވެ.